ރައްޔިތުންގެ މަޖިލިސް

ބެންޗު ކުޑަކޮށްލުމުގެ ބިލް ކޮމިޓީން ފާސްކޮށްފި

ޖުޑިޝަރީ ކޮމިޓީގައި ބިލް ފާސްކުރަން ވޯޓު ދެނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ހުށަހެޅި މި ބިލް މިއަދު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވީވެސް މިއަދު މެންދުރުފަހު އެވެ.

ކޮމިޓީއަށް ބިލް ފޮނުވިތާ ދެތިން ގަޑިއިރު ތެރޭގައި ބިލް ފާސްކުރީ މަޖިލީހަށް ހުށަހެޅި ގޮތަށެވެ. ބިލް އޮތް ގޮތަށް ފާސްކުރަން ކޮމިޓީގައި ވޯޓަށް އެހުމުން ކޮމިޓީގެ ނައިބް މުގައްރިރު އަދި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމު ވަކި ގޮތަކަށް ވޯޓެއް ނުދެއްވަ އެވެ. އަދި ބިލްގެ ބައެއް މާއްދާތައް ހުރި ގޮތުން އަނާރާ ކަންބޮޑުވުންވެސް ފާޅުކުރެއްވި އެވެ. އެކަމަކު އެއްވެސް އިސްލާހެއް ހުށަހަޅުއްވާފައެއް ނުވެ އެވެ.

އިދިކޮޅު އެމްޑީޕީ މެންބަރުން ކަމަށްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.

ކޮމިޓީ ބައްދަލުވުން ފެށުމާ އެކު ޕީއެންސީގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ ބިލް އޮތް ގޮތަށް މިއަދުން މިއަދަށް ފާސްކުރަން ހުށަހަޅާފަ އެވެ.

މިބިލް މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް މިއަދުގެ ޖަލްސާގައި ރިޔާސަތުން ހުޅުވާލުމާ ގުޅިގެން މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވީ 64 މެންބަރުންގެ ތާއީދާ އެކު އެވެ. ބިލް ބަލައިގަތުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910