އުމުރުން ދެ އަަހަރުގެ އަންހެން ކުއްޖަކަށް ދުވަސްވީ މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގައެވެ. ދެކުނު ރަށެއްގައި ހިނގާދިޔަ މި ހާދިސާއާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރަމުން ގެންދާ ކަމަށް ވަނީ ބުނެފައެވެ.
ދެ އަަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަން ފަޅާއަރާ، ނޫސްތަކުގައި އެ ވާހަކަތައް ލިޔެފައިވަނީ ރޭ ނަމަވެސް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ މިއީ މީގެ އެތައް ދުވަހެއް ކުރިން ފެށިގެން ހިނގަމުންދާ ކަމެއް ކަމަށެވެ. އެ ރަށުން ވާހަކަ ދެއްކި މީހުންގެ ބުނާގޮތުން މިއީ އެތައް ބަޔަކު ގުޅިގެން ހިންގާފައިވާ މުޑުދާރު އަމަލެކެވެ.
އަވަސްއާއި ވާހަކަދެއްކި އެ ރަށުގެ ބައެއް މީހުން ބުނީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަން ކުއްޖާގެ ވާހަކަތަކުން އެނގޭ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން ކުއްޖާއަށް ޖިންސީގޮތުން ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މިވަގުތު އެ ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
"ކުއްޖާގެ މަންމަ ރަށުގައި ނެތީސް މިކަމެއް ހިނގީ. އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަން އެނގުނީ ތަދުވާ ވަރުން އެ ކުއްޖާ އޭނާގެ ބޮޑުދައިތައެއް ކައިރީގައި އެ ވާހަކަ ބުނުމުން. ދެން ސިއްހީ މަރުކަޒަށް ގެންގޮސް ދެއްކުމުން އެނގުނީ އެ ކުއްޖާފުޅަށް ވަރަށް ބޮޑަށް ޖިންސީ ގޯނާކޮށްފައިވާކަން. މިހާރު ކުއްޖާވީ މާލޭގައި." ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.
ރަށުގެ މީހުން ބުނާގޮތުން އެ ކުއްޖާގެ މަންމައާއި ބައްޕައަކީވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުންނެވެ. އެ ދެ މީހުންގެ ފަރާތުން އެ ދަރިފުޅަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ވަނީ ބުނެފައެވެ. އަދި ކުއްޖާއަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ކާފައަކީ މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި ހައްޔަރުވެސް ކޮށްފައިވާ މީހެއް ކަމަށެވެ.
"އެއްވެސް ފިޔަވަޅެއްވެސް ނޭޅޭ. ހަމަ ބޭނުން ގޮތަކަށް ރަށުތެރޭގައި އެ އުޅެނީ. ލަދެއް ހަޔާތެއްވެސް ނެތް."
އަންހެން ކުއްޖާއަށް ޖިންސީ ފުރައްސާރަކުރި ތިން މީހުންގެ ފޮޓޯވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެތައް ބަޔަކު ދަނީ އެމީހުންނަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
މީގެ އިތުރުން އެކަމާ ދެކޮޅަށް ހިމޭން މުޒާހަރާއެއްވެސް ކުރުމަށް ވަނީ ނިންމާފައެވެ.
އަވަސްއާއި ވާހަކަދައްކަމުން މި މުޒަހާރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުން ބުނީ ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާތަކާއި ކުރިމަތިލާން ޖެހޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މިފަހުން މިފަދަ ނުރައްކާތެރި ކަންކަމަށް ހުށައެޅިގެންދަނީ އުމުރުން ވަރަށް ކުޑަ ކުދިން ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ތަފާތު ވާހަކަތައް ފެންމަތިވަމުންދާއިރު އަދިވެސް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ހިމޭން، ސުލްހަވެރި މުޒާހަރާއެއް ބެއްވުމުގެ ބޭނުމަކީ އެފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުން އަވަސް ކުރުމަށް ގޮވާލުން ކަމަށާއި ސަރުކާރުގެ ސަމާލު ކަމަށް މިފަދަ މައްސަލަތައް ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީ ކުރިމަތިން މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ޒުވާނުން ވަނީ އެދިފައެވެ. އަދި މިއީ ވަރަށް މުހިންމު މަގްސަދެއްގައި ބޭއްވޭ މުޒާހަރާއަކަށްވާތީ ސިޔާސީ ވަކި ވިސްނުމެއް ނުގެންގުޅުމަށާއި، ހަމަހިމޭން ކަމާއެކު ސުލްހަވެރި ހަރަކާތެއްގެ ގޮތުގައި މުޒާހަރާ ކުރިއަށް ގެންގޮސްދިނުމަށް ވަނީ އެދިފައެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ އެ ތުއްތު ކުއްޖާއަށް އިންސާފު ހޯދާދިނުން. އަދި މިފަދަ މުޑުދާރު އަމަލުތައް ކުރާ ފަރާތްތައް މުޅި މުޖްތަމައުންވެސް އެކަހެރި ކުުރުން. އެ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލުން. އެހެންވީމަ އެއްވެސް ބޭފުޅަކު އަޑުގަދަކޮށް، ހަމަނުޖެހުމަކަށް ފުުރުސަތު ނުދިނުމަަށް އެދެން," މުޒާހަރާ އިންތިޒާމު ކުރުމުގައި އިސްކޮށް އުޅޭ ޒުވާނުން އެދުނެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެފަދަ ގިނަ މައްސަލަތަކަަށް އިންސާފު ގާއިމްކުރެވިފައި ނެތުމަކީ މުޖްތަމައުން އެ "ވަބާ" ފިލައިގެން ނުގޮސް އޮތް މައިގަނޑު ސަބަބު ކަމަށް ގިނަ މީހުން ދެކެއެވެ.