ހަބަރު

ކަނޑުހުޅުދޫ ކައުންސިލާއި މުއައްސަސާތަކާ މަޖިލީހުން ސުވާލު ކުރަނީ

ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެކަން ހިނގައިދިޔަ ގއ. ކަނޑުހުޅުދޫގެ ކައުންސިލް މެންބަރުންނާއި ކަމާބެހޭ މުއައްސަސާތަކާ ސުވާލު ކުރަން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސްކޮށްފި އެވެ.

ކަނޑުހުޅުދޫގައި ދެ އަހަރު ކުއްޖެއްގެ ބައްޕައާއި ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ ހޫނުވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލަ ކުއްލި ގޮތަކަށް ބަލަން މިރޭ ވަނީ ނިންމައިފަ އެވެ.

އެގޮތުން ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ އެފަދަ މައްސަލަތައް ހުއްޓުވުމަށް ކައުންސިލްތަކުގެ ޒިންމާއެއް ވެސް އޮންނަން ޖެހޭނެ ކަމަށެވެ. އެގޮތުން ކަނޑުހުޅުދޫ ކައުންސިލް މެންބަރުން ވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ފެންނަ ކަމަށް ޖީހާން ވިދާޅުވި އެވެ.

ކޮމިޓީގައި އިތުރަށް ދެކެވުނީ ކަމާ ބެހޭ މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް މައްސަލަ އިތުރަށް ބެލުމަށެވެ. އެ ކޮމިޓީގެ އިއްތިފާގުން ވަނީ އެ ފަރާތްތައް ހާޒިރުކޮށް މާދަމާ ރޭ 9:00 ޖަހާއިރު ޖަލްސާއެއް ބާއްވަން ފާސްކޮށްފަ އެވެ. ކައުންސިލާ ސުވާލު ކުރަން ރާވާފައި ވަނީ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މިހާތަނަށް އެކަމާ ގުޅިގެން ތުހުމަތު ކުރެވޭ ކާފަ އާއި މުނިކާފަ ކަނޑުހުޅުދޫ އިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާގެ ބައްޕަ ހުޅުމާލޭ ފްލެޓެއްގެ ތެރޭގައި ހުއްޓާ އާންމުންގެ ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވެ ހަލަބޮލި ކުރަން ފެށުމުން ފުލުހުން ވަނީ ފްލެޓަށް ވަދެ، އެ މީހާ ވެސް ހައްޔަރުކޮށްފަ އެވެ.

ތުއްތު ކުއްޖާ މިހާރު ވަނީ ޖެންޑާގެ ބެލުމުގެ ދަށުގައި މާލޭގަ އެވެ. އަދި އެ ކުއްޖާއަށް ވަރަށް ބޮޑެތި އަނިޔާ ލިބިފައިވާ ކަމަށް ޑޮކްޓަރުން ބުނާއިރު އެ ކުއްޖާއަށް އައިޖީއެމްއެޗް އިން ފަރުވާދެމުން އެބަދެ އެވެ.