ލައިފްސްޓައިލް

ހަތް އަހަރުގެ ކުއްޖެއްގެ ކުރެހުމަކަށް 12،000 ޑޮލަރު

މިކައިލް އަކަރް އުފަންވެފައި ވަނީ 2012 ގައެވެ. ޖަރުމަނަށް އުފަން މި އާޓިސްޓްގެ ހަޔާތުގެ ބޮޑުބައި އޭނާ ހޭދަކޮށްފައި ވަނީ މަޝްހޫރުކަމުގަ އެވެ. ރޮނގުދަމާފައިވާ ޖަމްޕަރެއް ލައިގެން މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން ހުންނަ މި ކުއްޖާ ކިތަންމެ މޮޅަސް އޭނާ އަކީ ހަތް އަހަރުގެ އެހެން ކުދިންނެކޭ ވެސް އެއްފަދައިން ހުވަފެންތައް ދެކޭ ކުއްޖެކެވެ. ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމުގެ ހުވަފެނެވެ.

ނަމަވެސް މިކައިލް ދުނިޔޭގެ މީހުންނަށް އެނގެނީ އޭނާ އެހާ ކުޑައިރުވެސް ކުރަހާ ކުރެހުންތަކުގައި ހުންނަ އެކްސްޕްރެޝަންތަކުގެ ސަބަބުންނެވެ. އޭނާގެ ހުނަރުން ބައިނަލްއަގުވާމީ އާޓުގެ ދުނިޔެއަށް އޭނާ ވަނީ ތޫފާނެއް ކުރިމަތިކުރުވާފަ އެވެ.

ޖަރުމަން މީޑިއާއިން މިކައިލް އަށް ނަން ދީފައިވަނީ ޕްރީ-ސްކޫލް ޕިކާސޯ" އެވެ. މިކައިލްގެ ޕެއިންޓިންގްސް އެތައް ހާސް ޑޮލަރަކަށް ގަންނާނެ މީހުން މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ.

އުމުރުން އެންމެ ހަތް އަހަރު ނަމަވެސް މިކައިލް އަކީ މިހާރު އާޓްގެ ދުނިޔޭގައި ވިދާ ނަމެކެވެ. ޖަރުމަނާއި ފްރާންސް އަދި އެމެރިކާއިން ވެސް އޭނާގެ ކުރެހުންތަކަށް ޝައުގުވެރިކަން އެބަހުރި ކަމަށް މިކައިލްގެ މެނޭޖަރުކަން ވެސް ކުރާ އޭނާގެ ބައްޕަ ކަރީމް އަކަރް ބުންޏެވެ.

މިކައިލްގެ ކުރެހުމުގެ ހުނަރު ހުރިކަން މީގެ އަހަރުތަކެއް ކުރިން އޭނާގެ ބައްޕައަށް ފާހަގަ ކުރެވުނީ ޗާންސަކުންނެވެ. އޭނާގެ ހަތަރު ވަނަ އުފަން ދުވަހު މިކައިލްގެ ބައްޕަ ހަދިޔާއަކަށް ދިނީ ކެންވަސް އަކާއި ހޭންޑްޕްރިންޓް ޕެއިންޓްސް އެވެ. މިއީ ދަރިފުޅަކީ ކުރެހުމަށް މާ މޮޅު ކުއްޖެއްކަން އެނގިގެން އޭނާ ދިން އެއްޗެއް ނޫނެވެ.

"އަހަރެމެން އޭނައަށް ކާރާއި އެކި ކަހަލަ ކުޅޭ އެއްޗެހި ވަރަށް ގިނައިން އޭރު ގަނެދީފަ ހުރީ. އެހެންވެ އެ ފަހަރު ކެންވަސް އެއް ދޭނީއެއް ހިތަށް އެރީ،" މިކައިލްގެ ބައްޕަ ބުންޏެވެ.

ކަރީމް އިތުރަށް ބުނި ގޮތުގައި މިކައިލް ކުރެހި ފުރަތަމަ ތަސްވީރު ރީތިކަމުން އޭނާ ހީކުރީ އެއީ އޭނާގެ އަންހެނުން، ކުރަހާފައިވާ ކުރެހުމެއް ކަމަށެވެ. ނަމަވެސް ދެ ވަނަ އަދި ތިން ވަނަ ތަސްވީރު ކުރެހުމާއެކު ދަރިފުޅުގެ ހުރި އާދަޔާޚިލާފު ހުނަރު އެމީހުންނަށް ވެސް ވަޒަން ކުރެވުނެވެ.

މިކާއިލްގެ ހުނަރު އޭނާގެ އެންމެ ފަހުގެ ކުރެހުންތަކުން ވަރަށް ބޮޑަށް ފެނިގެން ގޮސްފައި ވެއެވެ. ޖަރުމަނުގެ އަދި ބެޔާން މިއުނިކްގެ ފުޓުބޯޅަ ކުޅުންތެރިޔާ މެނުއަލް ނޯޔާ އާ ގުޅިގެން މިކައިލް ކުރެހި ކުރެހުން ދާދިފަހުން ވަނީ 12،000 ޔޫއެސް ޑޮލަރަށް ވިކިފަ އެވެ. މިއީ ނޯޔާއާގެ ޗިލްރަންސް ޗެރިޓީއަށް ފައިސާ ހޯދަން ކުރެހި ކުރެހުމެކެވެ.

ކުރެހުމުގައި މިކައިލް ގެންގުޅެނީ އޭނާ އަމިއްލައަށް ތަރައްގީކޮށްފައިވާ އޭނާގެ އަމިއްލަ ޓެކްނިކް ތަކެކެވެ. އޭގެ ތެރޭގައި ބައްޕަގެ ބޮކްސިން އަންގި ލައްވައިގެން ކެންވަސްގައި ކުލަ ޕަންޗްކޮށްގެން ތައްޔާރުކުރާ ކުރެހުންތައް ހިމެނެ އެވެ.
ބާލިންގެ ޕްރައިވެޓް ގެލެރީއެއްގައި މިދިޔަ މަހު އޮތް މިކާއިލްގެ މަސައްކަތްތައް ދައްކާލުމަށް ބޭއްވި އިވެންޓަކަށް ދިޔަ މީހަކު ބުނި ގޮތުގައި އެ ކުރެހުން ބަލާފައި އޭނާ ބަސް ހުއްޓުނެވެ. އެއީ ޕްރައިމަރީ ސްކޫލް ފަށަން އުޅޭ ކުއްޖެއްގެ ކުރެހުމެއް ކަން އެނގުނީމަ އެވެ.

އެ ކުރެހުމުގެ ބެލެންސް އާއި ހާމަނީ އަކީ އެހާ ކުޑަ ކުއްޖަކަށް ކުރެވިދާނެ ކަމެއް ކަމަށް ހިތަށް ވެސް ނާރާ ކަމަށް ބާލިންގެ ފޮޓޮގްރާފަރެއް ކަމަށްވާ އަރީނާ ޑައެނިކް ބުންޏެވެ.

"އެހެން މީހުންގެ އެހީތެރިކަމާއެކު ކުރިއަށް ދާނަމަ އަދި ބަޔަކު އޭނާގެ ނާޖާއިޒު ބޭނުން ނުހިފައިފިނަމަ މި ކުއްޖާގެ މުސްތަގްބަލް ވަރަށް އުޖާލާ،" އަރީނާ ބުންޏެވެ.

ކިތަންމެ މޮޅަށް ކުރަހައިގެން ކިތަންމެ މަޝްހޫރުކަމެއް ލިބުނަސް މީކައިލް އަދިވެސް ދެކޭ ހުވަފެނަކީ މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމެވެ. އޭނާ ސްކޫލް ޓީމަށް ކުޅެ 8-0 ގެ ބޮޑު ކާމިޔާބެއް ލިބިފައިވާތީ އުފަލުން ހުރި މީކާއިލް ބުނީ ކުރެހުމަކީ އޭނާ ވަރަށް ވަރުބަލިވާ ކަމެއް ކަމަށެވެ. ޚާއްސަކޮށް ބައްޕަގެ ބޮކްސިން އަންގިން ކުރަހާއިރު އެވެ.

މީކާއިލް އަށް ކުރެހުމަށް ޕްރެޝަރު ކުރާހަކަށް އޭނާގެ މައިންބަފައިން ބޭނުމެއް ނޫނެވެ. ހަފުތާއަކު އެއް ދުވަހުވެސް މީކާއިލް ކުރާހިތް ވެދާނެ އެވެ. ނުވަތަ މަހަކު އެއްފަހަރުވެސް ކުރަހާހިތް ވެދާނެ އެވެ. އޭނާ ކުރަހާނީ ހަމައެކަނި އޭނާ ބޭނުން ވީމަ އެވެ. އެހެންވެ ވަރަށް ގިނަ މީހުންގެ ފަރާތުން ކުރެހުމަށް ލިބިފައިވާ ފުރުސަތުތައް އެމީހުން ބޭނުންނުކޮށް ދޫކޮށްލާފައިވެސް ވެއެވެ.

މީކާއިލްއަށް ލިބުނު މަޝްހޫރުކަމާއެކު އޭނާގެ ބައްޕަގެ ދިރިއުޅުން ވެސް ވަނީ ބަދަލުވެފަ އެވެ. އޭނާ އާއި އޭނާގެ އަންހެނުން މިހާރު ދިރިއުޅެނީ ކުރެހުމުގެ ތެރޭގަ އެވެ. ކުރިން ސޭލްސްމަން އަކަށް އުޅުނު މިކައިލްގެ ބައްޕަ މިހާރު ވަޒީފާ ދޫކޮށްލާފައި މިކައިލްގެ ކަންތައްތައް މެނޭޖްކުރުމުގައި ފުލްޓައިމްކޮށް ދަނީ އުޅެމުންނެވެ. އޭނާ އަމިއްލަ އެޖެންސީއެއް ހުޅުވައި، ކާމިޔާބު ބްރޭންޑަކަށް މިކައިލް ވަނީ ހަދާފަ އެވެ.

ކުޑަކުޑަ މިކައިލް އިންސްޓަގްރާމްގައި ފޮލޯކުރާ 40،000 މީހުން މިހާރު އެބަ ތިއްބެވެ. އޭނާ ދަނީ ފުރަތަމަ ފަހަރަށް ޖަރުމަނުން ބޭރު ގައުމެއްގައި އޭނާގެ ކުރެހުންތައް ދައްކާލަން ތައްޔާރު ވަމުންނެވެ.

"ދެން އެންމެ ފުރަތަމަ އަހަރެމެން ކުރެހުންތައް ދައްކާލާނީ ކޮލޯންގަ. އޭގެ ފަހުން ދާދީ ޕެރިހަށް،" މިކައިލްގެ ބައްޕަ ބުންޏެވެ.