ލައިފްސްޓައިލް

ޕޮޕްކޯންކޮޅަކުން ފުރާނައަށް ނުރައްކާވެ ބޮޑު އޮޕަރޭޝަނެއް!

އިނގިރޭސި ވިލާތުގެ ފިރިހެނަކު އަނގަޔަށް ލީ ޕޮޕްކޯން ކޮޅެއް ދަތްތަކުގައި ތާށިވެގެން ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވެ ހަނި ގޮތަކަށް މަރުން ސަލާމަތް ވެއްޖެ އެވެ.

އެޑަމް މާޓިން، 41، އަށް ފުރާނައަށް ގެއްލުންވާ ވަރުގެ އިންފެކްޝަނެއް ކުރިމަތިވެ އޯޕަން ހާޓް ސާޖަރީއެއް ވެސް ހަދަން ޖެހުނެވެ. މިހާ ހިސާބަށް މިކަން ދިޔައީ ދަތްތަކުގެ ތެރޭގައި ތާށިވި ޕޮޕްކޯންކޮޅު ނަގަން އޭނާ މަސައްކަތްކުރި ގޮތުންނެވެ.

އިނގިރޭސި ވިލާތުގެ ނޫހެއްގައިވާ މި ރިޕޯޓުގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ހިނގި މި ހާދިސާގައި މާޓިންގެ ދަތްތަކަށް ޕޮޕްކޯންކޮޅެއް ވަދެ ތާށިވެ އެ ނެގޭގޮތް ނުވެގެން އޭނާ ތިން ދުވަސް ވަންދެން ވަރަށް މަސައްކަތް ކުރި އެވެ. އެގޮތުން ގަލަމެއްގެ ދޯރި އަނގަޔަށް ކޮއްޕައިގެންނާއި، ދަތްކޮއްޓާ އިލޮށިކޮޅެއް ކޮއްޕައިގެން އަދި ދަގަނޑު ވަޔަރުކޮޅަކުންނާއި ދަގަނޑު މޮހޮރަކުން ވެސް އެ ޕޮޕްކޯންކޮޅު ނެއްޓޭތޯ އޭނާ މަސައްކަތް ކުރި އެވެ. މި އެއްޗެތި ކޮއްޕައިގެން މަސައްކަތް ކުރުމުގެ ތެރޭގައި މާޓިންގެ ހިރުގަނޑަށް ގެއްލުންވެ ހިރުގަނޑުގައި އިންފެކްޝަނެއް އުފެދުނެވެ. އަދި އޭނާގެ ހިތަށް އިންފެކްޝަން ފެތުރުނީ އެވެ.

މާޓިންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޑޮކްޓަރުން ވަނީ އިންފެކްޓްވެފައިވާ ގަނޑުލޭކޮޅެއް އޭނާގެ ފައިން ނަގާފަ އެވެ. އަދި އޭނާގެ ހިތުގެ ވޭލްވެއް ބަދަލުކުރުމަށް ހަތް ގަޑިއިރުގެ އޮޕަރޭޝަނެއް ވެސް ކޮށްގެން އޭނާގެ ފުރާނަ ސަލާމަތްކޮށްދީފަ އެވެ.

ޕޮޕްކޯންކޮޅު ތަތްތަކަށް ވަން ދުވަހު މާޓިން އިނީ އޭނާގެ ގޭގައި އަންހެނުންނާއެކު ފިލްމެއް ބަލާށެވެ. ޕޮޕްކޯންކޮޅު ތާށިވީމަ އޭނާ އެހާ ބޮޑަކަށް ފުރަތަމައިނުން އެ ނަގާކަށް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް އުނދަގޫވާތީ ދޭތެރެއަކުން ކޮންމެވެސް އެއްޗެއް އަނގަޔަށް ކޮއްޕައިގެން އެ ނެގޭތޯ މަސައްކަތް ކުރަމުން ގޮސް ތިން ދުވަސްވީ ފަހުން އެ ނެގޭގޮތް ވިއެވެ. ޕޮޕްކޯންކޮޅު ތާށިވުމުގެ މައްސަލަ ދިމާވިތާ ހަފުތާއެއްވަރު ފާއިތުވީއިރު އޭނާގެ ހަށިގަނޑު މާ ބޮޑަށް ވަރުބަލިވެ ބޮލުގައި ރިއްސާ އަދި ހިތުން ވެސް ފާޑެއްގެ އަޑެއް ކިޔަން ފެށި އެވެ.

ޑޮކްޓަރަށް ދެއްކުން ހިތުގައި ކުޑަ މައްސަލައެއް އުޅެނިއްޔޭ ކިޔާފަ ބޭސް ދީފަ ފޮނުވާލީ އެވެ. ނަމަވެސް އޭގެ ފަހުން ވެސް އަރިދަފުސް ރޯގާ ޖެހުނީމަ ވާ ކަހަލަ އުނދަގޫތަކެއް އޭނާއަށް ވަމުން ދިޔަ އެވެ.

"ކޮންމެވެސް ކަމެއް ގޯސްކަމުގެ އިހްސާސްތައް އަހަރެންނަށް ކުރެވެމުން ދިޔަ. އަހަންނަށް ވަރަށް ގިނައިން ނިދެން ފަށައިފި. އަދި ހީވެސް ނުކުރާ ވަރަށް ބަލިވާން ފަށައިފި،" މާޓިން ބުނެފައި ވެއެވެ.

ޑޮކްޓަރުންގެ މަސައްކަތުން މާޓިންގެ ފުރާނަ ސަލާމަތްވިޔަސް މީގެ ފަހުން ޕޮޕްކޯން ހުންނަ ހިސާބަކަށް ވެސް ނުދާނެކަމަށް މާޓިން ބުންޏެވެ. ކުޑަ ޕޮޕްކޯންކޮޅަކާ ހެދި މިފަދަ ކަމެއް ހިނގުމަކީ ބުއްދިއަށް ވެސް ގަބޫލުކުރަން ދަތި ކަމެއްކަމަށް މާޓިން ބުންޏެވެ.