ހަބަރު

މުފްތީ މެންކްގެ ދަރުހެއް މިރޭ ކާނިވަލުގައި

ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުފްތީ މެންކު ދަރުހެއް މިރޭ މާލޭގައި އޮންނާނެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވީ "ރިލިޖަސް ރިހިބިލިޓޭޝަން" މި މައުލޫއަށް މުފްތީ މެންކް މި ރޭ ދަރުސް ދެއްވާނީ ކާނިވާ ސްޓޭޖްގައި ކަމަށެވެ. ދަރުހުގައި އިސްލާމްދީން މުހިންމުވާ ސަބަބުގެ މައްޗަށް އަލިއަޅުވައި ލައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި އިލްމުވެރިޔާ މުފްތީ މެންކްގެ ދަތުރުފުޅުގައި އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ސިޓީއަށް ވެސް ވަޑައިގެން އެ ދެ ސިޓީގައި ދީނީ ދަރުސް ދެއްވާނެ އެވެ.

އައްޑޫ ސިޓީގެ ދަރުސް އޮންނާނީ މާދަމާ ރޭ ނޫރާނީ ސްކޫލްގަ އެވެ. ކުޅުދުއްފުށީ ސިޓީގެ ދަރުސް އޮންނާނީ އަތޮޅު ތައުލީމީ މަރުކަޒުގައި މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ގަ އެވެ.

މީގެ އިތުރުން ޒުވާނުންނަށާއި ދީނީ އިލްމުވެރިންނަށް ހާއްސަ ދީނީ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.
އަދި އަންނަ ހުކުރު ދުވަހުގެ މާލޭގެ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް މުފުތީ މެންކް ކަމަށެވެ.