ޔޫއެން

ގައުމުތައް ގުޅިގެން ކުރާ މަސައްކަތަށް އިސްކަންދޭނަން: ޝާހިދު

Jun 26, 2020
1

މަލްޓިލޭޓަރަލިޒަމަށް ދިވެހި ސަރުކާރުން އިސްކަން ދޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އދ. ގެ ޗާޓަރު އެކުލަވާލިތާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގަ އެވެ.

މި މެސެޖްގައި ޝާހިދު ވިދާޅުވީ އދ. ޗާޓަރުގެ ސަބަބުން ގައުމުތަކުގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި ހުރިހާ ގައުމުތަކަށް އެއް ހަމައެއްގައި އަޑު އުފުލުމުގެ ގާބިލްކަން ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ދުނިޔެއަށް ދިމާ ވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްގީއާއި ގުދުރަތީ ކާރިސާތައް ފަދަ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް އދ. ގެ މެމްބަރު ގައުމުތަކުން މަލްޓިލޭޓަރަލް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވެސް ޝާހިދު ގޮވާލެއްވި އެވެ.

އދ. ގެ ޗާޓަރުގައި ސޮއިކުރީ ޖޫން 26، 1945 ވަނަ އަހަރު އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން އިންޓާނޭޝަނަލް އޯގަނައިޒޭޝަން އަށްފަހު އެވެ. އަދި ޗާޓަރަށް އަމަލު ކުރަން ފެށީ އޮކްޓޫބަރު 24، 1945 ގަ އެވެ.

ޗާޓަރުގެ ދަށުން އދ. އަށް މަތިކޮށްފައި ވަނީ ބައިނަލްއަގްވާމީ ސުލްހަ ބެލެހެއްޓުމާއި އިޖްތިމާއީ ކުރިއެރުމަށް މަސައްކަތްކޮށް ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމާއި، ބައިނަލްއަގްވާމީ ގާނޫނުތައް ހަރުދަނާކޮށް، އިންސާނީ ހައްގުތައް ކުރިއެރުވުމެވެ.