ޕާކިސްތާން

ޕާކިސްތާން މިސްކިތަށް ދިން ހަމަލާ ކުށްވެރިކޮށްފި

ޕާކިސްތާނުގެ ގުއެތާގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި ބަޔަކު މަރުވުމާއި ގުޅިގެން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް މަހްދޫމް ޝާހް މަހްމޫދު ގުރޭޝީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

މިނިސްޓަރު ޝާހިދުގެ މެސެޖްގައި، ޕާކިސްތާނުގެ ހުޅަނގު ދެކުނުގައިވާ ގުއެތާގެ މިސްކިތުގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން މިސްކިތުގައި އެވަގުތު ތިބި ކުށެއް ނެތް އެތައް ބަޔަކު މަރުވި ހަބަރު އެއްސެވީ ފުން ހިތާމަޔާ އެކުގައި ކަމަށް ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖެއިން ޓެރަރިޒަމްގެ ހުރިހާ އަމަލަކާއި ދެކޮޅުކަން ހާމަކުރައްވައި، މިސްކިތަކަށް ދިން ނުރައްކާތެރި ހަމަލާ ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައުއާއި ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރު ޝާހިދު ދެއްވިއެވެ.

ޕާކިސްތާނަށް ދިމާވެފައިވާ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހިރާއްޖެއިން ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާއި އެކުގައިވާ ކަމަށް ޝާހިދުގެ މެސެޖްގައި ވިދާޅުވިއެވެ. އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް މިނިސްޓަރު އެދިވަޑައިގަތެވެ.