ރައީސް ޔާމީންގެ ޝަރީއަތް

ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތް މި މަހުގެ 28 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު ޝަރީއަތް މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ގޮތަށް ހައި ކޯޓުގައި ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެމަނިކުފާނުގެ އިސްތިއުނާފު ޝަރީއަތް މި މަހުގެ 28 ވަނަ ދުވަހު ބާއްވާން ހަމަޖެހިފައިވާ ކަން ހައި ކޯޓުން އަންގާފައިވާ ކަމަށް ކަށަވަރުކޮށްދީފަ އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގެ އިސްތިއުނާފު ކުރި އެވެ. އެ މައްސަލާގެ ޝަރީއަތް މި މަހުގެ 28 ވަނަ ދުވަހު ފަށާއިރު، އިސްތިއުނާފު މައްސަލާގައި ކޯޓުން ގޮތެއް ނިންމަން ދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހުށަހަޅާފަ އެވެ. އެކަމަކު މިހާތަނަށް ކާފާލާތުގެ ފުރުސަތު ދިނުމުގައި ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން އުފުލީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ވަން ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން ދެ ޗެކަކަކުން އިސްލާމިކް ބޭންކްގައި އޮންނަ އެމަނިކުފާނުގެ ސޭވިން އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއްގަ އެވެ.

ޔާމީނަށް ތާއީދު ކުރާ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނުން ގަބޫލު ކުރަނީ އެމަނިކުފާނަށް އިއްވީ ނުހައްގު ހުކުމެއް ކަމަށެވެ. އަދި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް އެ ކޯލިޝަނުން ދަނީ ކުރަމުންނެވެ.