އަބްދުﷲ ރިޔާޒް

ރިޔާޒްވެސް ނަޝީދަށް ރައްދު ދެއްވައިފި

ކޯލިޝަން ސަރުކާރެއްގަައި ހިމެނޭ ކޮންމެ ބައިވެރިއަކީވެސް މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައިފި އެވެ.

އެމްޑީޕީ އިސްވެ އޮތް ސަރުކާރެއް އުފެދިފައި އޮތް ނަމަވެސް ރަށްރަށުގައި ތިބި ރައްޔިތުންގެ ގިނަ ބަޔަކަށް އަދިވެސް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބޭ ކަމަށާއި އޭގެ ސަބަބަކީ ސަރުކާރު ހިންގުމަށް ހަދާފައިވާ ކޯލިޝަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި ރިޔާޒް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން އެއްވެސް ބައެއް ބާކީ ނުކޮށް ހުރިހާ ރައްޔިތުންނަށް ހައްގު މިންވަރު ދެއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް އެތައް ގޮތަކުން ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

"ކޯލިޝަން ސަރުކާރެއްގައި ކޯލިޝަންގައި ހިމެނޭ އެންމެހާ ބައިވެރިންނަކީވެސް މުހިންމު ބައެއް." ރިޔާޒްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހއ. އިހަވަންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އުފެދިގެން އައުމާ އެކުގައި ރައްޔިތުންގެ އިތުރުން އެމްޑީޕީގެ އާންމު މެންބަރުންނަށް ވެސް އޭގެ ފުރިހަމަ ހިތްހަމަޖެހުމެއް ލިބިގެން ނުދާކަން ފެންނަ ކަމަށެވެ.

އޭގެ ސަބަބަކަށް އެމަނިކުފާނު ދެއްކެވީ ކޯލިޝަނެވެ.

"މި ޕާޓީގެ މެންބަރުންނަށް ވެސް އަދި މި ޕާޓީގެ މަސައްކަތުގައި އެތައް ޒަމާނެއް އުޅުނުހާ މީހުނަށް އަދި ރައްޔިތުންނަށް ވެސް ހައްގުވާ މިންވަރު ނުލިބި މި ދަނީ އެބައި އެހެން ތަންތަނަށް އަޅަން ޖެހޭ މިންވަރުން. އެއީ ސަރުކާރު އުފެދުނު ގޮތް. ސަރުކާރަށް އަޅުގަނޑުމެން އައީ މި ދެންނެވި އިންތިޒާމުގެ ތެރެއިން. އެހެން ޕާޓީތަކާ ގުޅިގެން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އެކަނި ރައްޔިތުން ދީފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދެނީ އެމްޑީޕީއާއި އެ ޕާޓީގެ ސިޔާސަތުތަކަށް ކަން ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ދެން ވިދާޅުވީ ވެރިކަން ތަރުތީބު ކުރެވެން ޖެހޭނީ ވެސް އެ ގޮތަށް ކަމަށެވެ.

"ރައްޔިތުން ނެތް ގޮތަކަށް ރާއްޖޭގެ ވެރިކަމެއް ނޯންނާނެ. ރައްޔިތުންގެ ފިކުރާއި ހިޔާލު އޮތް ގޮތަކަށް މި ރާއްޖޭގެ ވެރިކަން ތަރުތީބު ވެގެން ދާން ޖެހޭނީ. ހަމަ ގައިމު ވެސް އެމްޑީޕީގެ ވެރިކަމެއް އުފެދި ތަރުތީބު ވެގެން އަންނާނީ މި ގޮތުގައި." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްއާރުއެމްގެ އެހީތެރިކަމުގައެވެ. އެ ހުރިހާ ޕާޓީތައް ސަރުކާރުގައި ތަމްސީލް ކުރަމުންދާއިރު އަހަރު ދުވަސްވަންދެން ކޯލިޝަން ސަރުކާރެއް ކާމިޔާބު ކަމާއެކު ހިންގެވި ފުރަތަމަ ރައީސަކަށް ވެވަޑައިގެންނެވީ ރައީސް ސޯލިހެވެ. ކޯލިޝަން ސަރުކާރު ހިންގެވުމުގައި އެކި ސަބަބުތައް މެެދުވެރިވެވަޑައިގެން ފުރަތަމަ ފެއިލްވެވަޑައިގެންނެވީ ރައީސް ނަޝީދެވެ. އޭގެ ފަހުން ރައީސް ވަހީދާއި، ރައީސް ޔާމީނަށްވެސް އެ މަސަކަތްޕުޅުގައި ކާމިޔާބު ނުހޯއްދެވުނެވެ.