ލައިފްސްޓައިލް

ފަރުބަދައިގެ އަޅިތައް ބުރަމުން ދިޔައަސް ކައިވެނި ކުރިޔަށް!

ފިލިޕީންސްގެ އަލިފާން ފަރުބަދައެއް ގޮވަން ފަށައި އޭގެ އަޅިތައް މައްޗަށް އަރަމުންދާތަން ވަރަށް ކައިރިން ފެންނަމުން ދިޔައިރު ވެސް ފިލިޕީންސްގެ ދެ މީހަކު އެމީހުންގެ ކައިވެނީގެ ރަސްމިއްޔާތު ހުއްޓާނުލާ ކުރިޔަށް ގެންގޮސްފި އެވެ. އަދި މި މަންޒަރުތައް ސޯޝަލް މީޑިއާގައި އާއްމުވުމުން ގިނަ ބަޔަކު ވަނީ މި ދެމަފިރިންގެ ކެރޭ ކަމުން ހައިރާންވާ ކަމަށް ބުނެފަ އެވެ.

ޗީނޯ ވެފްލޯ އާއި ކެޓް ބައުޓިސްޓާ ޕަލްމޯގެ ކައިވެނި ކުރަން ކަނޑައަޅާފައި އޮތީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ދުވަހަކީ އަލިފާން ފަރުބަދަވެސް ގޮވަން ފަށައި އޭގެ އަޅިތައް މުޅި އެ ހިސާބަށް ބުރަން ފެށި ދުވަހެވެ.

މި ކައިވެނީގެ ރަސްމިއްޔާތު އޮތީ އަލިފާން ފަރުބަދައާ ގާތްގަނޑަކަށް 10 ވަރަކަށް ކިލޯމީޓަރު ދުރުގައި ހުރި ތަނެއްގަ އެވެ. ފިލިޕީންސް ސަރުކާރުން ވަނީ އަލިފާން ފަރުބަދައާ 14 ކިލޯ މީޓަރަށް ވުރެ ކައިރީގައި ތިބި އެންމެން އެހިސާބުގަނޑުން ދުރު ހިސާބުތަކަށް ބަދަލު ކޮށްފަ އެވެ.

ކައިވެނީގެ ކަންތައް ހިނގަމުންދިޔައިރު ބެކްގްރައުންޑުން އަލިފާން ފަރުބަދަ ގޮވަމުން އޭގެ އަޅިތައް މައްޗަށް އަރަމުން ދިޔަ މަންޒަރު ފެންނަމުން ދިޔަ އެވެ. މި މަންޒަރުތައް ފެންނަ ގޮތަށް ފޮޓޮގްރާފަރު ރަންޑޮލްފް އީވާން ނަގާފައިވާ ފޮޓޯތައް ފެންނަނީ ވަރަށް އާދަޔާޚިލާފު ގޮތަކަށެވެ. އަދި މިއީ ވަރަށް މަދުން ނޫނި ކައިވެނި ޕާޓީއެއްގެ ބެކްގްރައުންޑުން ފެންނާނެ މަންޒަރެއް ނޫންކަމަށް މި ފޮޓޯތަކަށް ކޮމެންޓްކުރި މީހުން ބުނެފައި ވެއެވެ.

ފޮޓޯގްރާފަރު ސީއެންއެން އަށް ކިޔައިދީފައިވާ ގޮތުގައި އެމީހުން އެންމެން ވެސް އެ ވަގުތު ތިބީ ވަރަށް ހިތް ނުތަނަވަސް ވެފަ އެވެ. އަދި ކައިވެނީގެ ފޮޓޯތައް ނަގަމުން ދިޔައިރުވެސް އެމީހުން އެންމެން ސޯޝަލް މީޑިއާއިން އަލިފާން ފަރުބަދައަށް ވަމުންދިޔަގޮތް ދިޔައީ ބަލަމުންނެވެ. އެހެންވެ އިންޒާރުތައް އަންނަމުންދާ ގޮތާއި ނުރައްކާވަމުން އައި ގޮތް އެމީހުންނަށް ވަރަށް ރަނގަޅަށް އެނގުނެވެ.

"ގޯސްކޮށް ކަމެއް ދިމާވެއްޖިއްޔާ ދެން ހަދާނެ ގޮތްތައް ވެސް އަހަރެމެން މަޝްވަރާ ކުރިން،" އީވާން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަލިފާން ފަރުބަދަ ގޮވަމުންދާތަން ފެންނަން ހުރި ނަމަވެސް ކައިވެންޏަށް ހާޒިރުވެ ތިބި އެންމެން ވެސް ތިބީ ވަރަށް ހިމޭނުން މަޑުމަޑުންނެވެ. އެ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާ އާއި ވަރަށް ގާތް އެކުވެރިންކޮޅެއް އެކަނި ކަމަށް ވާތީ އެއްވެސް މީހަކު ބިރުން އެ ތަން ދޫކޮށް ނުދާކަމަށް ވެސް އީވާން ބުންޏެވެ.
ނަމަވެސް ރޭގަނޑުވީ ފަހުން ކުޑަކޮށް ބިރުގަން ކަމަށް އޭނާ ބުންޏެވެ.

"ރޭގަނޑުވީ ފަހުން އަޅިތައް އަހަރެމެންގެ ގަޔަށް ވެސް ބުރަން ފެށި. ފަހުން އޮހެން ފެށީ ޗަކަ ގޮތަށް ހުރި ތަންކޮޅެއް ބަރު އަޅިތަކެއް،" އިވާން ބުންޏެވެ.

ކައިވެނި ޕާޓީ އޮތް ތަން ވެސް ފަހުން ބަންދުކޮށް އެ ހިސާބު ވެސް މީހުން ހުސްކުރި އެވެ. ނަމަވެސް އޭރު ކައިވެނީގެ ހުރިހާ ކަމެއް ނިމިއްޖެ އެވެ.