ލައިފްސްޓައިލް

ބަދިގޭގައި ގެންގުޅޭ ޕްލާސްޓިކް ސާމާނު ރައްކާތެރިތަ؟

ބަދިގޭގައި ކާ އެއްޗެތި ރައްކާ ކުރުމަށާއި ކެއްކުމުގެ ބޭނުންތަކަށް ވެސް ޕްލާސްޓިކް ސާމާނު ވަރަށް ގިނައިން ބޭނުންކުރާ ތަން ފެނެ އެވެ. ގިނަ މީހުން ޕްލާސްޓިކް އެއްޗެތި ބޭނުންކުރަނީ އަތަށް ލުއި، އަގުހެޔޮ އަދި ގެންގުޅެން ފަސޭހަ ވީމަ އެވެ. ގޭގޭގަޔާއި ސްކޫލްތަކުގައި އަދި މަސައްކަތްކުރާ ތަންތަނުގައި ވެސް ވަރަށް ގިނަ މީހުން ތަފާތު ކަންކަމުގައި ޕްލާސްޓިކް އެއްޗެތި ގެންގުޅެ އެވެ.

ޕްލާސްޓިކްގެ ރީތި ކުލަތަކާއި ޑިޒައިންތައް އަދި ބޭނުން ސައިޒެއް ލިބެން ހުރުމަކީ ވެސް ޕްލާސްޓިކް ގަންނަން ގިނަ ބަޔަކު ބޭނުންވާ ސަބަބަކަށް ވެއެވެ. މައިކްރޯވޭވް-ސޭފް ޕްލާސްޓިކް ކޮންޓެއިނަރާއި އަދި ކައްކަން ބޭނުންކުރާ ޕްލާސްޓިކް ތެލި ފަދަ ތަކެތި ވެސް ހުރެ އެވެ. ނަމަވެސް ޕްލާސްޓިކަކީ ބަދިގޭގައި ބޭނުންކުރަން ކިހާ ރައްކާތެރި އެއްޗެއްތޯ ވިސްނާލީމު ހެއްޔެވެ؟ މިކަން ވިސްނާލުމަށްޓަކައި ޕްލާސްޓިކަކީ ކޯޗެއްކަން ފުރަތަމައިނުން އިނގެން ޖެހެ އެވެ.

ޕްލާސްޓިކަކީ ކޯޗެއް؟

ޕްލާސްޓިކަކީ އޯގަނިކް ޕޮލީމާޒްގެ ތެރޭގައި ހިމެނޭ ޕީވީސީ، ނައިލޯން، ބީޕީއޭ، ޕޮލިތީލީން ފަދަ ތަކެތިން އުފައްދާ ސިންތެޓިކް މެޓީރިއަލް އެކެވެ. މި މެޓީރިއަލްސް މަޑުކޮށް ހުންނައިރު ބޭނުން ބައްޓަމަކަށް ބޭނުން ގޮތަކަށް ތައްޔާރު ކުރެވެ އެވެ. މީގެ ބައެއް ވައްތަރުތައް ތަންކޮޅެއް އިލާސްޓިކް ކޮށް ހުންނައިރު އަނެއްބައި ވައްތަރު ހުންނަނީ ހަރުކޮށް މުރަނަކޮށެވެ. ޕްލާސްޓިކަކީ އެއްކޮށްފައިވާ ކެމިކަލް ފުންޏެކެވެ.

މި ކެމިކަލްތަކުގެ ތެރޭގައި ހިމެނޭ އެކައްޗަކީ ބިސްފެނޯލް އޭ (ބީޕީއޭ) އެވެ. މިއީ އިންސާނުންނަށް އެންމެ ގެއްލުންހުރި އެއް ކެމިކަލް އެވެ. ޕްލާސްޓިކް ހަރުކުރަން ބޭނުންކުރަނީ މި ކޮމްޕޮނަންޓެވެ. އެހެންކަމުން ކާނާ ބަންދުކުރުމަށާއި ބަދިގޭގައި ހިފާ ގެންގުޅޭ ޕްލާސްޓިކް ތަކެތީގައި މި ކެމިކަލް ވަރަށް ގިނައިން ބޭނުންކޮށްފައި ހުރެ އެވެ.

ބީޕީއޭގެ އަސަރު ހަށިގަނޑަށް ފޯރައިގެން ޖެހޭ ބަލިތަކުގެ ތެރޭގައި ހަކުރުބަލި، ހިތުގެ ބަލިތައް އަދި އުރަމަތީ ކެންސަރު ފަދަ ބަލިތައް ހިމެނެ އެވެ. ދެ ވަނަ ކެމިކަލް އަކީ ފެލޭޓްސް އެވެ. މިއީ ހޯމޯން އުފެއްދުމަށް މައްސަލަތައް ކުރިމަތިކުރުވާ ކެމިކަލް އެކެވެ. މި ކެމިކަލުން ޕްލާސްޓިކް މަޑު އެއްޗަކަށް ހަދާލަދެ އެވެ. މި ކަހަލަ ކެމިކަލް ބޭނުންކޮށްގެން އުފައްދަނީ ޕްލާސްޓިކް ޖޯޑާއި ކޮސްމެޓިކްސް އަދި މީރުވަސްދުވާ އެއްޗިއްސެވެ. ފެލޭޓްސްގެ ނުރައްކާތަކުގެ ތެރޭގައި އުރަމަތީ ކެންސަރާއި ފިރިހެނުންނަށް ދަރިން ނުލިބުމުގެ މައްސަލަ، އޮޓިޒަމް، ހަކުރުބަލި، އޭޑީއެޗްޑީ، ނޭވާހިއްލުން އަދި އައިކިއު ލެވެލް ދަށްވުން ހިމެނެ އެވެ.

ތިން ވަނަ ބާވަތަކީ ވައިނަލް ކްލޮރައިޑެވެ. މިއީ ޕްލާސްޓިކް ލުއިކުރަން ބޭނުންކުރާ ކެމިކަލް އެކެވެ. އާއްމުކޮށް މި ވައްތަރު ޕްލާސްޓިކުން އުފައްދަނީ ޝަވާ ކާޓްން ފަދަ ތަކެއްޗެވެ. ވައިނަލް ކްލޮރައިޑް އަކީ ކެންސަރަށް މަގުފަހި ކުރާ އެއްޗެކެވެ.

ހަތަރު ވަނަ ކެމިކަލް އަކީ ސްޓައިރީން އެވެ. މިއީ ކުކުޅުބިސް ލާފައި ހުންނަ ޓްރޭ، ޑިސްޕޮސިބަލް ޖޯޑާއި ތަށި، ފުޅިމަދުން ތައްޔާރުކޮށްފައި ހުންނަ ކާނާ ބަންދުކުރާ ތަށި އަދި އޮޕޭކް ޕްލާސްޓިކް ތަށި ސަމުސާ ފަދަ ތަކެތީގަ އެވެ.
ސްޓައިރީންގެ ނުރައްކަލުގެ ތެރޭގައި ވެސް ކެންސަރު ޖެހުން ހިމެނެ އެވެ. މިއީ ޕްލާސްޓިކް ތަކެތިން ލިބޭ ބައެއް ގެއްލުންތަކެވެ.

ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ އެއްޗިއްސަށް ކާ އެއްޗެހި އެޅުމުން އެ އެއްޗެތި ހަށިގަނޑަށް ވާސިލު ވަނީ ކިހިނެއް ހެއްޔެވެ؟ މިގޮތަށް ހަށިގަނޑަށް ޕްލާސްޓިކްގައި ހުންނަ ކެމިކަލް ވާސިލުވާ އެތައް ގޮތެއް ހުރެ އެވެ. އޭގެ ތެރޭގައި ޕްލާސްޓިކުން ނެއްޓޭ ކުދިކުދި އެތިކޮޅު ހަށިގަނޑުގެ ތެރެއަށް ދިއުން، ވަސްބެލުން އަދި ހަމައެކަނި އަތްލުމުން ވެސް ހަށިގަނޑަށް ކެމިކަލްގެ ނުރައްކާ ވެދާނެ އެވެ.

ގިނަ ފަހަރަށް ޕްލާސްޓިކް އެއްޗެތީގައި ހުންނަ ކެމިކަލްސް ރިލީޒްވަނީ ގިނަ ދުވަހު ބޭނުންކުރުމުގެ ސަބަބުން އެ ތަކެތި ބާވުމުންނާއި ޕްލާސްޓިކަށް ހޫނުވުމުން އަންނަ ކެމިކަލް ރިއެކްޝަނަކުންނެވެ. އެހެންވީމާ ދެން ފަހަރަކުން ޕްލާސްޓިކް އެއްޗިއްސަށް ހޫނު ކާ އެއްޗެހި އަޅާއިރު ސަމާލުވާށެވެ. ހީވެސް ނުކުރާ ކަހަލަ ބޮޑު ގެއްލުމެއް ވެދާނެތީ އެވެ. ފިރިހެނުން ސްޕާމް ކައުންޓް ދަށްވާން މެދުވެރިވާ ސަބަބަކަށް ވެސް ޕްލާސްޓިކްގައިވާ ކެމިކަލްގެ އަސަރު އެމީހުންގެ ހަށިގަނޑަށް ކުރުން ހިމެނެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި މައްސަލަ ދިމާވާ ފިރިހެނުންގެ އަދަދު މިހާރު ވަނީ 40 ޕަސެންޓް އިތުރުވެފައި ކަމަށް ތަޖުރިބާކާރުންގެ ދިރާސާތަކުން ދައްކަ އެވެ.

ޕްލާސްޓިކުން ކުރާ ނޭދެވޭ އަސަރުތައް އެހާ އަވަހަށް އިންސާނުންގެ ހަށިގަނޑަކުން ނުފެންނާނެ އެވެ. ގިނަ ދުވަހު މި ކެމިކަލްސް އިންސާނުންގެ ހަށިގަނޑުގެ ފަންކްޝަނަށް ބުރޫ އަރުވާނެ އެވެ. އަދި މާ ގިނަ ދުވަސްވާއިރު މީގެ ނޭދެވޭ އަސަރުތައް ކޮންމެވެސް ސިފައެއްގައި ފެންނަން ފަށާނެ އެވެ. އެހެންކަމުން ޕްލާސްޓިކް އެއްޗެތި އެއްވެސް ވަރަކަށް ބަދިގޭގައި ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫންކަމަށް މިހާރު ތަޖުރިބާކާރުން ބުނެ އެވެ.