ހަބަރު

ހިމަބިހި ޖެހުނީ ވެކްސިން ހަމައަށް ނުދީހުރި ތިން އަހަރުގެ ކުއްޖަކަށް

ރާއްޖެއިން ހިމަބިހި (މީސްލްސް) ފެނި، ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށާ އެއީ ވެކްސިން ދީފައި ނުވާ ކުޑަ ކުއްޖެއް ކަމަށް ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އުމުރުން ތިން އަހަރުގެ އެ ކުއްޖާއަށް މީސްލްސް ވެކްސިންގެ ދެ ޑޯޒް ދީފައިނުވާ ކަމަށެވެ. އެއީ އުމުރުން ނުވަ މަހާއި 18 މަހުގައި ދޭންޖެހޭ ދެ ޑޯޒެވެ. އެ ކުއްޖާގެ ހާލަތު ރަނގަޅު ކަމަށާ ބަލި ފެތުރޭ މުއްދަތު މިހާރު ފަހަނައަޅާފައިވާތީ އެ ކުއްޖާ ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މި ކުއްޖާގެ ކޭސް ދެނެގަނެވިފައި ވަނީ ރާއްޖޭގައި ގާއިމްކޮށްފައިވާ މީސްލްސް އަދި ރުބެއްލާ ސަވައިލެންސް ނިޒާމުގެ ތެރެއިން ކަމަށެވެ. މި ނިޒާމުގެ ތެރެއިން މިިދިޔަ އަހަރު 46 މީހަކު ޓެސްޓް ކޮށްފައިވާ ވެއެވެ.

އެޗްޕީއޭއިން ތިން އަހަރުގެ ކުއްޖާ ހިމަބިއްސަށް ޝައްކުވުމުން ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް އެ ކުއްޖާއާއެކު އުޅެފައިވާ ހުރިހާ އެންމެން ވެސް ޓެސްޓް ކޮށްފައިވާ ކަމަށެވެ.

ހިމަބިއްސަކީ ވައިގެ ޒަރިއްޔާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ކުދިންނަށް މި ބަލި އެހެން މީހެއްގެ ފަރާތުން ވަރަށް ފަސޭހައިން ޖެހޭނެ އެވެ.

އެ އެޖެންސީން ވަނީ އެ ކުއްޖާއަށް ހިމަބިހި ޖެހިފައިވާ ދުވަސްވަރު ޒިޔާރަތްކުރި ތަންތަނުގެ މައުލޫމާތު ވެސް ހާމަކޮށްފަ އެވެ. އަދި އެތަންތަނަށް އެ ދުވަސްތަކުގެ އެ ގަޑިތަކުގައި ޒިޔާރަތްކުރި މީހުންގެ ތެރެއިން ބަލި ޖެހުމުގެ ފުރުސަތު އޮތީ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ހަމަނުކުރާ ފަރާތްތަކަށް ކަމަށް ވަނީ ބުނެފައެވެ.

ކުއްޖާ ޒިޔާރަތްކުރި ތަންތަން

  • 4 ޖަނަވަރީ 2020 (ރޭގަނޑު 20:00 - 23:00) ހުޅުމާލެ ހޮސްޕިޓަލް
  • 5 ޖަނަވަރީ 2020 (ހަވީރު 17:00 - 21:00) ހުޅުމާލެ ހޮސްޕިޓަލް
  • 6 ޖަނަވަރީ 2020 (ރޭގަނޑު 19:00 - 22:00) ސެނެހިޔާ
  • 7 ޖަނަވަރީ 2020 (ރޭގަނޑު 19:00 - 02:00) ހުޅުމާލެ ހޮސްޕިޓަލް
  • 8 ޖަނަވަރީ 2020 (ހެނދުނު 11:00 - 13:30) ޓްރީޓޮޕް

އެޗްޕީއޭއިން ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ނުވަވަަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކާއި، އެ ސަރަހައްދުގެ ކެފޭތަކަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން މީސަލްސް ދެ ޑޯޒް ހަމަނުކުރާ މީހުން، އަވަހަށް ވެކްސިން ޖެހުމަށާއި، 21 ދުވަހުގެ ތެރޭގައި ބިހި ނަގާ، ހުން އައުން ފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް އެދިފައެވެ.

ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައި ހުރުމެވެ.

ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަ ކަމަށާ އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވަނީ ޖޫން 2017 ގައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށްއެބަލި ޖެހިފައި ނުވާތީ އެވެ.

ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.

މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.