އިލެކްޝަންސް ކޮމިޝަން

ފައިސާ ދެނީ އީސީގެ ދަފުތަރަށް ބަލައިގެން

ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަހައްޓާ ދަފުތަރުގައި މެންބަރުން ތިބި އަދަދަށް ބަލައިގެން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އީސީން މިހެން ބުނީ ޕާޓީ ޕްރައިމަރީތަކާއި ދިމާކޮށް ސިޔާސީ ޕާޓީތަކުން އާންމުކުރާ ވޯޓާސް ލިސްޓްގައި މެންބަރުން ހިމެނޭ އަދަދާއި، އީސީން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މެންބަރުން ތިބޭ އަދަދުގައި ބޮޑެތި ފަރަގުތަކެއް ހުުރުމުން، ސިޔާސީ ޕާޓީތަކަށް ފައިސާ ދެނީ ކޮން އުސޫލަކަށް ބަލައިގެންތޯ ބައެއް ފަރާތްތަކުން ސުވާލު ކުރަން ފެށުމާ ގުޅިގެނެވެ.

ކޮމިޝަންގެ ނާއިބު ރައީސް އަދި އެކޮމިޝަންގެ އިސް ތަރްޖަމާން އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާގެ އެހީ ދެނީ އެ ކޮމިޝަނުން ބަލަހައްޓާ ދަފުތަރަށް ބަލައިގެން ކަމަށެވެ. ޕާޓީތަކުން ބަލަހައްޓަމުންދާ އެ ޕާޓީއެއްގެ މެންބަރުންގެ ރަޖިސްޓްރީއާ އެކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އަކްރަމް ވަނީ ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް އެއްވެސް ފަރާތަކުން މައުލޫމާތު ނުފެތުރުމަށް ވެސް އިލްތިމާސެއް ކުރައްވާފަ އެވެ.

ފަހަކަށް އައިސް އިދިކޮޅުގެ ބައެއް މެންބަރުންގެ ނަން، އެމްޑީޕީގެ ދަފުތަރުގައި އެބައޮތް ކަމަށް ބުނެ އެކަމާ ގުޅިގެން ވެސް ކޮމިޝަނަށް ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް އެއީ އީސީން ބަލަހައްޓާ ދަފުތަރެއް ނޫނެވެ. އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ދިނުމަށް އެޕާޓީން ބާއްވާ ޕްރައިމަރީއަށް ތައްޔާރު ކޮށްފައިވާ އެޕާޓީގެ އަަމިއްލަ ދަފްތަރެކެވެ.

އެކަމާ ގުޅިގެން ކޮމިޝަނުން އިއްޔެ ބުނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރަނީ އަދި އެ ދަފުތަރުން ނަމެއް އުނިކުރަނީ ވެސް އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

"އިލެކްޝަންސް ކޮމިިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ވަނީ 'ގަޑުބަޑު' ކޮށްފައެއް ނޫން." އީސީން ކޮށްފައިވާ ޓްވީޓްގައި ވެއެވެ.

ދެހާސް ނަވާރަވަނަ އަހަރު ނިމުނުއިރު ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު އީސީން ވަނީ ހާމަ ކޮށްފަ އެވެ. އެ އަދަދުތަކަށް ބަލާއިރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަވަނީ ތިން ސިޔާސީ ޕާޓީ އެއްގަ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޖޭޕީ އެވެ.

އަހަރު ނިމުނުއިރު އެންމެ ގިނަ މެންބަރުން ތިބީ އެމްޑީޕީގަ އެވެ. އެ ޕާޓީގެ މެންބާޝިޕް ވަނީ ބައިލައްކަ ފަހަނައަޅާ ގޮސްފަ އެވެ. އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 54101 މެންބަރުންނެވެ. ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގަ އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 36078 އެވެ. ޖޭޕީގައި ތިބީ 11072 މެންބަރުންނެވެ.

ޑިސެމްބަރުގެ ނިޔަލަށް މެންބަރުން ތިބި އަދަދު

  • އެމްޑީޕީ 54101
  • ޕީޕީއެމް 36078
  • ޖުމްހޫރީ ޕާޓީ 11072
  • އެމްޑީއޭ 8506
  • އަދާލަތު ޕާޓީ 6789
  • ޕީއެންސީ 4221
  • އެމްޓީޑީ 3279
  • ޑީއާރުޕީ 3033
  • އެމްއެސްއެލްޑީޕީ 2977
  • އެމްއާރުއެމް 2851