ދުނިޔެ

ޖަޕާންގެ ވަޒީރަކު ޕެޓާނިޓީ ލީވަށް، ސަމާލުކަން ބޮޑުވެއްޖެ

ޖަޕާނުގެ އެންވާރްމެންޓަލް މިނިސްޓަރު ޝިންޖިރޯ ކޮއިޒޫމީގެ އަނބިކަނބަލުންނަށް ދަރިޔަކު ލިބިވަޑައިގަންނަވާތީ، މިނިސްޓަރު ޕެޓާނިޓީ ލީވް ނަންގަވާނެ ކަމަށް އިއުލާން ކުރެއްވުމުން އެކަމަށް ސަމާލުކަން ބޮޑު ވެއްޖެ އެވެ.

ޖަޕާންގެ ކުރީގެ ބޮޑު ވަޒީރު ޖުނިޗީރޯ ކޮއިޒޫމީ ދަރިކަލުން ޝިންޖިރޯ،38 ވިދާޅުވީ، މި މަހު ފަހުކޮޅު އޭނާގެ އަނބިކަނބަލުން ދަރިކަލަކައިގެން ރައްކާވެ ވަޑައިގަންނަވަން ހަމަޖެހިފައިވާތީ ދެ ހަފުތާގެ ޗުއްޓިއެއް ނަންގަވަން ހަމަޖެހިފައިވާ ކަމަށެވެ.

މިކަމަށް މިހާބޮޑު ސަމާލުކަމެއް ލިބިފައިވަނީ، ޖަޕާންގެ ވަޒީރަކު ފުރަތަމަ ފަހަރަށް ޕެޓާނިޓީ ލީވް ނަންގަވާތީ އެވެ. ޖަޕާންގައި ދަރިން ލިބުމާއި ގުޅިގެން މަންމައިންނާއި ބައްޕައިންނަށްވެސް މުސާރަ ލިބޭ ގޮތަށް އެއް އަހަރުގެ ޗުއްޓިއެއް ލިބެ އެވެ.

އެހެންނަމަވެސް 2018 ޖަޕާންގެ ފިރިހެނުންގެ ތެރެއިން ޕެޓާނިނިޓީ ލީވް ނެގީ ހަ ޕަސަންޓް ފިރިހެނުންނެވެ. އެއީ މަސައްކަތަށް ނުކުތުމަށް އޮންނަ ޕްރެޝަރު ބޮޑު ކަމުންނެވެ. ނަމަވެސް އަންހެނުންގެ 82 ޕަސަންޓް މެޓާނިޓީ ލީވް ނަގާފައި ވެއެވެ.

ޝިންޖިރޯ ވިދާޅުވީ އޭނާ ޗުއްޓިގައި ހުންނެވުމުން ރަސްމީ ބައްދަލުވުންތައް ކުރިއަށް ގެންދާނީ ޑިޕުޔުޓީ މިނިސްޓަރުން ކަމަށެވެ. އެހެންނަމަވެސް މަޖިލީހަށް ހާޒިރުވުމާ ޕަބްލިކް ބައްދަލަތުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ޝިންޖިރޯ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ފްރާންސާއި ޖަޕާންގެ ދަރިކޮޅަށްވެސް ނިސްބަތްވާ ޓީވީ ޕްރެޒެންޓަރެއް ކަމަށްވާ ކްރިސްޓެލް ޓަކިގަވާ،42 އާ އެވެ.