ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް، އަލުން ވިސްނެވުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުންނެވެ.
މި އިސްލާހު ފާސްކުރަން މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ވޯޓަށް އަހާފައިވަނީ ރޯލްކޯލް ވޯޓަކުންނެވެ.
އިސްލާހު ފާސްކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއިރު އިސްލާހާ ދެކޮޅަށް ނުވަ މެންބަރުން އެ ދުވަހު ވޯޓު ދެއްވި އެވެ.
މި ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީގެ އަށް މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެންބަރު އައްޑޫ މީދޫ ދާއިރާގެ އަބްދުއްރަހުމާނެވެ.
އިސްލާހުގައިވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަފަނޑިޔާރާއި އެ ކޯޓަށް އައްޔަނުކުރެވިފައިވާ ޖުމްލަ ފަސް ފަނޑިޔާރުންގެ މައްޗަށެވެ.