ދިވެހި ޕްރެމިއާ ލީގް

ޓީސީ ބަލިކޮށް އީގަލްސް ދެވަނައިގައި ހަމަޖެހިލައިފި

ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކުލަބު އީގްލްސްއިން ތާވަލުގެ ދެ ވަނައިގައި ހަމަޖެހިލައިފި އެވެ.

މިއަދުގެ މެޗުން ޓީސީއަށް މޮޅު ވެވުނުނަމަ، ތާވަލުގެ ދެ ވަނަ އަށް އެ ޓީމަށް އެރުނީހެވެ. އެހެންނަމަވެސް އީގަލްސް މޮޅުވުމުން އެ ޓީމު ވަނީ ތާވަލުގެ ދެ ވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ޓީސީން ހޯދި 33 ޕޮއިންޓާއެކު އެއް ވަނައިގައި އޮތް މާޒިޔާ އާ އީގަލްސް އާ ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް ވެއެވެ. މާޒިޔާއަށް ލިބިފައި ވަނީ 41 ޕޮއިންޓެވެ. ޓީސީއަށް ލިބިފައި ވަނީ 28 ޕޮއިންޓެވެ.

އީގަލްސްއިން ވަނީ މެޗުގެ 16 ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ. ޓީސީގެ ހާފްގެ ތެރެއިން އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ބޯޅަ ތުރޫ ޕާހަކުން އޭނާ ނަގައިދިނީ އަހްމަދު ރިޒްވާން (ރިޒޭ) އަށެވެ. އޭނާ ވަނީ އޭރިއާގެ ތެރޭގައި ހުރެ ޓީސީގެ ގޯލްގެ ތެރެއަށް އެ ބޯޅަ ވައްދާލާފަ އެވެ.

ޓީސީއަށް އިތުރު މައްސަލައެއް ކުރިމަތިވީ އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ސާދު ނިޒާރުއަށް ރަތް ކާޑު ދެއްކުމުންނެވެ. އެއީ އީގަލްސްއަށް ލިބުނު ހުސް ފުރުސަތެއްގައި ހަސަން ރާއިފް އަހްމަދު (ހަންނަ) އޭރިއާ ތެރެއަށް ވަންނަން އުޅުމުން ޓެކްލުކޮށް ވައްޓާލުމުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ، މެޗުގެ ކުރީކޮޅުން ފެށިގެން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ޓީމަށް ވަރަށް ބޮޑަށް އުނދަގޫ ކުރިމަތިވެގެން ދިޔަ ކަމަށެވެ. އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗު ފަށައިގެން އީގަލްސް ވަރަށް ރަނގަޅު ގޭމެއް ކުޅެމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް ޓީސީން އެއް ކުޅުންތެރިޔަކު މަދުވި ހިސާބުން އީގަލްސްގެ ކުޅުންތެރިންނަށް މާ ބޮޑަށް ފަސޭހަ ކޮށްލެވުމުން ކުޅެން ބޭނުންވާ ގޭމް ނުކުޅެވުނު ކަމަށެވެ.

އީގަލްސްގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސެންޓޭ އެވެ. ޓީސީގެ ހާފުގެ ތެރެއިން ރިޒޭ ބޯޅަ ހޯދައި މަސައްކަތް ކުރީ އޭރިއާ ތެރެއަށް ވަންނަން ދިޔަ ސެންޓޭއަށް ބޯޅަ ދިނުމަށެވެ. ރިޒޭ ނެގި ބޯޅަ ޓީސީގެ ޑިފެންޑަރު ބޮލުން ދިފާއު ކުރި ބޯޅަ އަނެއްކާވެސް ލިބުނީ ރިޒޭ އަށެވެ. އޭނާ ވަނީ އޭރިއާ ތެރެއަށް ވަދެ ސެންޓޭއަށް އެ ބޯޅަ ނަގައިދިފަ އެވެ. އޭރިއާ ތެރޭގައި ހުަށް ހުރުމުން ފަސޭހަ ކަމާއެކު އެ ބޯޅަ ގޯލްގެ ކަނަށް ފޮނުވާލި އެވެ.

މެޗުގެ ފަހު 15 މިނެޓް، އީގަލްސްއިން ވެސް ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މިދިޔަ ހުކުރު ދުވަހު ފ. ނިލަންދޫ ސްޕޯޓްސް ކުލަބުން އީގަލްސް އަށް ބަދަލުވި ޖަޕާންގެ މިޑްފީލްޑާ ޓޮށިކީ އޮކޮމޯޓާ (ޓޮށީ) އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލީ މެޗުގެ 76 ވަނަ މިނެޓްގަ އެވެ.

ދެ ވަނަ ހާފުގެ ފަހު ކޮޅުގައި ޓީސީން، އަކުރަމް އަބްދުލް ގަނީ މެދުތެރެއަށް ޖައްސައި އެ ޓީމުގެ ހަމަލާތައް ވަރުގަދަ ކުރި އެވެ. ގުރީން ސްޓްރީޓުން މިދިޔަ ހުކުރު ދުވަހު އަލުން ޓީސީއަށް ބަދަލުވި އަލީ އަޝްފާގްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. އީގަލްސްގެ ތިން ވަނަ ލަނޑު މެޗުގެ 91 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ހުކުރު ދުވަހު ށ. ފޯކައިދޫ ޓީމުން އީގަލްސްއަށް ބަދަލުވި ހަސަން ނަޒީމް (ޗޯޓް) އެވެ. އޭނާ ލަނޑު ޖެހީ ހަންނަ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ލީގްގެ ގަވާއިދުގައި އަށް ޓީމު ހިމަނައިގެން ތިން ވަނަ ބުރުގެ ކުޅެން ލިޔެފައި އޮތް ނަމަވެސް، ތިން ވަނަ ބުރު ހަ ޓީމާއެކު ކުޅެން އެފްއޭއެމުން ނިންމީ، ކުލަބުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުން ތަކާއެކު، މަޝްވަރާ އަށް ގޮސްގެންނެވެ. ތިން ވަނަ ބުރުގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު މާޒިޔާ ނުކުންނާނީ، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބާ ދެކޮޅަށެވެ.