މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުށްވެރިޔަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބެ އެވެ. އެކަމަކު ނުރައްކާތެރި ކުށްތަކުގައި މީހުން ހައްޔަރުކުރާއިރު ގާނޫނީ އިޖުރައާތުތައް ފުރިހަމަކޮށްފައި ނުހުންނަ ކަމަށް ބުނެ އެފަދަ ކުށްވެރިން ދޫކޮށްލުމަކީ ވެސް ކޯޓު ތަކުގެ ތެރެއިން ހިނގާ ކަމެކެވެ. ކުށްވެރިން ބަންދުގައި ބޭތިއްބުމުގެ އަމުރު ނެރުމުގައި އެކި މަރުހަލާގެ ކޯޓު ތަކުން ގާނޫނު މާނަކުރާ ގޮތުން ވެސް ނުރައްކާތެރި ކުށްވެރިން ދޫވެގެންދެ އެވެ. އޭގެ އެއް މިސާލަކީ ދާދިފަހުން ހައިކޯޓުން ގާނޫނެއް މާނަކުރި ގޮތަކުން "ޓެރަރިސްޓެއް" ކަމަށް ބުނާ މީހަކު ވެސް ދޫކޮށްލުމެވެ. ދަށު ކޯޓު ތަކުން މީހުން ބަންދުގައި ބޭތިއްބުމަށް ނެރޭ އަމުރުތައް ތަންފީޒުކުރުމުގައި މަތީ މަރުހަލާގެ ކޯޓުތަކުން ކަނޑައަޅާ އުސޫލުތައް ވަރަށް މުހިއްމެވެ. ބައެއް ފަހަރު ހީނުކުރާ ނިންމުންތައް ވެސް ނިންމަ އެވެ. ހައިކޯޓުން މިދިޔަ ބުދަ ދުވަހު ނިންމާފައިވާ ނިންމުމަކީ ވަރަށް މުހިންމު ތާރީހީ ނިންމުމެކެވެ. އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުވާ މީހުން އެކަހެރިކޮށް ބަންދުކޮށްފައި ބައިތިއްބަން ޖެހޭ ސަބަބުތަކެއް ކަނޑައަޅައިދިން މުހިއްމު ނިންމުމެކެވެ.
ރާއްޖޭގައި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެ އެފަދަ މައްސަލައެއް ފެންމަތިނުވާ ދުވަހެއް މަދެވެ. ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅަނީ ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރާ މައްސަލަތަކެވެ. އެފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް އަނިޔާ ދީފައި ހުންނަނީ އިތުބާރު ހިފޭ ފަރާތަކުންނެވެ. މަންމަ ނުވަތަ ބައްޕައަށް ވެސް ވެދާނެ އެވެ. ދޮންބައްޕަ ނުވަތަ ބޮޑު ބޭބެއަށް ވެސް ވެދާނެ އެވެ. ސުކޫލުގެ ޓީޗަރަކު ނުވަތަ ފުލުހަކަށް ވެސް ވެދާނެ އެވެ. މި މިސާލުތަކަށް ބަލާއިރު ފާއިތުވި އެއް މަސް ދުވަހަށް ބަލާއިރު މިފަދަ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ. ޖިންސީ ގޯނާ ކުރުމުގެ ކުށަކީ ޖިނާއީ ބޮޑު ކުށެކެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށަކީ ޖިނާއީ ބޮޑު ކުށެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގައި އެކަން" ކަނޑައަޅާފައިވެ އެވެ. މިފަދަ ކުށްތަކުގެ ސަބަބުން މުޖުތަމައަށް ލިބެމުންދާ ގެއްލުންތަކަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާކަމަށް ތުހުމަތުކުރެވޭ މީހުންނަކީ މުޖުތަމައުން އެކަހެރިކޮށް އެމީހުންގެ ނުރައްކާ މުޖުތަމައަށް ނުފޯރާގޮތަށް ބަންދުކޮށްފައި ބައިތިއްބަންޖެހޭ ބައެއްކަމުގައި އަހުރެން ގަބޫލުކުރަމެވެ،" ހައިކޯޓުން ބުދަ ދުވަހު އިއްވާފައިވާ ހުކުމުގައި ބަޔާން ކޮށްފައިވެ އެވެ.
ހައިކޯޓުން މި ހުކުމް ނެރުނީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ދޫކޮށްލަން އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަކުން ކުރި އަމުރެއް ބާތިލުކުރުމަށް ފަހު އެވެ. އެ މައްސަލައިގެ ކުރު ހުލާސާއަކަށް ބަލާއިރު މައްސަލައިގައި ދައުވާ ލިބޭ މީހާ ދަށު ކޯޓުން ދޫކޮށްލާފައިވަނީ އެ މައްސަލައިގައި ހިމެނޭ ހުރިހާ މީހުންގެ ބަޔާންތަކާއި ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް ޝަރީއަތަށް ހުށަހަޅާފައި ވާތީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ދަށު ކޯޓު ފަނޑިޔާރަށް ފެނިވަޑައިނުގަތުމުންނެވެ.
ދަށުގެ ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ޖިންސީ ގޯނާގެ ތުހުމަތުވާ މީހުންނަށް ގާނޫނުން ލިބިދޭ ބައެއް ހައްގުތައް ވެސް ވަކި މިންވަރަކަށް ހިފެހެއްޓިގެން ދާނެ ކަމަށެވެ.
އެފަދަ މީހުން މުޖުތަމައަށް ދޫވުމަކީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަން ގެއްލޭނެ ކަމެކެވެ. ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ އެފަދަ މީހުން ބަންދުގައި ބަހައްޓަން ޖެހޭނީ ވެސް އެމީހެއްގެ ސަބަބުން ނުރައްކާތެރިކަން ނުފޯރާނެ ތަނެއްގައި ކަމަށެވެ. މަތީ ކޯޓަކުން ގާނޫނެއް
މާނަކުރުމަށްފަހު ނިންމާ ގާނޫނީ އުސޫލަށް ދަށު ކޯޓުތަކުން އަމަލުކުރަން ޖެހެ އެވެ.
މިގޮތުން ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބަލައި، ތަހުގީގުގެ މަރުހަލާއާއި ޝަރީއަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް ފަނޑިޔާރަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ ހައްގު އެ މިންވަރަށް މި ގާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވާކަން އެނގެ އެވެ.ހައިކޯޓުގެ ހުކުމް
ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ މަގުސަދުތައް
- މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންނަށް ނުރައްކަލަކަށް ވެދާނެ މީހުންގެ ކިބައިން އެކުދިން ރައްކާތެރިކުރުން
- ކުޑަކުދިންގެ ރައްކާތެރިކަން ދެމެހެއްޓުން
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ތަޙުގީގުގެ މަރުޙަލާގައާއި ޝަރީއަތުގެ މަރުޙަލާގައި ބަންދުގައި ބޭތިއްބުން
- ޖިންސީ ގޯނާކުރާ މީހުންނަށް ފާރަވެރިވެ ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުން ކޮންޓްރޯލްކުރުން
ޖިންސީ ގޯނާ އާއި ރޭޕްގެ މައްސަލަތަކަކީ މުޅި އުމުރަށް ކުއްޖާގެ ފަސްބައިގައި ޖެހިގެންދާ ލައްގަނޑެކެވެ. އެހެން މީހެއްގެ ވިޔާ ނުދާ އަމަލުތަކެއްގެ ސަބަބުން މައުސޫމް ކުއްޖެއްގެ މުޅި ދިރިއުޅުން ބަނަކޮށްލާ އަމަލެކެވެ. ބަދަލު ނަގައި ނުދެވޭނެހާ ބޮޑު ޖިސްމާނީ އަދި ނަފްސާނީ އަނިޔާ އެކެވެ. އެފަދަ މީހުން އެއްގޮތަކަށްވެސް މުޖުތަމައަށް ދޫކޮށްލެވިގެން ނުވާނެ އެވެ. ދެން އޮތީ ކުށް ސާބިތުވެ ޖަލަށް ދާ މީހުންނެވެ. ހުކުމް ތަންފީޒުކޮށްގެން އަހަރުތަކަކަށް ފަހު އަނެއްކާ ހަމަ އެމީހުން މުޖުތަމައަށް ނިކުންނާނީ އެވެ. އެކަމަކު އެކަމުގެ ކޮންޓްރޯލް ވެސް ދައުލަތަށް ހޯދެން އެބައޮތެވެ.
އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެފަދަ ކުށްވެރިން ބަލަހައްޓަމުންދިޔުމުގެ އަމުރަކަށް އެދެވިދާނެ އެވެ. މިފަދަ އަމުރަކަށް އެދެވޭނީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައި ވަނީ ކުށްވެރިޔާގެ އާއިލާގެ ކުއްޖަކަށް ނުވަތަ އުފަން ދަރިޔަކަށްވާ ހާލަތުގަ އެވެ. އެގޮތުން ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުއްޖާއަށް 18 އަހަރު ފުރެންދެން ދައުލަތަށް ކުށްވެރިޔާ ބެލެހެއްޓުމުގެ އަމުރަކަށް އެދެވިދާނެ އެވެ. މިއީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނުން އެޅޭނެ ފިޔަވަޅުތަކެވެ.
ޖިންސީ ގޯނާއެއް ކުއްޖަކަށް ލިބުމުގެ ކުރިން އެކަން ހުއްޓުވޭނެ ގޮތްތަކެއް ގިނަ ފަހަރު ނުހުރެ އެވެ. އެފަދަ ކަންކަން ފަޅާއަރަނީ ކަންވެ ދުވަސްތަކެއް ވެސް ވެގެންދާ ފަހުންނެވެ. ނަމަވެސް އެފަދަ ކަމެއް ވެއްޖަނަމަ ދެން ކަން ކުރާނެ ގޮތްތައް ގާނޫނުގައި ހުރެ އެވެ. އެފަދަ މީހުންނާ މެދު އަމަލުކުރާނެ ގޮތްތައް ވެސް ހުރެ އެވެ. އެ މީހުންނަކީ މީހަކު މެރުމުގެ ތުހުމަތު އޮންނަ މީހަކު މުޖުތަމައަށް ނުރައްކާވާ
ފަދައިން ނުރައްކާ އޮންނަ ބަޔެކެވެ. މީހެއްގެ ފުރާނަ ނަގައި ނުލި ނަމަވެސް ޖިންސީ ގޯނާ ކުރާ މީހުން އެ ކުރަނީ މީހަކު ފުރާނަ ނަގައިލުން ފަދަ ނުރައްކާތެރި އަމަލެކެވެ. އެހެންކަމުން އެފަދަ މީހުންނަކީ މި މުޖުތަމައުގައި މިނިވަންކަމާ އެކު އުޅެވިގެންވާނެ ބައެއް ނޫނެވެ. އެފަދަ މީހުންގެ ޖާގައަކީ ޖަލު ގޮޅި އެވެ.