ހަބަރު

މައްސަލަތަކުގެ ރިޕޯޓްލިޔާ ފޯމެޓަށް ސުޕްރީމްކޯޓުން ބަދަލު ގެންނަނީ

ހުކުމް ލިޔުއްވާ ފަނޑިޔާރު އިނގޭގޮތަށް ސުޕްރީމްކޯޓުން ނިންމާ މައްސަލަތަކުގެ ރިޕޯޓްގެ ފޯމެޓަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ސްޕްރީމްކޯޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އެކޯޓުން ބަލަމުންގެންދާ މައްސަލަތަކުގެ ތެރެއިން މިވަގުތު ހުކުމް ކުރުމަށް ތާވަލްކުރެވިފައިވާ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގެ ރިޕޯޓްގައި ޖަޖްމެމްޓް ލިޔުއްވާ ފަނޑިޔާރަކީ ކޮންބޭފުޅެއްކަމާއި، އެހެން ފަނޑިޔާރެއްގެ ރައުޔުގެ އިތުރުން ފާހަގަ ކުރާ ކަމެއް އޮތް ނަމަ އެކަމެއް ވަކިން އެނގޭނެ ގޮތަށް ރިޕޯޓްގެ ފޯމެޓް ބަދަލު ކުރުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ސްޕްރީމްކޯޓަށް ހުށަހަޅާ މައްސަލަތައް ނިންމާއިރު، މީގެ ކުރިންވެސް އެ މައްސަލަ ބެއްލެވި ފަނޑިޔާރުގެ ނަންތައް ހުކުމުގައި ލިޔެފައިހުރެ އެވެ. އަދި އެފަނޑިޔާރުންގެ ތެރެއިން އެމައްސަލައިގެ ރައުޔު ތަފާތުވާ ފަނޑިޔާރުންގެ ރައުޔުވެސް މައްސަލައިގެ ރިޕޯޓްގައި ހިމަނާފައި ހުރެއެވެ. އެހެން ނަމަވެސް އެމައްސަލައެއްގެ ރައުޔު އެއްގޮތްވާ ފަނޑިޔާރުންނާއި، ހުކުމް ލިޔުއްވާ ފަނޑިޔާރުގެ ނަމެއް އެ ރިޕޯޓަކު ނޯވެ އެވެ.

ސްޕްރީމްކޯޓުން ކޮށްފައިވާ ޓުވީޓް

ސްޕްރީމްކޯޓުގެ މައްސަލަތައް އަބަދުވެސް ބައްލަވަނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ބެންޗަކުންނެވެ. ކޮންމެ މައްސަލައެއްވެސް 3 ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާއިރު، ބައެއް ބޮޑެތި މައްސަލަތައް 5 ފަނޑިޔާރުންގެ ބެންޗަކުންވެސް ބައްލަވަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ، އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.