ކުޅިވަރު

ބެންގަލޫރުގެ ކުރީގެ ކޯޗް ރޮކާ ހައިދަރުއާބާދަށް

ބެންގަލޫރު އެފްސީގެ ކުރީގެ ކޯޗް އަލްބަޓް ރޮކާ، އަންނަ ސީޒަންގައި ހައިދަރުއާބަދު އެފްސީއާ ހަވާލުވާން އެއްބަސްވެއްޖެ އެވެ.

ހައިދަރުއާބާދު އެފްސީ އާ ރޮކާ ހަވާލު ވާނީ 2021/2020 ސީޒަންގަ އެވެ. އިންޑިއާގެ ސުޕަ ލީގްގައި މި ސިޒަންގައި އަލަށް ވާދަ ކުރަމުން އަންނަ ހައިދަރު އާބަދު އެފްސީން ކުޅުނު 12 މެޗުން ، އެ ޓީމަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އެ ޓީމު އޮތީ ތާވަލުގެ ފުލުގަ އެވެ. އެ ޓީމުގެ ނަތީޖާތައް ދަށް ވުމުން ކޯޗް ކަމުގައި ހުރި އިނގިރޭސިވިލާތުގެ ފިލް ބްރައުން، މިދިޔަ ހޮނިހިރު ދުވަހު ވަނީ މަގާމުން ވަކި ކޮށްފަ އެވެ.

ހައިދަރުއާބަދުގެ ކޯ އޯނަރު، ވަރުން ޓްރިޕްރަނެއިނީ ވިދާޅުވީ ސީޒަންގެ ބާކީ އޮތް ބައިގައި އެ ޓީމަށް އިރުޝާދު ދޭނީ ޓީމުގައި ބާކީ ތިބި ކޯޗުން ސްޓާފުން ކަމަށެވެ. އަދި އެ ކޯޗުން މަސައްކަތް ކުރުމުގައި ރޮކާގެ ފަރާތުން މަޝްވަރާ ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރޮކާ ވަނީ ހައިދަރުއާބާދުގެ ޓީމާއެކު ދެ އަހަރުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

ބެންގަލޫރަށް، 2017 ވަނަ އަހަރުގެ ފެޑްރޭޝަން ކަޕާއި އަދި 2018 ވަނަ އަހަރު ސުޕަ ކަޕް ހޯދައިދިން ރޮކާ އަކީ އިންޑިއާގެ ފުޓްބޯޅައަށް ފަރިތަ ކޯޗެވެ. ބާސެލޯނާގެ ކުރީގެ އެސިސްޓެންޓް ވަނީ 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ފައިނަލަށް ބެންގަލޫރު އެފްސީ ގެންގޮސްދީފަ އެވެ. އެއީ މިހާތަނަށް މި ސަރަހައްދުގެ ކުލަބަކުން އޭއެފްސީ ކަޕްގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

"އިންޑިއާ އަކީ އަހަންނަށް ވަރަށް ހާއްސަތަނެއް، އެނބުރި އައިއެސްއެލް [އިންޑިއަން ސުޕަ ލީގް] އަށް އާދެވުމަކީ އަހަންނަށް ވަރަށް ބޮޑު އުފަލެއް،" ރޮކާ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "ކުރިއަށްދާން މަގަކީ ޗެލެންޖު އޮތް މަގެއް، ހަމައެޔާއެކު ހައިދަރުއާބަދު އެފްސީއާއެކު އެ ޗެލެންޖު ނެގުމަކީވެސް އަހަންނަށް ލިބުނު އުފަލެއް، އަންނަ ސީޒަނަށް ވަރުގަދަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތީ."

މިދިޔަ އަހަރުގެ އޭޝިއަން ކަޕަށް ފަހު އިންޑިއާގެ ކޯޗް ކަމުން ސްޓެފަން ކޮންސްޓަންޓީން އިސްތިއުފާ ދިނުމުން، އާ ކޯޗަކު ހޯދަން އިންޑިއާއިން ހުޅުވަލި ފުރުސަތުގައި ރޮކާވެސް ވަނީ އިންޑިއާގެ ގައުމީ ޓީމަށް ކޯޗް ކޮށްދިނުމަށް ހުށަހަޅާފަ އެވެ. އަދި އިންޑިއާގެ ފެޑްރޭޝަނުން ޝޯޓް ލިސްޓް ކުރި ފައިނަލު ތިން ކޯޗުންގެ ތެރޭގައިވެސް ރޮކާ ހިމެނެ އެވެ.