"އާނ! ވަރަށް ރީތި، ހަމަ އަސްލު ވެސް ވަރަށް ފުރިހަމަ، މާޝާﷲ. އަހަންނަށް މިހާތަނަށް ފެނުނު އެންމެ ރީތި އަންހެން ކުއްޖަކީ ތިއީ. ބޭރުފުށް ވެސް. ވިސްނުން ވެސް." ޝިފާން އިސްޖަހައިލިއެވެ. "ހިތަށް އަރާފާނެ އަހަންނަކީ ވިސްނުން ގޯސް މީހެކޭ ވެސް. އެކަމަކު އަހަރެންގެ ނެތް ސިފައެއް އެއީ ދޮގު ހެދުން. އަދި ހައްގު ނޫން ތައުރީފު ކުރުން ވެސް."
"ތޭންކްސް،" އިޚުތިޔާރުން ބޭރުވެ އިނދެ ލަފުޒުތައް ނިކުންނަމުން ދިޔައެވެ. "އަދި ތިވަރުގެ ތައުރީފެއް ނުލިބޭ."
ދެމީހުންނަށް ވެސް ސިހިފައި އެކުގައި ބަލައިލެވުނީ ނަރުސް ކުއްޖާގެ އަޑަށެވެ. އެތެރެއަށް ވަނުމުގެ ފުރުސަތު އޮތްވާހަކަ އަންގައިލަމުން ލުއި ހިނިތުންވުމަކާއެކު އުފާވެރި މޫނެއް ދައްކައިގެން ނަރުސް ކުއްޖާ ހުއްޓެވެ. ޝިފާން މަޑުމަޑުން ބޯ ޖަހައިލިއެވެ. އެތެރެއަށް ދާށޭ ބުނާފަދަ ގޮތަކަށް އިޝާރާތްކޮށްލިއެވެ.
ނަރުސް ކުއްޖާ ދޮރު ހުޅުވާލިއެވެ. ފަސްއެނބުރި ބަލައިލީމެވެ. ޖެހިލުންވެ ހުރެގެންނެވެ. ވަންނާށޭ ބުނާފަދަ ގޮތަކަށް ޝިފާންގެ މޫނުން ހަރަކާތްކޮށްލިއެވެ. އަހަންނަށް ލަސްލަހުން ހިންދިރުވާލެވުނެވެ. އޭރު އަތްފައި ފިނިވާން ފަށައިފިއެވެ.
އެތެރެއަށް ވަދެވުނު އިރު މީހާ އެކުގައި ތުރުތުރު އަޅަނީއެވެ. އަތްފައި ހީވަނީ ގަނޑުވެފައި ހުރިހެންނެވެ. ވާން އުޅޭ ގޮތެއް ލަފާވެސް ކޮށް ނުލެވެއެވެ. އަހަންނަށް ބަލައިލެވުނީ ހަބީބުގެ މޫނަށެވެ. އޭނާގެ ދެ ލޯ ވަނީ މެރިފައެވެ. ނޭފަތާއެކު އަނގަމަތީގައި ވަނީ މާސްކު އަޅައިފައެވެ. އައިވީއެއް ގުޅައިފައި ހުއްޓެވެ. ކައިރީގައި ހުރި މެޝިނުން ހަބީބުގެ ހިތުގެ ހިނގުމުގެ ރޮނގު ކުރަހަމުން ދިޔައެވެ. ސިއްހީ ދާއިރާގެ ކަންކަން ނޭނގުނަސް، ހަބީބުގެ ހިތުގެ ހަރަކާތްތަކުގެ ރޮނގު ކުރެހެނީ ރަނގަޅަށްކަން އެނގުނެވެ.
ކުރީން ދުވަހު ފެނުނު ވަރަށް ވުރެ ހަބީބުގެ މޫނުމަތި ފެންނަނީ އަލިކޮށެވެ. ބޮލާއި ތުނބުޅީގެ އިސްތަށިތައް ވެސް ހުރީ ރީތިކޮށްފައެވެ. ހަބީބުގެ ދެ ލޯ އަޑިވަދެފައިވީ ނަމަވެސް އޭނާގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. އަހަންނަށް ބެލުނީ އޭނާގެ މޫނަށެވެ. މާކުރިން ދަންނަ މީހެއް ކަމަށް ސިކުނޑި ބުނެދޭތީއެވެ. މަޑުމަޑުން ހަބީބުގެ ގާތަށް ޖެހިލީމެވެ. ހަބީބުގެ ދެ ތުންފަތް ހަރަކާތް ކޮށްލިހެން ހީވިއެވެ. އޭނާގެ ތުންފަތަށް ކަޅި ޖަހައި ނުލައި ބަލައިލެވުނެވެ.
"ޒުނޭ!" ހަބީބުގެ އަޑު އަހަންނަށް އިވުނެވެ.
އޭނާ އެ ކިޔަނީ ކޮން ޒުނޭއެއްގެ ވާހަކައެއް ހެއްޔެވެ؟ ކުރީން ދުވަހު ވެސް އޭނާ އަހަންނާ ދިމާއަށް ވެސް ބުނީ އެހެންނެވެ. އެހާލުގައި އޮވެގެން ވެސް އެ ކިޔަނީ އެހެންނެވެ. އެއީ ކާކު ހެއްޔެވެ؟
"ޒުނޭއޭ ބުނި. އަހަރެންގެ ގައިގަ ލައިގަތް ދުވަހު ވެސް ބުނީ ހަމަ އެހެން." ޝިފާނާއެކު ހޮސްޕިޓަލުގެ ކެންޓީނުގައި އިނދެ އަހަރެން ކިޔައިދިނީމެވެ. "އަހަންނަށް ވަރަށް ހީވޭ އޭނާގެ ހަޔާތުގެ ކޮންމެ ވެސް ހިސާބަކުން ވަރަށް ހިތްދަތި ކަންތައް ގަނޑެއް ހިނގައިފަ ހުރިހެން."
"ވެދާނެ. މަށަށް ވެސް ހީވަނީ ތިކަހަލަ ކަމެއް އުޅެނީހެން." ޝިފާން ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ޒުނޭ؟" އަހަރެންގެ ހިތުގައި ސުވާލުތައް ގިނަވާން ފެށިއެވެ.
"ޒުހައިނާ. ޒުނައިރާ، ޒުމްނާ، މި ހުންނަނީ ހައްތާ ވެސް އަންހެން ނަންތައް. އެހެންވީމާ ބޮޑަށް ގަބޫލުކުރެވެނީ އެ ވާނީ މިކަހަލަ ނަމެއް ކަމަށް." ޝިފާނު ކޮފީތަށި ތުނބުގައި ޖައްސައިލިއެވެ.
ބަދަލުގައި އަހަރެން ބޯ ޖަހައިލީމެވެ. އަހަރެން ވެސް ކޮފީ ކޯވަރެއް ބޮއެލީމެވެ.
"ދެން ހިނގާ އަހަރުމެންގެ ވާހަކައެއް ދައްކަން ދޯ." ޝިފާން ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ. "އަހަންނަކީ އަމިއްލަ ކުންފުންޏެއްގެ އައިޓީ ބައިގައި އުޅޭ މީހެއް. މާލޭގައި މި އުޅެނީ ވަރަށް އެކަނި. މާގިނަ ރައްޓެހިންނެއް ވެސް ނެތް. ކުޑަ އިރުން ސުރެ ވެސް މާގިނަ ރައްޓެހިންނެއް ނުތިބޭ. ދެތިން މީހުން ތިބެނީ. އެ ދެ މީހުން ވީ ކިޔަވަން ބޭރުގަ."
"އެހެންތަ؟" އަހަންނަށް ބަލައިލެވުނީ ޝީފާނުގެ ފުން ދެ ލޮލަށެވެ.
"އާން. ވަރަށް ބަދުނަސީބު ވެސް މީހެއް. އާއިލާގައި ހުރީ ވެސް އަހަރެން އެކަނި. ވަރަށް ކުޑައިރު މަންމަ ނިޔާ ވެއްޖެ. ބައްޕަ އެކަނި އޮތީ."
"އޮތީ؟" ސުވާލުގެ ނަޒަރުން އަހަންނަށް އަހައިލެވުނެވެ.
"އާން. ބައްޕައަކީ ބަލިމީހެއް މިހާރު. ވަޒީފާއަށް ދާތީ ބައްޕަ ބަލަން ހުންނާނެ މީހަކު ގެއަށް ގެނެސް. އޮފީސް ނިންމައިފަ ގެއަށް ނުގޮސްގެން ބައްޕަ ކަންބޮޑު ވެގެން އުޅޭތީ ގޭގަ އުޅޭ މީހާ މިހާރު ގުޅައިފި. އަހަރެން ވެގެން އުޅޭ ގޮތް ކިޔައިދިނީމަ ބައްޕަ ބުނެފި ހަބީބުއާ ހަވާލުވާނެ މީހަކު ވަންދެން މަޑުކޮށްލަން. ނޭނގެ ބައްޕަ ވެސް މަޑުކުރާން ބުނި ސަބަބެއް." ޝިފާންގެ ލޮލުގެ ތެރެއިން ތެތްކަމުގެ ކުލަވަރު އިތުރުވަމުން ދިޔައެވެ.
އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
"ކިހިނެއްވީ؟" ޝިފާނު ބަލައިލީ ސީދާ އަހަރެންގެ ލޮލަށެވެ.
"ކަމެއް ނުވޭ. ޝިފާން ދާންވީނު ބައްޕަ ގާތަށް. އަހަރެން މަޑުކޮށްލަފާނަމޭ." އަހަރެން ހިތުގައި ޝިފާނާ މެދު ހަމްދަރުދީގެ އިހުސާސްތައް އުތުރިގަތެވެ.
"އޭރުން؟" ސުވާލުގެ ނަޒަރުން ޝިފާން ބަލައިލިއެވެ.
"އަހަންނަކީ ވެސް އެކަނި އުޅޭ މީހެއް. އޮފީސް ނިންމައިފަ ކަމަކަށް އޮންނާނީ ނިދުން. ނޫނީ ކޮފީއަކަށް، ނޫނީ ބުރެއް ޖަހައިލަން ދިޔުން. އެކަމު އެކަން ވެސް މި ދުވަސްކޮޅު.." އަހަންނަށް ނުބައި ދިމާއަކަށް މައުޟޫއު ބަދަލުކޮށްލެވޭ ހެން ހީވުމުން ހުއްޓައިލީމެވެ.
"މި ދުވަސްކޮޅު؟" ޝިފާން ހިފީ ސީދާ ޕޮއިންޓުގައެވެ. "މާނައަކީ ކުނި ޖެހުނީއޭތަ؟"
ބަދަލުގައި އަހަންނަށް އިސްޖަހައިލެވުނެވެ. މަޑުމަޑުން ބޯ ޖަހައިލެވުނެވެ. އާއެކޭ ބުނަން ބޭނުން ވެގެންނެއް ނޫނެވެ.
"ކޮބައިތަ އެ ނަސީބު ވެރިއަކީ؟" ޝިފާން ސީދާ ސުރުޚީ ތެރެއިން މިސްރާބު ހޯދިއެވެ. "ތިހާ ރީތި ކުދިންގެ ހިތުގައި ޖައްސާ މީހުން ވެސް އުޅޭތަ؟"
"ޒިޔާދު! އެ އަހަރުމެން އޮފީހުގައި އުޅޭ މީހެއް. ވަރަށް ތަފާތު މީހެއް." ދެލޮލަށް ކަރުނަތައް ގިނަވާން ފެށުމުން އިސްޖަހައިލީމެވެ.
"ތަފާތު؟ ކިހިނެއް؟"
"ރުޅި ގަދަ. އަތް އިސްކުރުން. ހަރުދަނާކަމެއް ނެތުން." ނުބުނަން ހުރި ވާހަކަތައް ވެސް ހިފެހެއްޓުމެއް ނެތި ބޭރުވަމުން ދިޔައެވެ.
"ދެން ފުރުޞަތުގެ ބޭނުން ހިފާ. ކުނިޖެހިފައިވާ ދަނޑިވަޅެއްގަ އެކަހަލަ ކަންކަމުން ސަލާމަތްވެވޭނީ." ޝިފާނު ލަފާދިނެވެ.
"މައްސަލައަކީ އޮފީސް. މިހާރު ތިން ފަހަރަށް ބުރޭކު ވެއްޖެ. އެކަމު އޮފީހުގަ އުޅޭތީ، އާދޭސްކުރާތީ މަޖުބޫރުވަނީ."
"އަވަހަށް އެހެން ދިމާއަކުން ފަށާ. އޭރުން ސަލާމަތްވެވޭނީ؟"
"ކިހިނެއް؟"
"ލިސްޓުގެ އެއްވަނާގައި އޮތް މީހާއަށް އަންގައިލާނީނު." ޝިފާނު ހިނިތުންވެލިއެވެ.
"ލިސްޓެއް ނެތް."
"މީހުން ބުނަނީ ހަމަ ތެދެއް. ރީތި ކުދިން ގާތު އަހަން ނުކެރެނީ ހީކުރަނީ އެމީހުން ތިބޭނީ އަބަދުވެސް ފުލްވެފައޭ. ލިސްޓު ބޮޑުވާނޭ. ލަދެއްގައި ބެދެން ޖެހިދާނޭ." ޝިފާނު ބަލައިލީ ސީދާ އަހަރެންގެ ދެ ލޮލަށެވެ. "އަހަންނާ ރައްޓެހިވާން ކެރިދާނެތަ؟"
ޝިފާންގެ ޖެހިލުން ކުޑަކަމާ އޭނާގެ ހުނަރުވެރިކަން ފެނިފައި އަހަންނަށް އަނގަހުޅުވާލެވުނެވެ. ބުނާނެ އެއްޗެއް ވެސް ނޭނގި އަހަންނަށް އިނދެވުނީއެވެ.
"އޭ. ސީކޮށްނޭ. އަހަންނަށް ވަރަށް ކަމުދޭ. ފާއިތުވި ތިން ގަޑީއިރު އަހަންނަށް ސަހާ އެއްކޮށް ދަސްކުރެވިއްޖެ. ތިޔަ ދެ ލޮލުން ހުރިހާ ވާހަކައެއް ކިޔައިދީފި." ޝިފާން ހިނިތުންވެލިއެވެ.
"ޝިފާން." ލަސްލަހުން އަހަންނަށް ބުނެލެވުނެވެ.
"އޯކޭއޭ ވިސްނައިލައިފަ ޖަވާބެއް ދިނަސް. އަހަރެންނަކީ ސީދާކޮށް ވާހަކަދައްކާ މީހެއް. ހިތުގައި ފޮރުވާފައި ބޭއްވުމަކީ އަހަރެން ގަބޫލުކުރާ ގޮތެއް ނޫން. ކޮންމެ ވާހަކައަކީ ވެސް ބުނަން އެންމެ ރަނގަޅު ވާހަކަ. ހިތްބުނާނީ އަބަދުވެސް ރަނގަޅަށް. ކަމެއް ކުރާން އުޅެނިކޮށް އިތުރު ޚިޔާލެއް ނާންނަހާ ހިނދެއްގައި ހިތް އެ ބުނެދެނީ ކުރަން އުޅެނީ ރަނގަޅު ކަމެކޭ. އެކަމަކު ކުރަން އުޅޭ ކަމަކާ މެދު ދެތިން ވިސްނުމެއް އަތުވެއްޖެ ނަމަ ދެން އެ ޖެހުނީ ވިސްނައިލަން." ޝިފާން ހުއްޓައިލިއެވެ. "މި ކިހާ ސަޅި ގަބޫލުކުރުމެއް ދޯ. އަހަރެންގެ ވިސްނުން ހުންނަނީ މިހެން."
އަހަންނަށް ވިސްނައިލެވުނެވެ. ޝިފާން ބުނެދިން ވާހަކައަށެވެ. ޝިފާންގެ ހުށަހެޅުމަށް އަހަރެން ދޭންވީ ކޮން ޖަވާބެއް ބާއޭ ހިތަށް އަރުވާލެވުނެވެ. ބޭނުންވީ ވެސް ޔަގީންކޮށްލާށެވެ. ޝިފާނުގެ ތިއަރީއަކީ ކިހައި ބޮޑު ހަގީގަތެއްތޯ ބަލައިލާށެވެ. އަހަންނަށް އަންނަނީ އެއް ޖަވާބެކެވެ. އިތުރު ހިޔާލެއް އިތުރު ޖަވާބެއް ވެސް ނާދެއެވެ. ހިޔާލުތައް ގަޑުބަޑެއް ވެސް ނުވެއެވެ.
"އެއްޗެކޭ ބުނިންތަ؟" އަހަންނަށް ބަލައިލެވުނީ ޝިފާނުގެ މޫނަށެވެ.
"ހޮސްޕިޓަލުން ގުޅާ އެބަ." ޝިފާން ކޮޅަށް ތެދުވިއެވެ. "ހީވަނީ މުހިއްމު ބޭނުމަކު ހެން."
އަހަރެން ވެސް ޝިފާނާއެކު އަވަސްއަވަހަށް ހިނގައިގަތީމެވެ. ދެ ފިޔަވަޅު އެއްކުރަމުންނެވެ.
"ދެ ބޭފުޅުން ކޮށްދެއްވި ޚިދުމަތަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. ތިޔަ ދެއްކެވި ނަމޫނާއަކީ މަދުން ނޫނީ ޒުވާން ކުދީންގެ ފަރާތުން ފެންނަ މަންޒަރުތަކެއް ނޫން. އެންމެ ފުރަތަމަ ވެސް ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިނިސްޓަރ ވެސް ދެ ބޭފުޅުންނާ ގުޅޭ މައުލޫމާތު ހޯއްދެވި. އަޅުގަނޑުމެން ވާނީ ހިއްސާކޮށްފަ." ހޮސްޕިޓަލުގެ އިސްވެރިޔާ އަހަރުމެނަށް ބަލައިލިއެވެ.
"ބެލިބެލުންތަކުން އެނގުނީ ހަބީބަކީ އަޅައިލާނެ މީހަކު ނެތި މަގުމަތީގައި އުޅޭ މީހެއްކަން. މި މައުލޫމާތު ޖެންޑަރއަށް ހިއްސާކުރުމުން ޖެންޑަރގެ ބެލުމުގެ ދަށަށް ހަބީބު މިހާރު ވަނީ ގެނެވިފަ. ދެން ހަބީބުގެ ހުރިހާ ކަމަކާ ހަވާލުވާނީ ޖެންޑަރއިން. ތިޔަ ދެ ބޭފުޅުންނަށް ހަބީބުއާ ބައްދަލުކުރުމަށް ޚާއްޞަ ހުއްދައެއް ދެއްވުމަށް އެ ކޮޅުން އަންގައިފަ ވަނީ."
އެދުވަސް ނިމިގެން ދިޔައީއެވެ. ތަފާތު ތަޖުރިބާ ތަކަކާއެކުގައެވެ. ރަހުމަތްތެރިންގެ ލިސްޓަށް ވެސް ބޮޅެއް އިތުރުކޮށްދީފައެވެ. ޝިފާން އެއީ ރަހުމަތްތެރިއެއް ހެއްޔެވެ؟ ނޫނީ އެއަށްވުރެ ގާތް މީހެއް ހެއްޔެވެ؟ އަހަންނަކަށް ނުވިސްނުނެވެ. ޝިފާންގެ މަގުސަދެވެ. އޭނާގެ ހުޝިޔާރު ކަމެވެ. ޖެހިލުން ކުޑަ ކަމެވެ.
ހައެއްކަ ގަޑީއިރު ތެރޭގައި މީހަކު ދަސްވެދާނެ ހެއްޔެވެ؟ މީހަކަށް މީހަކު ކަމު ހިނގައިދާނެ ހެއްޔެވެ؟ މީހަކާ ގަޔާވާނެ ކަންތައްތަކެއް ހިނގައިފާނެ ހެއްޔެވެ؟ އަހަންނާ ޝިފާންއާ ދެމެދު އެކަހަލަ ކަމެއް ހިނގި ހެއްޔެވެ؟ އަހަރެން ދެކެ ލޯބިވާވަރުގެ ކަމެއް އަހަންނަށް ކުރެވުނު ހެއްޔެވެ؟ ނުކުރެވެއެވެ. އެ ނަޒަރުން ނުވިސް ވިސްނެއެވެ. ވީއިރު ޝިފާނަށް އެހެން އެވީ ކީއްވެ ހެއްޔެވެ؟ އޭނާ އަނެއްކާ އަހަރެން ހައްދަނީ ނޫން ބާވައެވެ؟ އަހަންނަށް ޖެއްސުން ކޮށްލީ ނޫން ބާވައެވެ؟ ޔަގީނެވެ. އެއީ ސަމާސާއެކެވެ. ފޯނަށް ބަލައިލެވުނެވެ. އެ ގުޅަނީ ޝިފާނެވެ.
"ކޮބާ ނިދަނީ؟" ޝިފާން އަހައިލިއެވެ.
"ނޫނޭ." އަހަންނަށް ވެސް ބުނެވުނެވެ. "ކީއްކޮށްލަނީ؟ ކިހިނެއްވީ މި ގަޑީ؟"
"ނިދި ނައިސްގެން." ޝިފާން ބުނެލިއެވެ.
"އެހެންތަ؟ ދެން އަހަންނަށް ގުޅީމަ ނިދެނީތަ؟" އަހަރެން ބޭނުންވީ ޔަގީންކޮށްލާށެވެ. "ކޮން ޚިޔާލެއްތަ ތި ކުރަނީ ނިދި ނާންނަވަރުގެ؟"
"ބުނަންވީ؟" ޝިފާން ހީލިއެވެ.
"އާނ. ބުނީމަތާ އެނގޭނީ." މަޑުމަޑުން އަހަރެން ބުނެލީމެވެ.
"ހަމަ ވިސްނެނީ. ދޭނެ ޖަވާބެއް ނޭނގޭތީ ހިތް ތެޅެނީ. ދާހިއްލަނީ. އަތްފައި ފިނިވަނީ. ނޭވާ އަވަސްވަނީ."
"ކާކު؟" އަހަރެން ނޭނގޭ ކަމަށް ހެދީ ހަމަ ގަސްދުގައެވެ.
"ކާކުހޭ؟ ތި ހަމަ ކަނޑައެޅިގެން ނޭނގޭ ކަމަށް ހެދީ." ޝިފާނު ޔަގީން ކަމާއެކު ބުނެލިއެވެ. "އަހަންނަށް ޔަގީން ސަހާ ވެސް އަހަރެން މަތީން ހަނދާންކުރާކަން. އަހަންނާ މެދު ވިސްނާ ކަން. އަދި ސަހާއަށް ބުނަން ނުކެރިގެން ތި އުޅެނީ. އެގަޑީ ވެސް އަހަންނަށް ސަހާގެ މޫނު މަތިން ޖަވާބު ލިބުނު. އެކަމު ސީދާ ބުނަންދެން މި ކެތް ކުރަނީ."
ހައިރާން ކަމާއެކު ޝިފާންގެ ވާހަކަތައް އަޑުއަހަން އަހަންށަށް އިނދެވުނީއެވެ. އޭނާގެ ޖެހިލުން ކުޑަކަން ހިތަށް އަރައަރައެވެ. އެހާ ސީދާކޮށް ޖަވާބު އެދެނީ އަނެއްކާ އޭނާއަށް އަހަރެންގެ ގޮތް އެނގެނީ ހެއްޔެވެ؟ ނޫނީ ކޮންމެވެސް މީހަކު އަހަންނޭ ކިޔައިގެން ވާހަކަތަކެއް ދެއްކީ ނޫން ބާވައެވެ؟ މި ކަހަލަ ސީދާ، ސާދާކޮށް ވާހަކަދައްކާ މީހަކު އަހަންނަށް އަދި މި ދިމާވީއެވެ.
"އޭތް. އެބަ ހުރީމޭ." ޝިފާން ހޭންފެށިއެވެ. "ދެން ބުނާނެ ނުވިސްނަމޭ. އަހަންނަށް ޔަގީން އެހެން މީހެއްގެ ޚިޔާލެއް ނޫން ތި ކުރަނީ. ސީދާ ތި ވިސްނަނީ އަހަންނާ މެދު. އަހަންނަށް ޔަގީން ދޭނެ ޖަވާބަކާ މެދުގައި ނޫންކަން. އެހެން ނޫނަސް ސަހާއަކަށް ނޫނެކޭ ނުބުނެވޭނެ. ބުންޏަސް ބުނާނީ ހިތާ ދެކޮޅަށް."
"ކީކޭ؟" އަހަންނަށް ބުނާނެ އެއްޗެއް ވެސް ނުވިސްނުނެވެ.
"މަ ބުނީ ކޮން އިރަކުންހޭ ޖަވާބެއް ލިބޭނީ؟" ޝިފާނު އަހައިލިއެވެ.
"ކޮން؟" އަހަންނަށް ވާހަކަދައްކަން އުނދަގޫ ވިއެވެ.
"މަށާ ރައްޓެހިވާން. ހެޔޮ ރައްޓެހި ނުވިޔަސް. އިންނަން އެއްބަސްވަންޏާ." ޝިފާނު ހޭންފެށިއެވެ.
"މަ؟" އަހަންނަށް ހިންދިރުވާލެވުނެވެ.
"އާން. އެ ޒިޔާދު، ސަހާއަކާ ނީންނާނެ. އެހެން ނޫނަސް ސަހާއަކާ އެ ސޮރަކާ ނުވެސް ގުޅޭ. ސަހާއާ ގުޅެނީ ވެސް އަހަންނާ. ސަހާގެ ވިސްނުމާ ޚިޔާލު ވެސް އަހަންނާ ދާދި އެއްގޮތް. އެހެންވީމަ އަހަރެންގެ ހަޔާތަށް ގެންނަން ސަހާ ނޫން އެހެން މީހަކު ނެތް. މީހުން ބުނެއެއްނު ފުރަތަމަ ނަޒަރުން ލޯބިވެވެއޭ. އަހަންނަށް ވެސް ވީ އެހެންނޭ." ލާނެތް ރާގެއްގައި ޝިފާން ބުނެލިއެވެ.
"އަހަރެން ވިސްނާލާނަން."
"އޯކޭ ވިސްނާ. ވިސްނާނެ ވަރަކަށް ވިސްނާ. އެކަމު މަށަށް ޔަގީންވަނީ ސަހާ ބުނާނީ އާއެކޭކަން. ދެން މަށާ ޖެއްސުމަށް ނޫނެކޭ ބުންޏަސް. އެ ވާނީ ހިތާ ދެކޮޅަށް ބުނާ ވާހަކައަކަށް."
"ނިދަން މި އުޅެނީ." އަހަރެން އާ ފުރޭ ކަމަށް ހަދައިލީމެވެ.
"އޯކޭ. ފޭކު އާ ފުރުމެއް. އެކަމަކު ނިދާ. މަށަށް އެނގޭ ތި އުޅެނީ މަށަށް ދޭނެ ޖަވާބެއް ނިންމަންކަން،" މަޑުމަޑުން ބުނެލިއެވެ. "އާއެކޭ ބުނާނީ އިނގޭ."
ކަންފަތުން ފޯނު ނައްޓައިލުމަށް ފަހު ވެސް އަހަންނަށް ބަލައިލެވުނީ ފޯނުގެ އިސްކުރީނަށެވެ. ޝިފާނުގެ ނަމަށެވެ. މިއީ އަނެއްކާ ކޮން ކަހަލަ މީހެއް ހެއްޔެވެ؟ ޖެހިލުން ކުޑަ ކަމަކީ އޭނާގެ އެންމެ ކަމުދާ ސިފައެވެ. އަނެއްކާ އޭނާ އަހަރެން ހައްދަނީ ނޫން ބާވައެވެ؟ އެއީ އެކަހަލަ މީހެއް ހެއްޔެވެ؟ ނޭނގޭނެއެވެ. ފިރިހެނުންނަކީ ފާޑެއްގެ ބަޔެކެވެ. މީހުންގެ ގޮތް އެނގޭނީ އެއް އޮޑިން ދަތުރުކޮށްލީމައޭ މީހުން ބުނެއެވެ. ކޮންމެ މީހެއްގެ މިޒާޖާއި އެމީހެއްގެ ވައްތަރު މޫނު މަތީ ލިޔެފައި ހުންނަ ނަމަ އެއް ފަހަރުން އެމީހެއްގެ ގޮތް އެނގޭނެއެވެ. ދެން އޮންނާނީ ތަޖުރިބާ ކުރުމެވެ. އެކުގައި އުޅެގެންނެވެ.
ޝިފާނަކީ އަހަންނާ ގުޅޭ މީހެއް ހެއްޔެވެ؟ އޭނާ އަހަންނަށް އޯގާތެރިވާނެ ހެއްޔެވެ؟ ހަޔާތުގެ ބައިވެރިއެއްގެ މަގާމަށް އޭނާ ކަމުދޭ ހެއްޔެވެ؟ އޭނާގެ މިޒާޖު އަހަރެންގެ މިޒާޖާ ގުޅޭ ހެއްޔެވެ؟ މީހުން ބުނެއެވެ. މިޒާޖު އެއްގޮތް ނަމަ އުޅެވިދާނެއެވެ. ޚިޔާލު އެއްގޮތް ކުރެވޭ ނަމަ އުމުރަށް އުޅެވިދާނެއެވެ. ޚިޔާލަށް އައީ ޒިޔާދެވެ. އޭނާގެ ރުންކުރު މިޒާޖެވެ. ބަސްމޮށުމުގައި ހުންނަ ނުކިއްސަރު ރާގެވެ. ކުދިކުދި ކަންކަމާ އަތް އިސްކުރުމެވެ. ޒިޔާދުގެ ޚިޔާލާއި އަހަރެންގެ ޚިޔާލު ދުވަހަކު ވެސް އެއްމަގަކަށް ނުގެނެވެއެވެ. އޭނާ ގޮތެއް ދުލެއް ނުކުރާނެއެވެ. އެއީ އޭނާ ގަބޫލުކުރާ ހަމައެއް ނޫނެވެ. ގޮތް ދޫކުރަން ޖެހޭނީ އަންހެނުންނެވެ. އެއީ އަންހެނުންގެ ސިފައެކެވެ. ޚިޔާލު ތަފާތުވާ އިރަށް ގޮތް ދޫކޮށްފި ނަމަ ފިރިހެންވަންތަކަން ގެއްލުނީއެވެ. ޒިޔާދު ގަބޫލުކުރަނީ އެގޮތަށެވެ. އަހަރެންގެ ސިކުނޑިއަށް ވެސް ވިސްނެނީ އެގޮތަށެވެ. ހުރިހާ ދުވަހު ޒިޔާދު ދަސްކޮށްދިނީ އެގޮތް ކަމަށްވާތީއެވެ.
އެކަމަކު ޝިފާން އެހެން ހެއްޔެވެ؟ އެއީ މުޅީން ތަފާތު މީހެކެވެ. ޒިޔާދާއި ޝިފާން ދެ އަތަށް ލައި ކިރައި ލައިފި ނަމަ ބުރަވާނީ ކާކު ހެއްޔެވެ؟ އަހަންނަށް ލޯ މަރައިލެވުނެވެ. ދެ އަތް ހުޅުވާލަމުން ދަމާލެވުނެވެ. ކަނާއަތަށްލީ ޝިފާނެވެ. ވައަތަށް ލެވުނީ ޒިޔާދެވެ. ބަރުޖެހުނީ ކަނާއަތަށެވެ. އަހަންނަށް ލޯ ހުޅުވާލެވުނެވެ. ފުންކޮށް ވިސްނައިލެވުނެވެ.
މިއީ ހަގީގަތް ހެއްޔެވެ؟ އާއެކެވެ. ސިކުނޑި ބުނެދިނީ ރަނގަޅަށެވެ. އަހަރެން މިޒާޖު އެންމެ ގުޅެނީ ޝިފާންގެ މިޒާޖާ ކަމެވެ. އޭނާގެ މަޑުމައިތިރި ކަމާއި ބަސްމޮށުގެ ރާގާއި، ޖެހިލުން ކުޑަ ކަމަކީ ވަރަށް އާދަޔާ ޚިލާފު ބާރެއް ހުރި ކަންކަމެވެ.
އަހަރެން ގޮތެއް ނިންމަންވީ ހެއްޔެވެ؟ ޝިފާނަށް ޖަވާބެއް ދޭންވީ ހެއްޔެވެ؟ ނޫނެކެވެ. އަދި މާ އަވަހެވެ. އަހަންނަށް އޭނާދެކެ ލޯބި ވެވޭ ހެއްޔެވެ؟ އޭނާގެ ކިބައިގައި އަހަރެން ގަޔާވާ ސިފަތަކެއް ހުރުމަކީ ލޯބިވުން ހެއްޔެވެ؟ އެއީ ލޯބިވާން ޖެހޭ ސަބަބެއް ހެއްޔެވެ؟ ލޯތްބަކީ ވެވޭ އެއްޗެއް ހެއްޔެވެ؟ އެއީ ވާ އެއްޗެއް ހެއްޔެވެ؟ އަހަންނަށް ޝިފާން މަތިން ހަނދާން ކުރެވޭ ހެއްޔެވެ؟ އޭނާ ދެކިލަން ބޭނުންވެވޭ ހެއްޔެވެ؟ ލޯމަރައިލުމުން އެ ސޫރު ފެނޭ ހެއްޔެވެ؟ ގާތުގައިވާނަމަ އޭނާގެ މީރު ވަސް އިހުސާސް ކުރެވޭ ހެއްޔެވެ؟
ޖަވާބަކަށް އަންނަނީ އެއް ޖަވާބެކެވެ. އިތުރު ވިސްނުމެއް ވެސް ނާދެއެވެ. އިތުރު ޚިޔާލެއް ވެސް ނާދެއެވެ. އެހެންވެއްޖެ ނަމަ އަހަންނަށް މި ވެވެނީ ލޯބި ހެއްޔެވެ؟ ނޫނީ މި ވެވެނީ ހަމްދަރުދީ ހެއްޔެވެ؟ ނޫނީ ގަދަކަމުން އަހަރެންގެ ހިތަށް މަޖުބޫރު ކުރުވެނީ ހެއްޔެވެ؟ ނޫނެކެވެ. މިއީ ގަސްތުގައި ކުރާ ކަމެއް ނޫނެވެ. ކަމާކަންފަށައިގެން ވިސްނާ ވިސްނުންތަކެއް ނޫނެވެ. އަހަންނަށް ނޭނގި ކުރެވޭ ޚިޔާލުތަކެކެވެ. ވިސްނޭ ވިސްނުން ތަކެކެވެ.
އެނދުމަތީ ދެފައި ވަށްކޮށްލައިގެން ބާލީސް އުނގަށް ލައިގެން އަހަންނަށް އިނދެވުނީ ކިހައި އިރެއް ވަންދެން ކަމެއް ވެސް ނޭނގުނެވެ. ބައެއް ފަހަރު އަހަރެން ގާތަށް ލާނެތް ހިންޏެއް ވެސް އާދެއެވެ. ޝިފާން ދައްކާފައި ހުރި ވާހަކަތައް ހަނދާންވުމުން ރަކިވާ ގޮތް ވެސް ވެވެއެވެ. އެނދުން ތެދުވެ ލޯގަނޑު ކުރިމައްޗަށް ހުއްޓި ލެވުނެވެ. ރަކިވެގެން އިސްޖަހައިލެވުނެވެ. ޝިފާންގެ ޖުމުލައެއް ހަނދާންވުމުންނެވެ. އަމިއްލަ މޫނު މަތީގައި އަތް އަޅައިލެވުނެވެ. އިނގިލިތަކުގެ ތެރެއިން ލޯގަނޑަށް ބަލައިލެވުނެވެ. އަހަންނަށް ފެނުނީ ޝިފާނެވެ. އޭނާ އަހަރެން ކޮނޑަށް ބޮސްދެނީއެވެ. ސިހިފައި ފަހަތަށް ބަލައިލެވުނެވެ. ޝިފާނެއް ނެތެވެ. އަނެއްކާ ވެސް ލަދުން ހަލާކުވާ ވަރުވިއެވެ.
ކޮޓަރީ ހުރި ސޯފާއަށް ޖެހިގަނެވުނެވެ. އަހަންނާއެކު އެހެން މީހަކު ވެސް ސޯފާއަށް ޖެހިގަތް ހެން ހީވިއެވެ. ބަލައި ލެވުނީ ފަހަތަށެވެ. ޝިފާނު މޫނު އަހަރެންގެ އިސްތަށިގަނޑުގެ ތެރެއަށް މަހައިލަނީއެވެ. އަހަންނަށް ލޯމަރައިލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަހަރެން ކޮނޑުގެ ދެފަރާތުގައި އޭނާގެ ދެއަތުން ބީހެމުން ދިޔަ ކަމުގެ އިހްސާސް ކުރެވުނެވެ. އޭނާގެ ކަށި ދަތްދޮޅިން އަހަރެން ކަނދުރާގައި ޖައްސައިލިއެވެ. މުޅި ގައިން ހީބިހި ނަގައިގަތެވެ. އަހަރެން ފިނިވިއެވެ. ގަނޑުވިއެވެ. ނޭވާ އަވަސްވަމުން ދިޔައެވެ.
(ނުނިމޭ)