ރައީސް އަބްދުﷲ ޔާމީން

އިންސާފަކީ ކަފާލާތުގެ ފުރުސަތު ޔާމީނަށް ދިނުން: ޝިޔާމް

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އިސްތިއުނާފު މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމަންދެން ކަފާލާތުގެ ދަށުން މިނިވަންވުމުގެ ފުރުސަތު ނުދިނުމަކީ އެމަނިކުފާނަށް އިންސާފު ނުލިބުން ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓެއް މެދުވެރިކޮށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ މެސެޖެއް ފޯރު ކޮށްދެއްވައިފަ އެވެ. އެ ޓްވީޓުގައި ޖަމީލު ވިދާޅުވީ ތަފާތު ކުރުމެއް ނެތި ރައީސް ޔާމީނަށް ވެސް ކަފާލާތު ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ ކަމަށެވެ. އެކަމަކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ހުށަހެޅިތާ ދޮޅުމަސް ވެގެން ދިޔައިރު އެ ކަމާ މެދު ގޮތެއް ނުނިމި އޮތުމަކީ ކޮން ކަހަލަ ހަމައެއްތޯ ޖަމީލު ސުވާލު ކުރެއްވި އެވެ.

"ރައީސް ޔާމީންގެ މެސެޖެއް: ތަފާތުކުރުމެއް ނެތި އެމަނިކުފާނަށް ވެސް ބެއިލްގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ. ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ؟ ގާނޫނީ ހައްގު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފު ލިބުމަކީ ޖުޑީޝަރީ އިސްލާހުވުން،" ޖަމީލުގެ ޓްވީޓްގައިވެ އެވެ.

ޖަމީލްގެ ޓްވީޓާއި ގުޅިގެން ރައީސް ޔާމީނަށް ކަފާލާތުގެ ފުރުސަތު ދިނުމާމެދު ތަފާތު ބަހުސްތައް ދަނީ ހިނގަމުންނެވެ. އެގޮތުން އިސްތިއުނާފް މަރުހަލާގަ ކަފާލާތަށް އެދެވޭނީ ދަށު ކޯޓުން ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅުމުން ޕީޖީ މައްސަލަ އިސްތިއުނާފްކޮށް، އިސްތިއުނާފް ނިމެންދެން އެމީހަކު ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކުރާ ހާލަތުގަ އެކަނި ކަމަށް ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ އަހުމަދު ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އިސްތިއުނާފު މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމަން ދެން ކަފާލާތުގެ ދަށުން މިނިވަން ވުމުގެ ފުރުސަތު ނުދިނުމަކީ ރައީސް ޔާމީނަށް އިންސާފު ނުލިބުން ކަމަށެވެ. އެހެން ކަމުން އެ ފުރުސަތު އެމަނިކުފާނަށް ދެއްވުމަށް ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން ގެންދަނީ މީގެ ކުރިންވެސް ސިޔާސީ ބައެއް ބޭފުޅުން ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ ކަމެވެ. އެގޮތުން ސެޕްޓެންބަރު 30، 2018 ގައި ކުރީގެ ރައީސް މައުމޫނާއި، ގާސިމް އިބްރާހިމް އަދި ފާރިސް މައުމޫން ވެސް މިނިވަންކޮށްފައި ވަނީ ކަފާލާތުގެ ދަށުންނެވެ.

ހައިކޯޓުން އެ ބޭފުޅުން މިނިވަންކުރީ ބޮޑެތި އަދަދުތަކުން ފައިސާ ބަހައްޓާފައެވެ. އެގޮތުން ގާސިމް މިނިވަންކުރީ 70،000 ރުފިޔާ ބަހައްޓާފައެވެ. ރައީސް މައުމޫން 60،000 ރުފިޔާ އަދި ފާރިސް މައުމޫން 40،000 ރުފިޔާ ބަހައްޓާފައެވެ.

ކަފާލާތުގެ ދަށުން އޭރު ސިޔާސީ ބޭފުޅުންތަކެއް ހައިކޯޓުން މިނިވަންކޮށްފައިވާތީ ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުން ވަނީ ކަންބޮޑުންވެސް ފާޅުކޮށްފައެވެ.

އެ ބޭފުޅުން މިނިވަންވި ރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރު އެޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ލާރިހުރި މުއްސަދިންނާއި ބާރުހުރި ބޭފުޅުން ބޮޑެތި އަދަދުތަކުން ކަފާލާތު ދެއްކުމަށްފަހު މިނިވަންވަމުންދާ ކަމަށާއި ނަމަވެސް ނިކަމެތި ކުދިންގެ އާއިލާތަކުންނާއި އަނބިދަރިން އަދިވެސް ތިބީ ޖަލުގައި ކަމަށެވެ.