ލައިފްސްޓައިލް

ގައި އުނގުޅަން ލޫފާއަކީ ރަނގަޅު އެއްޗެއް ނޫން

ލޫފާ ނުވަތަ ނައިލޯނު ފޮއްޗަކުން ތައްޔާރު ކޮށްފައިވާ ގައިއުނގުޅާ އެއްޗަކީ އެއާ ނުލާ ވަރަށް ގިނަ މީހުންނަށް ފެން ވަރައިގެން ހިތްހަމަ ނުޖެހޭނެ އެއްޗެކެވެ. ނަމަވެސް ލޫފާ ކަހަލަ އެއްޗިއްސަކީ ގައި އުނގުޅަން އެއްގޮތަކަށް ވެސް ބޭނުން ކުރަން ރަނގަޅު އެއްޗެއް ނޫންކަމަށް ހަމުގެ ޚާއްސަ މާހިރުން ވިދާޅުވެ އެވެ.

ހަމުގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ފެންވަރާއިރު ސައިބޯންޏާއެކު ގައި އުނގުޅަން ބޭނުންކުރާ ލޫފާ ފަދަ އެއްޗެތިން ފައިދާގެ ބަދަލުގައި ހަންގަނޑަށް ލިބޭނީ ގެއްލުމެވެ.

ލޫފާ ކަހަލަ އެއްޗެއް ސައިބޯންޏާއެކު ގައިގައި އުނގުޅާލައިގެން ފެންވަރާލުމުން ގައިގަ ހުންނަ ހުރިހާ ހަޑިއަކާއި މަރުވެފައި ހުންނަ ސްކިން ސެލްތައް ނައްތާލާ ހަންގަނޑު މުޅިން ސާފުކޮށްލަ ދެއެވެ. ނަމަވެސް ހަންގަނޑުގައި ހުރި މަރުވެފައިވާ ސެލްތަކާއި ހަޑިތައް ހަށިގަނޑު ދޫކޮށް ގޮސް ވަންނަނީ ގައި އުނގުޅަން ގެންގުޅޭ ލޫފާއަށެވެ. ކޮންމެ ފަހަރަކު ލޫފާ ތެތްވެފައި އަނެއް ފަހަރު ބޭނުން ކުރާއިރު ރަނގަޅަށް ނުހިކެ އެވެ. ލޫފާ ނުހިނގި ހޭދަވާ ވަގުތުތަކުގެ ތެރޭގައި އޭގެ ތެރޭގައި ތަތްލާފައި ހުރި ހަޑިތަކުގެ ތެރޭގައި ޖަރާސީމުތައް އުފެދެން ފަށަ އެވެ. އެހެންކަމުން ކުރީ ފަހަރު ގައި އުނގުޅިއިރު ލޫފާގައި ހަރުލާފައި ހުރި އެއްޗިއްސާއި އޭގެން އުފެދުނު އޯގަނިޒަމްސް އަނެއް ފަހަރު ފެންވަރާއިރު އަނބުރާ ހަންގަނޑަށް ވާސިލުވާން މެދުވެރިވެ އެވެ. ކުރިން ހުރި ހާލަތަށް ވުރެ ވެސް ގޯސް ހާލަތެއްގަ އެވެ.

ފެންވަރާ ތަނުގައި ހުންނަ ހޫނު އަދި ތެތް މާހައުލަކީ ޖަރާސީމަށް ވަރަށް ރަނގަޅު ތަނަކަށް ވެއެވެ. އެހެންވީމާ ފެންވަރާ ތަނުގައި ބަހައްޓާފައި ހުންނަ ލޫފާ އަކީ ބެކްޓީރިއާތައް އަނބުރާ ގަޔަށް ވާސިލުވުމަށް ވަރަށް ރަނގަޅު ގޮތަކަށް ވަނީ އެވެ.
ޖާނަލް އޮފް ކްލިނިކަލް މައިކްރޮބައޮލޮޖީގައި 1994 ވަނަ އަހަރު ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން ލޫފާގައި ހުންނަ ޖަރާސީމުގެ ވައްތަރުތަކަކީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ވަރަށް ނުރައްކާ ކުރާނެ އެއްޗެކެވެ.

ސިއްހަތަށް ގެއްލުން ވިޔަސް ލޫފާ އާ ނުލާ ފެންވަރަށް އުނދަގޫ މީހުންނަށް ކުރެވިދާނެ ބައެއް ކަންތައް އެބަހުއްޓެވެ.
ކޮންމެ ދުވަހަކު ފެންވަރާފައި ފެންވަރާތަނުގައި ލޫފާ ނުބައިންދާ އަވިދޭ ތަނެއްގައި ހިއްކަން އަޅައިގެން އަވިން ރަނގަޅަށް ހިއްކާށެވެ. ލޫފާ އިން ކިރިޔާ ވެސް ނުބައި ވަހެއް ދުވައިފިނަމަ ނުވަތަ ކުލަ ބަދަލުވާހެން ހީވާނަމަ އަވަހަށް އެ ލޫފާ އެއްލާލާފައި އާ ލޫފާއެއް ހޯދާށެވެ.