ހަބަރު

ކުޑަކުދިން ރައްކާތެރިކުރަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

Feb 12, 2020
1

އަނިޔާގެ ޝިކާރައަށްވާ ކުޑަކުދިން ރައްކާތެރިކުރުމަށް އިތުރު ފިޔަޅުތައް އެޅުމަށް ގޮވާލައި، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރަން އަލަށް އުފެއްދި މަދަނީ ޖަމިއްޔާއަކުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، "ވޮއިސް އޮފް ޗިލްރަން" (ވީއޯސީ)ގެ ނަމުގައި މިދިޔަ މަހު އުފެއްދި ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލަތައް އިތުރުވަމުންދަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އެޅުމުގައި ތަކުރާރުކޮށް އިހުމާލުވަމުންދާތީ ކަމަށެވެ.

އެގޮތުން، އެފަދަ މައްސަލަތަކުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައި، މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރަޝީދުގެ ތާއީދާއެކު، ޕެޓިޝަނެއް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ހުށަހަޅާފައިވާކަމަށް ވީއޯސީން ބުންޏެވެ.

މައިގަނޑު ހަ ކަމެއްގެ މައްޗަށް އެކުލެވޭ އެ ޕެޓިޝަނުގައި، މިހާރު ހެދިފައިވާ ގާނޫނުތައް އިސްލާހު ކުރުމުގެ އިތުރުން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އިހުމާލުވެފައިވާކަމަށް ތުހުމަތުކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސް އީނާޒްގެ މައްސަލަ ބަލައި، އޭނާ މަގާމުން ވަކިކޮށް ދިނުމަށް ގޮވާލާފައިވެ އެވެ. އޭގެ އިތުރުން، ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ހެޑު ހަސަން ހަނީފާއި، އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒްގެ މައްސަލަތައްވެސް ތަހުގީގުކޮށްދިނުމަށް އެ ޕެޓިޝަނުގައި އެދިފައިވެ އެވެ.

ވީއޯސީން އިތުރަށް ބުނީ، އެ ޕެޓިޝަނާ ގުޅިގެން މަޖިލީހުން ކުރާ މަސައްކަތްތަކާއި ފިޔަވަޅުތައް ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ.