ހަބަރު

އެސްޓީއޯއިން އައިޖީއެމްއެޗަށް ސްކްރީނިން އިކްއިޕްމަންޓް ދީފި

އައިޖީއެމްއެޗްގައި އަލަށް ފަށާ ޕްރީނޭޓަލް އަދި ނިއުބޯން ސްކްރީނިންގެ ހިދުމަތަށް ބޭނުންވާ އިކުއިޕްމަންޓްސްތައް އެސްޓީއޯ އިން ފޯރުކޮށްދީފި އެވެ.

ޕްރީނޭޓަލް ސްކްރީނިންއަކީ މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނައިރު އެކުއްޖާ ބައެއް ބަލިތަކަށް ސްކްރީން ކޮށް ލެބޯރެޓަރީ ޓެސްޓުތަކެއްގެ އެހީގައި އެކަންކަން ދުރާލާ ދެނެގަތުމަށް މަގުފަހިވެގެންދާ ހިދުމަތެކެވެ. އަދި ނިއުބޯން ސްކްރީނިންއަކީ ވިހެއުމަށްފަހު ކުދިން އުފެދުމުގައި ހުރެދާނެ ބައެއް ބަލިތައް ދެނެގަތުމަށް، ލެބޯރެޓަރީ ޓެސްޓުތަކެއްގެ އެހީގައި ދެވޭ ސްކްރީން ކުރުމުގެ ހިދުމަތެކެވެ.

މި ދެ ސްކްރީނިންއަކީ މީގެ ކުރިން ރާއްޖެއިން ބޭރަށް ގޮސް ނުވަތަ ބޭރަށް ސާމްޕަލް ފޮނުވައިގެން ހަދަންޖެހޭ ޓެސްޓުތަކެކެވެ. ނަމަވެސް އެސްޓީއޯ އިން ވަނީ އެ ދެ ސްކްރީނިން ޓެސްޓުތައް ހެދުމަށް ބޭނުންވާ ވަސީލަތްތައް އަޖީއެމްއެޗްއަށް ފޯރުކޮށްދީފަ އެވެ.

ސްކްރީން ކުރުމުގެ ހިދުމަތް އާއްމުންނަށް ހުޅުވާލުމުގެ ކުރިން އެ ހިދުމަތަށް ތައްޔާރު ވުމުގެ ގޮތުން އައިޖީއެމްއެޗުގެ ސްޓާފުންނާ ގުޅިގެން ވޯކްޝޮޕެއް ބާއްވަން އެ ކުންފުނިން ވަނީ ނިންމާފަ އެވެ. އެ ވޯކްޝޮޕް ބާއްވަނީ މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯ މެޑިކަލްސްގެ ސީނައާ ޖެނެރަލް މެނޭޖާ އަހްމަދު ޝިފާން ވިދާޅުވީ މި ވަސީލަތްތައް ފޯރުކޮށްދިނީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް ކުރިއަރުވާ އަދި ފައިދާކުރާނެ އެކިއެކި ކަންކަން ތައާރަފްކުރުމުގެ ގޮތުން ކަމަށެވެ. އަދި އަލަށް އުފަންވާ ކުދިންނާ މާބަނޑު މީހުން ސްކްރީނިން ޓެސްޓް ހެދުމަށް ބޭނުންވާ މެޝިނުތައް ގެނެސް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި މަޝްވަރާކޮށް ހިދުމަތްދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސްކްރީނިންގެ ސަބަބުން ޅަފަތުގައި ކުދިން މަރުވާ ސަބަބުތައް ދެނެގަނެ، އެ ކުދިންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމާއި، އެކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު އިތުރުކޮށްދެ އެވެ.