ރައީސް އަބްދުﷲ ޔާމީން

ކަފާލާތުގެ ދަށުން ދޫކުރެވޭނެ އުސޫލެއް ނެތް: އިންތި

ރާއްޖޭގެ ނިޒާމުގައި ކަފާލާތުގެ ދަށުން ކުށްވެރިއަކު ދޫކޮށްލެވޭނެ އުސޫލެއް ކަނޑައަޅާފައި ނެތް ކަމަށް ގާނޫނީ ވަކީލު އަދި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

އިންތި މިހެން ވިދާޅުވީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އިސްތިއުނާފު މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމަން ދެން ކަފާލާތުގެ ދަށުން ދޫކޮށްލުމުގައި ގޮތެއް ނުނިމި ލަސް ކުރަމުން ދާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

އިމްތިޔާޒް ވަނީ ކޯޓަކުން ހުކުމެއް އިއްވާފައިވާ އެއްވެސް މީހަކަށް ރާއްޖޭގައި މިހާތަނަށް ކަފާލާތުގެ ފުރުސަތު ދީފައިވޭތޯ ސުވާލު ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ނިޒާމުގެ ތެރެއިން އެކަމަށް އަދި އުސޫލެއް ވެސް ކަނޑައެޅިފައި ނެތް ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ނިޒާމުގެ ތެރެއިން އަދި އުސޫލެއް ކަނޑައެޅިފައި އޮތް ކަމެއް ނޫން ހުކުމަކަށްފަހު ބެއިލް [ކަފާލާތުގެ ދަށުން މިނިވަންކުރުން] ކުރުމަކީ." އިމްތިޔާޒު ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވީ ވަރަށް ހަރުދަނާ ނިޒާމްތައް ހުންނަ ގައުމުތަކުގެ ތެރެއިން ވެސް ވަރަށް މަދު ގައުމެއްގައި ނޫނީ އެކަން އެހެން ނުހިނގާ ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓެއް މެދުވެރިކޮށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ މެސެޖެއް ފޯރު ކޮށްދެއްވައިފަ އެވެ.

ޖަމީލު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ތަފާތު ކުރުމެއް ނެތި ރައީސް ޔާމީނަށް ވެސް ކަފާލާތު ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ ކަމަށެވެ. އެކަމަކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ހުށަހެޅިތާ ދޮޅުމަސް ވެގެން ދިޔައިރު އެ ކަމާ މެދު ގޮތެއް ނުނިމި އޮތުމަކީ ކޮން ކަހަލަ ހަމައެއްތޯ ޖަމީލު ސުވާލު ކުރެއްވި އެވެ.

"ރައީސް ޔާމީންގެ މެސެޖެއް: ތަފާތުކުރުމެއް ނެތި އެމަނިކުފާނަށް ވެސް ބެއިލްގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ. ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ؟ ގާނޫނީ ހައްގު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފު ލިބުމަކީ ޖުޑީޝަރީ އިސްލާހުވުން،" ޖަމީލުގެ ޓްވީޓްގައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ވަން ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން ދެ ޗެކަކަކުން އިސްލާމިކް ބޭންކްގައި އޮންނަ އެމަނިކުފާނުގެ ސޭވިން އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއްގަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ.

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ހައި ކޯޓުން ވަނީ އިސްތިއުނާފުގެ މައްސަލަ ބަލައިގެންފަ އެވެ. އަދި ކޯޓުން ގޮތެއް ނިމަންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާއިރު، މިހާތަނަށް ވެސް އެ ކަމުގައި ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.