ވަގަށް ނަގައިގެން މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދުގެ ވާހަކަ ދައްކަވައި އިންސާފު ހޯދައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަތުމަކީ ވޯޓު ހޯދަން ކުރެއްވި ކަމަކަށް ބަދަލުވަމުން އަންނަ ކަމަށް ބުނެ އެ ދެ މީހުންގެ އާއިލާގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.
ދެ އައިލާގެ ފަރާތުން މިއަދު ރައީސް ސޯލިހަށް ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ރޭ އެތައް ހާސް ދިވެހި ރައްޔިތުންގެ ކުރިމަތީގައި ލޯފުޅުން ކަރުނަ އޮއްސަވަމުން ރިލްވާނާއި ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވުމުން އުންމީދުތަކެއް ލިބުނު ކަމަށެވެ. އަދި އެ ސިޓީ ވަނީ އާންމުކޮށް އެންމެނަށް ފެންނާނެހެން ސޯސަލް މިޑިއާއަށް ވެސް ދޫކޮށްލާފަ އެވެ.
ސިޓީގައި ބުނަނީ އެ ވައުދުތަކަށް ވީގޮތެއް ނޭނގޭ ކަމަށާއި މިއަދު ފެންނަނީ އެ ދެ ހާދިސާ ވެސް ސިޔާސީ ހަރަކާތަކަށްވެ، ވޯޓު ހޯއްދަވަން ވިދާޅުވި ބަސްތަކެއްގެ ގޮތަށް ބަދަލުވެގެން ދާތަން ކަމަށެވެ.
"... ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނެއް އުފެއްދުމުން މަނިކުފާނު [ރައީސް ސޯލިހު] އަޅުގަނޑުމެނަށް ވެވަޑައިގެން ތިޔަ ހުންނެވި ވައުދު ފުރިހަމަ ކުރެވުނީ ކަމަކަށް އަޅުގަނޑުމެން ނުދެކެން. ކޮމިޝަން އުފެދުނު ފަހުން ވެސް އަހަރު ދުވަސް ވެއްޖެ. މައްސަލަތައް އޮތް ހިސާބެއް ނޭނގެ،" އެ ސިޓީގައި ބުނެފައިވެ އެވެ.
ދެ މަރާ ގުޅޭ ގޮތުން އެންމެ ފަހުން އެނގުނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ރިލްވާން ގެއްލުވާލި މައްސަލައާއި ޔާމީން މަރާލި މައްސަލައިގައި ޝާމިލުވާ ދެމީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ތަހުގީގު ހިންގާފައިވާ ގޮތް ގޯސް ވެގެން މައްސަލަތައް އަނބުރާ ފޮނުވާލި ވާހަކަ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އޭގެ ފަހުން އެއްވެސް މުއައްސަސާއަކުން އާއިލާއަށް އެއްވެސް ކަމެއް އޮޅުން ފިލުވައި ނުދޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
"... މީގެ ކުރިންވެސް ސަރުކާރުގައި އަޅުގަނޑުމެން ދަންނަވަމުން އައި ވާހަކަ މަނިކުފާނުގެ އަރިހުގައި ވެސް ދަންނަވަން. ރިލްވާން އާއި ޔާމީން ރަޝީދުގެ މައްސަލަ ވަކިފަރާތަކަށް ނުޖެހި ތަހުގީގު ކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރުންނާއި އެހެނިހެން ވަސީލަތްތައް ބޭނުން ކުރައްވާ. މީގެ ކުރިން ވެސް އެހީ ފޯރު ކޮށްދިނުމަށް ތައްޔާރަށް ތިބި އެތައް ފަރާތްތަކެއް އެބަތިބި، ސަރުކާރަކަށް މިކަމެއް ނުވި ނޫންތޯ އެވެ؟" އެ ސިޓީގައި ބުނެފައިވެ އެވެ.
ރިލްވާނަށް ފާރަލީ ދެ ފުލުހަކު ކަމަށް މަރު ކޮމިޝަނުން ވިދާޅުވި ނަމަވެސް އެކަމާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަކީ އިންސާފު ހޯދައިދިނުމަށް ސަރުކާރުން ފެއިލްވެފައިވާކަން ދައްކުވައިދޭ ހެއްކެއް ކަމަށް ވެސް އެ ދެ އާއިލާގެ ސިޓީގައި ވެއެވެ،