ލައިފްސްޓައިލް

ތެތް އިސްތަށިގަނޑާއެކު ނިދުމުން އަންހެނަކަށް ލިބުނު ގެއްލުން

އިސްތަށިގަނޑު ދޮވުމަށްފަހު ތެތްކޮށް އޮއްވާ ނިދުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. ނަމަވެސް ގަވާއިދުން މިކަން ކުރުމަކީ ސިއްހަތަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެކެވެ. މިކަމުގެ ސަބަބުން މޫނުގެ ވާގި ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޗައިނާގެ 32 އަހަރުގެ އަންހެނަކަށް މިފަދަ ކަމެއް ވަރަށް ފަހުން ދިމާވި އެވެ.

މި އަންހެންމީހާ އަކީ ޝޮޕިން މޯލެއްގައި މަސައްކަތްކުރާ މީހެކެވެ. ދުވާލު ހަތަރުދަމު ބުރަ މަސައްކަތުގައި އުޅެފައި ގެޔަސް އައިސް ފެންވަރާލައިގެން ނިދުމަކީ އެމީހާ އާދަކޮށް ކުރަމުން އައި ކަމެކެވެ. އިސްތަށީގަނޑު ތެތް ނަމަވެސް ހިއްކަން ހެއާ ޑްރަޔާ ފަދަ އެއްޗެއް މި މީހާ ބޭނުމެއް ނުކުރެ އެވެ. އިސްތަށިގަނޑު ތެތްކޮށް ބާއްވައިގެން ނިދަން އޮށޯންނަނީ އެވެ. މިގޮތަށް އެއް ދުވަހު އޭނާ ނިދާފައި ހޭލިއިރު މޫނު އެއްގޮތަކަށް ވެސް ހަރަކާތެއް ނުކުރެ އެވެ. އިރުކޮޅަކުން ރަނގަޅު ވެދާނެ ކަމަށް ހިތާ ވަރަށް ހާލުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ތަތް އުނގުޅަން މަސައްކަތް ކުރުމުން އަނގަ ވެސް އޮރިދަމައިގެންފައި ހުރިކަން އެމީހާއަށް އެނގުނެވެ.

ޒިއޮންގް ނަމަކަށް ކިޔާ މި އަންހެންމީހާ ގަންނާކުރެއްވި ބިރުން އަވަހަށް ޑޮކްޓަރަކަށް ދައްކަން ދިޔަ އެވެ. އޭނާގެ މޫނުގެ ވާގި ގޮސްފައިވާ ކަމަށް ޒިއޮންގް ކައިރީ ޑޮކްޓަރު ބުންޏެވެ. އަދި މިއީ ނިދާއިރު އިސްތަށީގަނޑު ތެތްކޮށް ބާއްވައިގެން ނިދުމުގެ ގޯސް އާދަ ގެންގުޅޭތީ ދިމާވި ކަމެއް ކަމަށް ޑޮކްޓަރު ބުނި ކަމަށް ވެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އަހަރެމެން ނިދާފައި އޮންނައިރު އޮންނަނީ ވަރަށް އަރާމުކުރުމުގެ ހާލަތެއްގަ އެވެ. އެ ހާލަތުގައި އޮންނައިރު ހަށިގަނޑުގެ ދިފާއުގައި އަހަރެމެންނަކަށް މާ ބޮޑުކަމެއް ނުކުރެވެ އެވެ.

އަހަރެމެން އިސްތަށިގަނޑު ތެތްކޮށް ބާއްވައިގެން ނިދައިފިނަމަ އަހަރެމެންގެ މޫނުގައި ހުންނަ ނާރުތަކަށް ލޭ ސަޕްލައިކުރާ ލޭ ހޮޅިތަކުގައި ވަރަށް ފަސޭހައިން ފިނި ހިފަ އެވެ. ނުވަތަ ވައިރަލް އިންފެކްޝަނެއް އުފެދެން ދިމާވެ އެވެ. ނަތީޖާއެއްގެ ގޮތުން މޫނުގެ ވާގި ނެތެން މެދުވެރިވެ އެވެ. އެހެންވެ އިސްތަށިގަނޑު ތެތްކޮށް އޮއްވާ ނުނިދަން ތަޖުރިބާކާރުން ލަފާ ދެއެވެ. ޚާއްސަކޮށް އަންހެނުން ކުރަން މިއީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫނެވެ.