ހަބަރު

އޯޕެކް ފަންޑުން ރާއްޖެއަށް 50 މިލިއަން ޑޮލަރު ލޯނެއް ދީފި

ފެނާއި ނަރުދަމާ ގާއިމްކޮށް ބަނދަރު ހަދަން އޯޕެކް ފަންޑް ފޯ ޑިވަލޮޕްމަންޓް (އޮފިޑް) އިން 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 772 މިލިއަން ރުފިޔާ) ގެ ލޯނެއް މިއަދު ދީފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި އިވެންޓެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޯޕެކް ފަންޑުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޑރ. އަބްދުލް ހަމީދު އަލް ހަލީފާ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނާ ކުރިމަތި ލައްވާ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އޯޕެކުން މި ލޯނު ރާއްޖެއަށް ދިނީ 20 އަހަރުން ދައްކާ ގޮތަށް ކަމަށެވެ.

"މި ލޯނު [އޯޕެކުން] ދީފައިވަނީ 4.5 ޕަސެންޓުގެ އިންޓްރެސްޓުގައި. މި ލޯނަށް ގްރޭސް ޕީރިއަޑުގެ ގޮތުގައި ފަސް އަހަރު ލިބޭނެ،" އަމީރު ވިދާޅުވި އެވެ.

އޯޕެކް ފަންޑުގެ ޑިރެކްޓަރު ޖެނެރަލް އަބްދުލް ހަމީދު އަލް ހަލީފާ ވިދާޅުވީ ރާއްޖެއަކީ ލޯނު ނަގައިގެން މަސައްކަތް ކުރާ ގައުމުތަކުގެ ތެރެއިން އެންމެ ބަރާބަރަށް ފައިސާ އަނބުރާ ދައްކާ އެއް ގައުމު ކަމަށެވެ.

އޯޕެކް ފަންޑުގެ ލޯނުގެ ފައިސާ ހޭދަ ކުރާނީ ފެނާއި ނަރުދަމާ އަދި ބަނދަރު ހެދުމުގެ މަޝްރޫއު ތަކެއް ހިންގާށެވެ. އެގޮތުން އަށް ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގާއިރު ފަސް ރަށެއްގައި ބަނދަރު މަރާމާތު ކުރުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތައް ހިންގާނެ އެވެ.

މި މަޝްރޫއުގެ ދަށުން 20،000 މީހުންގެ އާބާދީއަށް މަންފާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

މަޝްރޫއުތައް ހިންގާ ރަށްތައް

ފެނާއި ނަރުދަމާ ގާއިމް ކުރާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ނެއްލައިދޫ އާއި ހދ. ނޭކުރެންދޫ އާއި ހދ. މަކުނުދޫ އާއި ށ. ފޭދޫ އާއި ގދ. ވާދޫ އާއި ގދ. ފިއޯރީ އާއި އަދި ބ. ކެންދޫ އާއި ދަރަވަންދޫ އެވެ.

ބަނދަރު ހަދާ ރަށްތަކުގެ ތެރޭގައި ހިނެނެނީ ބ. ކުޑަރިކިއްޔާއި ބ. ދޮންފަނާއި ބ. ކެންދޫ އާއި ގއ. ކޮލަމާފުއްޓާއި ގދ. ހޯނޑެއްދޫ އެވެ.

ރާއްޖެ އަށް ލޯނު ދިން، އޯޕެކް ފަންޑަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މަޝްރޫއު ހިންގަން ވެސް އެންމެ ބޮޑު ލޯނެއް ދިން އެއް ޖަމާއަތެވެ.