ކުޑަކުއްޖެއް ދުނިޔެއަށް އުފަން ކުރުމަކީ އަޖައިބުން ފުރިގެންވާ ފަދަ ކަމެކެވެ. ނަމަވެސް އޮޓިޒަމް ހުންނަ ކުއްޖެއް ލިބުމަކީ ދެމަފިރިއަކަށް އެހާ ފަސޭހަވާނެ ހާލަތެއް ނޫނެވެ. ތުއްތު ކުއްޖާއަށް މުޖުތަމައުގައި ދިމާވާ މައްސަލަތަކުގެ އިތުރުން މިފަދަ ކުއްޖެއް ގެންގުޅުމަކީ މައިންބަފައިންނަށް ވެސް ވަރަށް ސްޓްރެސް އިތުރުވާނެ ކަމެކެވެ.
ކުދިންނަށް އޮޓިޒަމްގެ މައްސަލަ ދިމާވަނީ ކީއްވެގެންކަން ޔަގީންކަމާއެކު ބުނާކަށް އަދިވެސް ކަމާ ބެހޭ ތަޖުރިބާކާރުންނަކަށް ވެސް ނޭނގެ އެވެ. ނަމަވެސް ޔަގީންވާ ކަމެއް އެބައޮތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ ފަހުގެ ސާވޭތަކުން ދައްކާ ގޮތުގައި އޮޓިޒަމް ހުންނަ ކުދިންގެ އަދަދު ކޮންމެ އަހަރަކު 16 ޕަސެންޓް އިތުރުވެ އެވެ.
އޮޓިޒަމް މައްސަލަ ދިމާވާން މެދުވެރިވާ ސަބަބުތައް
ބައެއް މަދު ދިރާސާތަކެއް ބުރަވަނީ މާބަނޑު ދުވަސްވަރު އަންނަ ބައެއް ބަދަލުތަކުގެ ސަބަބުން ބަނޑުގައި އޮންނަ ދަރިފުޅަށް އޮޓިޒަމްގެ މައްސަލަތައް ދިމާވާ ކަމަށެވެ. ޖާނަލް ޖާމާ ސައިކޭޓްރީގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ބޮޑަށް ބުރަވެފައި ވަނީ މިއީ ޖެނެޓިކް މައްސަލަތަކެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ.
އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ޖާނަލް ބުރަވަނީ ތިމާވެށީގެ މައްސަލަތަކާއި ޖެނެޓިކް މައްސަލަތައް ވެސް މިކަމުގައި އޮންނަ ކަމަށެވެ. މި ދެ ކަންތަކުން ކުރެ ކޮންމެ ކަމެއް ވެސް ކުއްޖަކަށް އޮޓިޒަމް މައްސަލަ ދިމާވުމުގެ 50 ޕަސެންޓް ހިއްސާ ކުރާ ކަމަށެވެ.
ޖެނެޓިކް މައްސަލައެއް ނުވަތަ އާއިލީގޮތުން ވާރުތަވާ ކަމެއް ނަމަ އެކަން މީހަކަށް ބަދަލެއް ނުކުރެވޭނެ އެވެ. ނަމަވެސް ބަލިވެ އިނދެގެން އުޅޭ ދުވަސްވަރު މަންމައަކު ކުރާ ތަޖުރިބާއަކީ ބަދަލު ކުރެވިދާނެ އެއްޗެކެވެ. އޮޓިޒަމްއަށް މަގުފަހި ވެދާނެ ފަދަ ކަންތައްތަކާ އޭނާއަށް ވީހާވެސް ދުރުވެވޭތޯ މަސައްކަތް ކުރެވިދާނެ އެވެ.
ބަލިވެ އިނުމާ ގުޅިގެން ދިމާވާ އިތުރު މައްސަލަތަކާއި އޮޓިޒަމް
ވަރަށް ގިނަ ދިރާސާތައް ބުނާ ގޮތުން ބަލިވެ އިނދެގެން އުޅޭ ދުވަސްވަރު ދިމާވާ ލޭގެ ޕްރެޝަރު މަތިވުން، މާބަނޑު ދުވަސްވަރު ލޭ ފޭބުން އަދި ވިހެއުމުގައި ދިމާވާ ކޮމްޕްލިކޭޝަންސް ތަކަކީ އޮޓިޒަމްގެ ނުރައްކާ އިތުރުކުރާ ކަންކަމެވެ. މި ގޮތަށް ދިމާވަނީ ތަފާތު ސިއްހީ މައްސަލަތަކަށް މާބަނޑުމީހާ ކާ ބޭހުގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ މާބަނޑު މީހާ އުޅޭ މާހައުލާއި އެނޫންވެސް އޭނާއަށް ދިމާވާ ސްޓްރެސްގެ ސަބަބުން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ.
ބޭހާއި އިންފެކްޝަން އާ އޮޓިޒަމާ ހުރި ގުޅުން
މާބަނޑުމީހުންގެ ތެރެއިން ގިނަ މީހުންނަށް ބަލިވެ އިނުމާ ގުޅިގެން އެމީހުންގެ ހަށިގަނޑަށް އަންނަ ބޮޑު ބަދަލުތައް ފާހަގަ ކުރެވޭނެ އެވެ. އަދި މިގޮތަށް ހަށިގަނޑަށް ބަދަލު އަންނައިރު ގައިގެ އެތަން މިތަނުގައި ވޭން އެޅުން ފަދަ ކަންތައް ވެސް ވަރަށް ގިނަ މީހުން ތަހައްމަލު ކުރެ އެވެ.
އެގޮތުން އެކި ތަންތަނުގައި ރިހުމަށް ތައިލެނޯލް ފަދަ ތަދުކަނޑުވާ ބޭސް ބޭނުން ކުރުމަކީ ވެސް އޭޑީއެޗްޑީ ނުވަތަ އޯޓިޒަމް ހުންނަ ކުއްޖެއް ލިބުމުގެ ފުރުސަތު އިތުރުވާ ކަމެކެވެ. މިއީ ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ސައިންސްވެރިން އެއްބަސްވާ ކަމެކެވެ. ޖާނަލް އޮޓިޒަމް ރިސާޗްގައިވާ އެހެން ދިރާސާ ރިޕޯޓެއްގައިވާ ގޮތުން ބަލިވެ އިނދެ ދެވަނަ ޓްރައިމިސްޓާގައި އިންފެކްޝަނެއް ޖެހި ހުން އައުން މިއީ ވެސް ބަނޑުގައިވާ ދަރިފުޅަކީ އޮޓިޒަމް ހުރި ކުއްޖަކަށް ވުމުގެ ފުރުސަތު އިތުރުވާ ކަމެކެވެ.
ހެނދުނު ހޭލާ ވަގުތު ހޮޑުލެވުމާއި އޮޓިޒަމް
ހެނދުނު ހޭލާގޮތަށް ހޮޑުލެވުމަކީ މާބަނޑުމީހުންގެ މެދުގައި އާއްމު ކަމެކެވެ. މިއީ ވެސް އިންޒާރުގެ ރަނގަބީލަކަށް ވެދާނެ ކަމަށް މިހާރު ސައިންސްވެރިން ބުނެ އެވެ. އެމެރިކަން ޖާނަލް އޮފް ޕެރިނެޓޮލޮޖީގައިވާ ރިސާޗް ރިޕޯޓެއް ބުނާ ގޮތުގައި ހައިޕައެމެސިސް ގްރެވިޑޭރަމް ނުވަތަ ބަލިވެ އިނދެގެން އުޅޭ ދުވަސްވަރު ހަނދުނު ހޭލާފައި މާގިނައިން ހޮޑުލެވޭނަމަ އޮޓިޒަމް ހުންނަ ކުއްޖެއް ލިބުމުގެ ފުރުސަތު 53 ޕަސެންޓް އިތުރެވެ.
އަޔަން ހުންނަ ކާނާ ގިނައިން ބޭނުންކުރުން
ތަޖުރިބާކާރުން ބުރަވާ ގޮތުގައި އޮޓިޒަމް ހުންނަ ކުއްޖެއް ލިބުމުގެ ފުރުސަތު ކުޑަކުރުމަށް މާބަނޑު ދުވަސްވަރު ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ދަގަނޑުގެ ބައި ބަހައްޓަން ޖެހެ އެވެ. އެގޮތުން އެއްގަމު މަސް، ސީފުޑް، ސްޕިނެޗް، ބްރޮކޮލީ، އަދި މުގުގެ ބާވަތްތައް ގިނައިން ބޭނުންކޮށްގެން ދަގަނޑުގެ ބައި ލިބޭނެ އެވެ. އަދި މިއީ ދަރިފުޅަށް އޮޓިޒަމްގެ މައްސަލަ ދިމާނުވޭތޯ ކުރަންޖެހޭނެ ކަމެކެވެ.
އެމެރިކަން ޖާނަލް އޮފް އެޕިޑެމިއޮލޮޖީގައިވާ ދިރާސާއެއް ބުނާ ގޮތުގައި މާބަނޑުމީހާގެ ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ދަގަނޑުގެ ބައި ނެތްނަމަ އޭނާއަށް ލިބޭ ދަރިންގެ އޮޓިޒަމް މައްސަލަ ހުރުމުގެ ފުރުސަތު ފަސް ގުނަޔަށް އިތުރެވެ.
ހެލްތު ޓުޑޭގައިވާ ޝާއިއުކޮށްފައިވާ މި ރިޕޯޓު ނިންމާލަމުން ބުނެފައިވަނީ ޖިސްމާނީ އަދި ނަފްސާނީ ވަރަށް ގިނަ މައްސަލަތަކާއި އޮޓިޒަމް ހުންނަ ކުދިން ލިބުމާ ވަނީ ގުޅިފަ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި ބަލިވެ އިނދެގެން އުޅޭ ދުވަސްވަރު ލޭ ފޭބުމާއި އިންފެކްޝަނެއް ޖެހުމަކީ އޮޓިޒަމް ކުއްޖެއް ލިބުމުގެ ނުރައްކާ 81 ޕަސެންޓް އިތުރުވާ ކަމެކެވެ.
އިޒްރޭލުގެ ހިބްރޫ ޔުނިވަސިޓީގެ ސައިންސްވެރިން ހޯދި ހޯދުމަކުން ހާމަވެފައިވާ ގޮތުގައި މާބަނޑު މީހާގެ ހަށިގަނޑުގައި މާ ގިނަ އަދަދެއްގެ ސްޓްރެސް ހޯމޯން ދައުރުވުމަކީ ފީޓަލް ނިއުރޯންސްގެ ޕްރޮގްރާމިން އަށް ބޮޑު ބަދަލެއް އައިސް އޮޓިޒަމް ކުދިންނަށް އޮޓިޒަމްގެ މައްސަލަ ދިމާވެދާނެ ކަމެކެވެ.
އޮޓިޒަމް އަކީ ޖެނެޓިކް މައްސަލައެއް ނަމަވެސް އަދި ތިމާވެށީގެ ސަބަބުން ދިމާވާ މައްސަލައެއް ނަމަވެސް މަންމައަކަށް ވާން ބޭނުންވާ ނުވަތަ އެކަމަށް އިސްނަގަން ތައްޔާރުވެފައިވާ އަންހެނުން ވިސްނާލަން ޖެހޭ މުހިއްމު ކަމެއް އެބައޮތެވެ. ބަލިވެ އިނދެގެން އުޅޭ ދުވަސްވަރު އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތު ރަނގަޅަށް ބެހެއްޓުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. އަދި ފާޑުފާޑުގެ ބޭސްތައް ކެއުމާ ވީ ވަރަކުން ދުރުހެލި ވުމެވެ.