ހަބަރު

ވެކްސިން ނުޖަހާ ކުދިން ވައްދާ ސުކޫލް އެނގޭ!

ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް އެނގޭނެ ކަމަށާ އެކަމުގައި މިހާތަނަށް އިހުމާލުވެފައި ވަނީ އެ އިދާރާތަކުން ކަމަށް ބައެއް ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.

ވެކްސިންގެ މައްސަލާގައި މާލޭގެ ބޮޑެތި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާ ބައެއް ޑޮކްޓަރުން ވަނީ އަވަސް އަށް މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. ބައެއް ޑޮކްޓަރުން ވިދާޅުވީ ފަހަކަށް އައިސް ބަލިބައްޔާ ގުޅޭ ތަފާތު މައުލޫމާތުތަކާއި، އަދި ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ބައެއް ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ޑޮކްޓަރުން ހާމަކުރަމުން ގެންދަނީ އެކަންކަން ކުރަން ޖެހޭ ބައެއް އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ ކަމަށެވެ.

ރާއްޖެއިން ހިމަބިހި ޖެހިފައިވާ ކުޑަ ކުއްޖަކު ފެނުނު މައްސަލަ އާ ގުޅިގެން، ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ކުރެއްވި ޓްވީޓަކަށް އެޑިއުކޭޝަން މިނިސްޓަރު ރައްދު ދެއްވާފައިވާއިރު، ފައިސަލް ހާމަ ކުރެއްވި މައުލޫމާތަކީ މިދިޔަ އަހަރު ކަމާބެހޭ އިދާރާތަކަށް ލިބިފައިވާ މައުލޫމާތުތަކެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ. އަދި އެފަދަ މައުލޫމާތުތައް ޑޮކްޓަރުން އިސްވެ ހާމަ ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް ވިދާޅުވިއެވެ.

"ޑރ. ފައިސަލް އެ މައުލޫމާތު ހާމަކުރުން މި ގޯސްވީ! ނަމަވެސް މިއީ އެޗްޕީއޭއިން ފައިސަލަށް ދެއްވި މައުލޫމާތެއް، އެއީވެސް މިދިޔަ އަހަރު. އެހެންވީމަ ވަގުތުން އަޅަން ޖެހޭ ފިޔަވަޅު ނޭޅި އޮތީ. އެއީ ކަންބޮޑުވުމެއް. ކަންބޮޑުވުމަކީ ފައިސަލް އެކަން ހާމަ ކުރުމެއް. ކަންބޮޑުވުމަކީ އެކަމާމެދު މިހާތަނަށް ވެސް ފިޔަވަޅެއް އެޅިފައި ނެތުން." އަވަސްއާ މައުލޫމާތު ހިއްސާ ކުރެއްވި ސިއްހީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ހުންނަ ސްކޫލަކަށް ވެކްސިން ނުޖަހާ ކުދިން ވައްދާ ކަމަށް ފައިސަލް ވިދާޅުވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެކަމަނާ ވިދާޅުވީ، ތަޖުރިބާކާރު ބޭފުޅުން އެފަދަ ވާހަކަތައް ދެއްކެވުމަކީ އާއްމުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން ފެތުރޭނެ ކަމެއް ކަމަށެވެ.

ޑޮކްޓަރަށް އެނގިވަޑައިގެންފައިވާ މައުލޫމާތު ހިއްސާ ކުރެވެން އޮތް ނަމަ އެކަން ކޮށްދެއްވުމަށް ވެސް އެކަމަނާ އެދި ވަޑައިގެންފައި ވެއެވެ.

"މައުލޫމާތު ހިއްސާކޮށްދެއްވާ، އޭރުން އަޅުގަނޑުމެންނަށް އެކަމަށް އަވަސް ފިޔަވަޅުތައް އެޅޭނީ،" މިނިސްޓަރުގެ ޓްވީޓުގައި ވެ އެވެ.

މިނިސްޓަރުގެ އެ ވާހަކަފުޅަށް ފައިސަލް ވެސް ވަނީ ރައްދު ދެއްވާފަ އެވެ. ފައިސަލް ވިދާޅުވީ އެއީ ކޮން ސްކޫލެއްކަން އެޗްޕީއޭ އާއި އައްޑޫ ސިޓީގައި ވެކްސިން ޖެހުމުގެ ކަންކަމާ ހަވާލުވެތިބި ފަރާތްތަކަށް އެނގޭނެ ކަމަށެވެ.

"އަޅުގަނޑަށް މި މަޢުލޫމާތުތައް ދެއްވީ ވެސް އެބޭފުޅުން [އެޗްޕީއޭ] އިން" ފައިސަލް ވިދާޅުވެ އެވެ.

ވެކްސިންގެ އަޑު ގަދަވެފައި މިވަނީ ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުން އެ މީހުންގެ ދަރިންގެ ގަޔަށް ވެކްސިން ޖެހުމަށް ދެކޮޅު ހަދަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފަައި ވަނިކޮށެވެ. އަދި ވެކްސިން ޖެހުމަށާއި، ދަރިން ސުކޫލަށް ނުފޮނުވުމާއި، އަދި އެ ނޫންވެސް ހަރުކަށި ފިކުރަށް ތަބާވާ މީހުންނާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާ ކަމަށް ހާމަކޮށްފައި ވަނިކޮށެވެ.