ވާހަކަ

ދެރަވާނޭ (ތިންވަނަ ބައި)

އަހަރެންގެ ކަނދުރާގައި އޭނާގެ ތުންފަތް ޖައްސައިލިއެވެ. އަހަންނަށް ނޭވާ ހިފަހައްޓައިލެވުނެވެ. ދެއަތް މުށްކަވާލެވުނެވެ. މަޑުމަޑުން އަހަރެންގެ ވައަތް ހިއްލައިލީމެވެ. ޝިފާނުގެ އިސްތަށިގަނޑުގައި އަތްޖައްސައިލެވޭތޯއެވެ. އަހަރެންގެ އަތް ޖެހުނީ އަމިއްލަ ކޮނޑުގައެވެ. ސިހިފައި ދެ ލޯ ހުޅުވާލެވުނެވެ. ފަހަތަށް ބަލައިލެވުނެވެ. އެކަކު ވެސް ނެތެވެ. ފާޑަކަށް ހެވުނެވެ. ހިޔާލީ ދުނިޔެއެއްގައި އުޅެވޭ ކަމުގެ އިހުސާސް ކުރެވުމުންނެވެ.

އަހަންނަށް އެވަރު ވީ ހެއްޔެވެ؟ އޭނާގެ ބީހުންތަކަށް އެދެވެނީ ހެއްޔެވެ؟ އޭނާ ހަމަ އެހައި ހާއްސަވީ ހެއްޔެވެ؟ މިއީ އެބުނާ ލޯބިވެވުމުން ވާ ގޮތް ހެއްޔެވެ؟ ކުރީން މިހެން ނުވަނީ ކީއްވެ ހެއްޔެވެ؟ ޒިޔާދު ދެކެ އަހަންނަށް ލޯބި ނުވެވުނީ ހެއްޔެވެ؟ އޭނާއެކު އުޅުނު އިރު ވެސް މި އިހްސާސްތައް ނުކުރެވުނީ ކީއްވެ ހެއްޔެވެ؟

"އާން އަހަންނަށް ލޯބި ވެވިއްޖެ. ލޯބި ވެވިއްޖެ." ބޭއިޚްތިޔާރުގައި އަހަންނަށް ބުނެލެވުނެވެ.

ކޮޓަރީގައި މީހަކު ޓަކި ޖަހައިލިހެން ހީވިއެވެ. އަހަންނަށް ބަލައިލެވުނެވެ. ފާޑަކަށް ހެވިފައި އިނދެވުނީއެވެ. އެއީ އަހަންނަށް ހީވި ގޮތެއް ހެއްޔެވެ؟ އަނެއްކާ ހިޔާލެއް ކުރެވެނީ ހެއްޔެވެ؟ ދެވަނަ ފަހަރަށް ވެސް ޓަކި ޖަހައިލިއެވެ. މަޑުމަޑުން ދޮރާދިމާއަށް ހިނގައި ގަނެވުނެވެ. ދޮރު ހުޅުވާލީމެވެ. ހައިރާން ކަމާއެކު ބަލަން ހުރެވުނީއެވެ.

"ސަހާއަށް ދޭށޭ ކިޔައިފަ މީހަކު ދިން އެއްޗެއް." ގޭގައި އުޅޭ މުނީރާއްތަ އަހަންނަށް ދިއްކޮށްލީ ރަތްކުލައިގެ މާ ބޮނޑިއެކެވެ.

"ކާކު؟ މަށަށް؟" ހައިރާން ކަމާއެކު ސުވާލު ކޮށްލެވުނެވެ.
"ދެން ތި އެ އުމުރޭ. މަށަށް އެނގެނީ އެއީ ފިރިހެނެއްކަން. ތި ހުރިހާ ސުވާލެއްގެ ޖަވާބު އެނގޭނީ ސަހާ އަކަށްނު،" މުނީރާއްތަ ހިނިތުންވެލިއެވެ. "ބަލައި ބެލުމަށް އެ ޒިޔާދަށް ވުރެ އެތައް ތަނެއް ރަނގަޅު. ގަޔާވާ ގޮތެއް ވެސް ހުރި. އަހަރެން ނަމަ ވަގުތުން އާނއެކޭ ބުނާނަން."

މުނީރާއްތަގެ ވާހަކަތައް އިވިފައި ލަދުގަންނަ ގޮތްވިއެވެ. ފާޑަށް ރަކިވެފައި ހުރެ ހިނިތުންވެވުނެވެ. މުނީރާއްތަ ދަންދެން އަހަންނަށް ބަލަން ހުރެވުނީއެވެ. ކަންފަތުގައި ނުކެނޑި ހުރީ މުނީރާއްތަ ވާހަކަތުން އެއްބައެވެ.

"ބަލައި ބެލުމަށް އެ ޒިޔާދަށް ވުރެ އެތައް ތަނެއް ރަނގަޅު. ގަޔާވާ ގޮތެއް ވެސް ހުރި."

ދޮރު ލައްޕާލުމަށްފަހު މާބޮނޑިއަށް ބަލައިލީމެވެ. ހީވީ ރަނގަޅަށެވެ. އެއީ ހަމަ ޝިފާންގެ ކަމެކެވެ. މާބޮނޑި ނަގައި މޭގައި ޖައްސައިލެވުނެވެ. ހީވީ ޝިފާން އަހަރެންގެ ގައިގައި ބައްދައިލިހެންނެވެ. މަޑުމަޑުން ލޯ މަރައިލެވުނެވެ. ޝިފާންގެ ދެއަތް އަހަރެން ބުރަކަށީގައި ޖައްސައިލާ ބާރުކޮށްލި ކަހަލައެވެ. އަހަންނަށް އެތައް އިރަކު އެގޮތަށް ހުރެވުނުވެ. ލޯ ހުޅުވާލެވުނީ ފޯނުގެ އަޑަށެވެ. ބަލައިލެވުނީ ޝިފާން ކޮބައިތޯއެވެ. އޭނާއެއް ނެތެވެ. ދެފަރާތަށް ބޯހޫރައިލިވެނެވެ.

"ތޭންކްސް." ފޯނު ކަންފަތުގައި ޖައްސައިލަމުން ބުނެލެވުނެވެ.

"ޖަވާބަކީ އެއީތަ؟" ޝިފާން ހީލިއެވެ.

"މާބޮނޑިއަށް،" އަހަރެންގެ ނޭވާ އަވަސްވަމުން ދިޔައެވެ.

"އިންތިޒާރުކޮށްލާ. ވިސްނައިލައިފަ ޖަވާބެއް ދޭނަން."

"ދޭބަލަ ދޮރު ހުޅުވަން." ޝިފާން ބުނެލިއެވެ.

"އެއީ؟" އަހަންނަށް ބަލައިލެވުނީ ދޮރާ ދިމާއަށެވެ.

"ހުޅުވީމަތާ އެނގޭނީ." ޝިފާން ހީލިއެވެ.

ދޮރު ހުޅުވާލީމެވެ. މުނީރާއްތަ ހެވިފައި ހުއްޓެވެ. ބޮޑު ޕާރުސަލެއް އަތަށް ލައިގެންނެވެ. ކޮނޑާއި ކަންފަތާ ދެމެދަށް ފޯނު ލައިގެން ހުރެ ޕާރުސަލްގައި ހިފައިލަމުން މުނީރާއްތައަށް ޝުކުރު އަދާކޮށްލީމެވެ. އެއަށްފަހު ދޮރު ލައްޕާލީމެވެ.

"ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެން." ޝިފާން ލޯބިން ފުރިގެންވާ ރާގެއްގައި ބުނެލިއެވެ.

"އަސްލު. މިއަދު ބާވީސްތަ؟ ހަނދާން ވެސް ނެތް." ހައިރާން ކަމާއެކު އަހަންނަށް ބުނެލެވުނެވެ.

"އޯކޭ. ކުރިއަށް ގެންދޭ. އުއްމީދު ކުރަން އަހަރެންގެ ހަދިޔާ ކަމުދާނެ ކަމަށް."

އަހަންނަށް ބަލައިލެވުނީ ގަޑިއަށެވެ. އޭރު މެންދަމު ބާރަ ޖެހީއެވެ. ދެން ބަލައިލެވުނީ މޭޒުމަތީގައި ހުރި ކަލަންޑަރަށެވެ. މިއީ ބުދަދުވަހުގެ ރެއެވެ. މި ފެށުނީ ބުރާސްފަތި ދުވަހެވެ. ފެބުރުވަރީ މަހުގެ ބާވީސްވަނަ ދުވަހެވެ. އެއީ އަހަރެން އުފަންވި ދުވަހެވެ. ހިތަށް އެރިއެވެ. ޝިފާންގެ ހުށަހެޅުމަށް އިޖާބަދޭން މިއަށްވުރެ ރަނގަޅު ދަނޑިވަޅެއް ނާންނާނެއެވެ. ދެވަނަ ސިކުންތުގައި ހިތް ބުނެލިއެވެ. އަދި އިހަށް މަޑުކޮށްލަންވީއެވެ. ޝިފާންގެ ހުންނަ ވަރެއް ވެސް ބަލައިލަން ޖެހޭނެއެވެ. ކަމުދިޔައީ އެ ވިސްނުމެވެ.

އަހަރެން ޕާރުސަލް ކަނޑައިލީމެވެ. އޭގައި ހުރީ އަހަންނަށް އެންމެ ކަމުދާ ތަކެއްޗެވެ. ރީތިވާ ސާމާނެވެ. އަހަންނަށް އެންމެ މީރު ވަސް ދުވާ ސެންޓެވެ. ޝިފާން ވަރަށް މަސައްކަތް ކޮށްފިތާއޭ ހިތަށް އެރިއެވެ. އޭނާ ރަނގަޅަށް ވެސް އަހަރެން ދަސްކޮށްފިއެވެ. މިއަށްވުރެ ރަނގަޅު ބައިވެރިއަކު ހަޔާތަށް ގެންނާކަށް ނުލިބޭނެއެވެ. ޕާރުސަލްގައި ހުރި ތަކެތި ނަގައި ރީތިވާ މޭޒުމަތީ އަތުރާލުމަށްފަހު އެއަށް ބަލަން ހުރެވުނީއެވެ.

"މިހާރު މާބޮޑަށް ޝިފާން ވެގެން މިއުޅެވެނީ." އަމިއްލަށް ބުނެލެވުނެވެ.

ކުއްލިއަކަށް ލޮލުގައި އަޅައި ގަތީ މޭޒުމަތީގައި އޮތް ސިޓީ އުރައެވެ. އެއީ މިއަދު ޝިފާން ދިން ސިޓީއުރައެވެ.

ހަނދާނަށް އައީ ޝިފާން ދެއްކި ވާހަކަތަކެވެ. ހަބީބު ގާތަށް ވަންނަމުން އެ ސިޓީ އުރަ ދަބަހަށް ކޮށްޕާލެވުނު ހަނދާންވިއެވެ. ގެއަށް އައިފަހުން ދަބަހުން އެ ފެނުމުން އެ ތަނުގައި ބޭއްވުނު ހަނދާންވިއެވެ.

"ބަލަންވާނެތަ؟"

އަހަރެންގެ ޖުމުލަ ހަނދާންވާންފެށިއެވެ.
"މައްސަލައެއް ނޫން ކަންނޭނގެ."

ޝިފާނުގެ ޖުމުލަ ވެސް އަހަރެންގެ ހިނދުރީގައި ތަކުރާރުވަމުން ދިޔައެވެ.

ސިޓީ އުރަ ހިފައިގެން ގޮސް އިށީނދެވުނީ ސޯފާގައެވެ. މަޑުމަޑުން ސިޓީ އުރަ ކަނޑައިލީމެވެ. އޭގައި އޮތީ ރަތްވެފައި އޮތް މޮނީޓަރު ފޮތެކެވެ. ފޮތުގެ ކަންތައް ހުރީ ފަތް ޖެހިފައެވެ. ފަތުދިޔަ ކުލައިގެ ބޭރުގަނޑެކެވެ. ހީރަހާ ދިމާގައި ރަތްކުލައިގެ ހިމަ ދިގު ފޮތިކޮޅެއް ތަތްކޮށްފައި އޮތެވެ. އެ ފޮތިކޮޅު ވެސް އޮތީ ކަޅުވެފައެވެ. ކިލާވެފައެވެ.

ސޯފާގައި ހަމަޖެހިލީމެވެ. މަޑުމަޑުން އެ ފޮތް ހުޅުވާލީމެވެ. ފުރަތަމަ ސަފުހާ އޮތީ ހުސްކޮށެވެ. އެއްވެސް އެއްޗެއް ނެތެވެ. ދެވަނަ ސަފުހާ ބަލައިލީމެވެ. އެ ސަފުހާގައި ވެސް އެއްވެސް އެއްޗެއް ނެތެވެ. ތިންވަނަ ސަފުހާ ބަލައިލީމެވެ. އަހަރެން ލޮލުގައި އަޅައިގަތީ އޭގައިވާ ފޮޓޯގަނޑެވެ. ކަޅާއި ހުދުގެ ފޮޓޯއެކެވެ. ހިރުނދެއް ހިފައިގެން ހުރި އަންހެން ކުއްޖެވެ. މެދުން ބޯފަޅައިފައި ހުރި އިރު ދެފާރާތުގައި ދެ ދަތި ޖަހައިފައި ހުއްޓެވެ. ލައިގެން ހުރީ ހެދުންބުރިއަކާއި ކަނޑިއްކެކެވެ. އެއީ މާޖެހި ހެދުންބުރިއެކެވެ. އަތުގައި އޮތް ހިރުނދުވަނީ ދިއްކޮށްލެވިފައެވެ. އޭގައި އެހެން މީހަކު ހިފަން އުޅޭ ހެން ހީވެއެވެ.

އަހަންނަށް އިނގިލި ޖައްސައިލެވުނީ ފޮޓޯއިން ފެންނަ އެ މައުސޫމު މޫނުގައެވެ. ދެފަހަރަކު އެ މޫނަށް ބަލައިލެވުނެވެ. ގޮތެއް ފާހަގަވުމުންނެވެ. އަނެއް ސަފުހާ ބަލައިލީމެވެ. ރީތި އަތު ލިޔުމެކެވެ. އަކުރުތަކުގެ ފައި ދިގު ނަމަވެސް ކިޔައިލަން އުނދަގުލެއް ނޫނެވެ. އަހަރެން އަވަސް އަވަހަށް ކިޔަން ފެށީމެވެ.

"އަހަރެން އޭނާއަށް ލޯބިން ކިޔަނީ ޒުނޭއެވެ. ޒުނޭ އެންމެ ކުޑައިރުއްސުރެ އަހަރެން އަބަދުމެ ބޭނުން ވަނީ ޒުނޭއާއެކުގައި އުޅޭށެވެ. ކޮންމެ ކަމެއް ކުރިޔަސް ޒުނޭ އަހަރެން ގާތުގައި ހުރެއެވެ. އޭނާއަކީ އަހަރެންގެ ހިޔަނި ކަމުގައި އަބަދުމެ ބުނާނެއެވެ. އަހަރެންގެ ހިޔަންޏަކީ ޒުނޭ ކަމުގައި ހަދައިދޭން އަހަރެން އަބަދުމެ ބުނަމެވެ. ތަނަވަސްކަމާއި ތިޔާގި ކަމަކީ އަހަރުމެންގެ ގުޅުމުގެ އަސްލެވެ. މައިންބަފައިން ވަނީ މާ ކުރީން އަހަރުމެންގެ ގުޅުމަށް އަހުދުވެފައެވެ.

އަހަރުމެން ހިނގަމުން ދިޔައީ އެމީހުން ކޮށައިދިން މަގުންނެވެ. އެމީހުން ދައްކައިދިން މިސްރާބުންނެވެ. ޅަ ދުވަހުން ފެށިގެން އެކުގައި އުޅެ ދެމީހުން ދެމީހުންނަށް ލެނބިފައިވާތީ ފުރާވަރަށް އެރީއިރަށް އަހަރުމެން ކައިވެނީގެ ގޮށް ޖަހައިލެވުނެވެ. އެއީ އެ ޒަމާނުގައި މާ އުނދަގޫ ކަމެއް ވެސް ނޫނެވެ. ހުރިހާ ކަމެއް ބަދަލުވާން ފެށީ ކައިވެންޏަށް ދެ އަހަރު ވާން ކައިރިވި ފަހުންނެވެ. މައިންބަފައިންގެ ބަސްތައް އަމާޒުވާން ފެށީ އެހައި ހިސާބުންނެވެ. ޒުނޭއާ ދިމާއަށް އިނގިލި ދިމާކުރެވެން ފެށީއެވެ. ފާޅުގައި އަހަންނާ ދެކޮޅަށް ނިކުތީ މަންމައެވެ. މަންމަ ގަބޫލު ކުރާ ގޮތް އަތަށް ލައިގެންނެވެ."

އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ގަޑިއަށް ބަލައިލީމެވެ. އޭރު ބާރަގަޑި ފަނަރަ ހިނގަނީއެވެ. އަނެއްކާ ވެސް ފޮތަށް ބަލައިލީމެވެ. ޚިޔާލާއި ފިކުރުތައް އެ ޒަމާނުގެ ތެރެއަށް ގަންބަމުން ދިޔައެވެ.

"ދެ އަހަރުވާއިރު ނުވިކަމެއް ނުވާނެ. ލަސްނުވަނީސް ތިކަން ނިންމަންވީ. މާ ނާޅާ ގަހަކުން ދުވާނެ މީރުވަހެއް ނޯންނާނެ." މަންމަ މަޑުމަޑުން ވާހަކަ ދެއްކި ނަމަވެސް އެ ވާހަކަތަކުގައި ހުރީ ބައްޕަގެ ލަފުޒުތަކެވެ.

އަހަންނަށް އެކަން އިހުސާސްކުރެވުނެވެ. އެ ދައްކަނީ ކޮން ވާހަކައެއްކަން ވެސް އެނގުނެވެ.

"މަންމާ! އެއީ މިހާރު ޔަތީމެއް. މައިންބަފައިން ދުނިޔޭގައި ނެތް. އާއިލާގައި އަޅައިލާނެ އިތުރު މީހަކު ނެތް. ހުރިހާ ވެސް މީހަކީ އަހަރެން. އަހަރެން އޭނާ އެކަނި ކޮށްލީމަ ދެން ދާނީ ކޮންތަނަކަށް؟ ވަންނާނީ ކޮން ހިޔަލަކަށް؟ އެހެން ނޫނަސް އަހަރުމެންގެ މުއްސަނދިކަމުގައި އޭނާގެ ހައްގު ވެސް ކުޑައެއް ނުވާނެ. އޭނާގެ މައިންބަފައިންގެ މިލްކުވެސް މީގައި އޮންނާނެ." އަހަރެން މަސައްކަތް ކުރީ މަންމައަށް ވިސްނައިދެވޭތޯއެވެ.

އެ ދުވަސް ނިމިގެން ދިޔައީއެވެ. އަހަރެން ހަތިޔާރު ބަހައްޓަން ބޭނުން ނުވުމުންނެވެ. މަންމައަށް ވިސްނުނީ ކަމެއް ނޫނީ އެހެން ގޮތެއް ހޯދީކަމެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރުމެން އާއިލާއަކީ ރަށުގައި ވިޔަފާރި ކުރާ އާއިލާއެކެވެ. ފިރިހެނުން ޒިންމާއަކަށް އޮންނާނީ މާލެ ދަތުރުކޮށް މުދާ ގެނައުމެވެ. ގޭގައި މާލެ ދަތުރުކުރާ ދެ ބައްތެލި އޮވެއެވެ. އެއް ބައްތެލީގެ ކަންކަން ބަލަހައްޓާނީ ދޮންބެއާއި ތިއްތިބެއެވެ. އަނެއް ބައްތެލީ ދުއްވާނީ ބައްޕައެވެ. އަހަރެން ޒުނޭއާ އިން ފަހުން އެ ބައްތެލީގެ ހުރިހާ ކަމަކާ ހަވާލުވާން ޖެހުނީ އަހަންނަށެވެ. އިތުރު ފިރިހެނެއް ނެތުމުން އުޅެން ޖެހެނީ ވަރަށް ބުރަކޮށެވެ. ގިނަ ފަހަރު ގެއާ ހަމައަށް ދެވެނީ ހާހަކުން ފަހަރަކުއެވެ. މަހަކު ދެ ދުވަހު ވެސް ރަށުގައި ހޭދަ ނުކުރެވެއެވެ. ޒުނޭއަށް އެކަން އެނގެއެވެ. އޭނާ ޝަކުވާއެއް ނުކުރެއެވެ. މަންމަމެން އެ ބުނާ ކަހަލަ ކަމަކަށް އަހަންނަށް ޒުނޭއަށް ވަގުތެއް ވެސް ނުދެވެއެވެ. އެކުގައި ވަގުތު ހޭދައެއް ނުކުރެވެއެވެ. ގޭތެރޭގެ ހާލަތު ހުންނަ ގޮތުން ބައެއް ކަންކަން ގުރުބާން ކުރާން ވެސް ޖެހެއެވެ.

މުހުސިނަކީ ހަތަރު މަހަށް ރަށަށް އަރުވާލި މީހެކެވެ. ސަރުކާރުގެ ލިޔެކިޔުމެއް ވަގަށް ނަގައިގެންނެވެ. އޭނާ އަހަރުމެން ގެއަށް ގެނައީ ސީދާ އަހަރެންނެވެ. އަހަރެންގެ މަސައްކަތަށް ފަސޭހައަކަށެވެ. މަސައްކަތަށް އޭނާ ކަމޭ ހިތައެވެ. ބަލައިބެލުމަށް އެއީ ރަނގަޅު މީހެކެވެ. އުޅުން ހުރެއެވެ. ބަސްމަގު ސީދަލެވެ. ވާހަކަތައް ތެދެވެ. ފަސޭހައިން މީހުންގެ ހިތް ލަންބުވާލައެވެ. ކުރިމަތިލައިފި ކަމެއް ކާމިޔާބު ކުރެއެވެ. ފައިސާއަކީ އޭނާގެ ބަލިފަޔެވެ.

އަހަރެން ހީކުރީ މުހުސިނަކީ ކަށި ނެތް ކުޅަނދުރެއް ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ. އޭނާ ވިހަލީ އަހަރެންގެ ދިރިއުޅުމުގައެވެ. އޭނާ ހޫނު ކުރީ އަހަރެންގެ ތަންމައްޗެވެ. ވެރިމީހާއަށް އޮންނާނީ އެއްމެ ދުވަހެކެވެ. ވަގުން ހާސް ދުވަހު ކުރާކަމެއް ކުރާނެއެވެ. އަހަންނަށް ވެސް ވީ އެހެންނެވެ. އަހަރެންގެ ލޯ ހުޅުވާ ދިނީ މަންމައެވެ. މަންޒަރު ދައްކުވައިދިނީ ވެސް މަންމައެވެ.

މާލެ ދަތުރު ނިންމާ ރަށަށް ލެފި ރެއެވެ. އެއީ ބޮޑު ރެއެކެވެ. ހަނދާނުން ފިލުވަން އުނދަގޫ ރެއެކެވެ. އަހަނަށް ހުރިހާ ކަމެއް ފެނުނެވެ. މުހުސިނު އުޅުނު ގޮތެވެ. އޭނާގެ ހަރަކާތްތަކެވެ. މޮޔައެއް ފަދައިން ޒުނޭ އުޅުނު ގޮތެވެ. ފުޅި ބައްތީގެ އަލިކަމުގެ ތެރޭގައެވެ. ހުރިހާ ކަމެއް ނިންމާފައި ލާނެތް ގޮތަކަށް މުހުސިން ނިކުންނަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ. ކޮނޑަށް ޓީޝާޓް އެއްލަމުން އޭނާގެ ހައިބަތު ހުރި މަތިމަހުގައި އިނގިލި ޖައްސައިލިއެވެ.

އަހަންނަށް މުށްކަވާލެވުނެވެ. މުހުސިން ނޮޅައިލަން ހިތަށް އެރިއެވެ. އޭނާގެ ވަސް ދުއްވާލަނާމޭ ވެސް ހިތަށް އެރިއެވެ. ދެއަތަށް ބާރުކޮށްލަމުން ދަތްކުނޑި ވިކައިލެވުނެވެ. އޭރު އަހަރެންގެ ލޭ ހޫނުވެ މީހާ ފުފެނީއެވެ. ފަހަތުން އަހަރެންގެ އަތުގައި މަންމަ ހިފައިލިއެވެ. އެއީ އަހަރުމެން އެއްބަސްވި ގޮތެވެ. ރުޅި ކޮންޓްރޯލް ކުރުމެވެ. އަތް އިސްނުކުރުމެވެ. ވަގުތުން އަހަރެންގެ ހަށިގަނޑު ފިނިވިއެވެ. މަޑުކަފަކޮޅަކަށް ބަދަލުވިއެވެ.

އެރޭ އަހަންނަށް ލޮލު ފިޔަ ޖަހައި ވެސް ނުލެވުނެވެ. ހިތުގައި ޖަހަމުން ދިޔައީ ބިޔަ ބޮޑެތި ރާޅުތަކެވެ. ރުޅި ގަދަ ވެގެން ހުރިހާ ބާރެއް ބޭލެނީ ސިނގިރޭޓު ފޮށްޓަށެވެ. ފަހަރަކު ސިނގިރޭޓަކަށެވެ. އަހަރެންގެ ހަރަކާތްތައް ބަލަން މަންމަ ކުރިމަތީ އިނދެއެވެ. ގޯހެއް ހަދައިފާނެތީ ފާރައަށެވެ. އެއީ މައިވަންތަ ލޯތްބެވެ. މައި ކުލުނެވެ. އަހަރެން ގަބޫލުކުރީ އެގޮތަށެވެ.

އެރި އިރާއެކު ޒުނޭގެ ރަސްމީ މަސައްކަތަށް އޭނާ ނުކުތެވެ. އަހަރެން އޮތީ ނިދި ކަމަށް ހަދައިގެންނެވެ. ފެންޑާގައި ހުރި ބޮޑު އަށިމަތީގައެވެ. ޒުނޭ އައިސް އަހަރެންނަށް ގޮވިއެވެ. ރުޅި އައިސްގެން އަހަންނަށް ފޮޅުވާލެވުނެވެ. ހައިރާން ކަމާއެކު ޒުނޭ ބަލަހައްޓައިގެން ހުރީއެވެ. އަތުގައި އޮތް އިލޮށި ފަތީގައި ބައްދައިގެންނެވެ.

"މާ މާތް މީހަކަށް ވެގެން އައިސް އެބަ ގޮވައެއްނު. އަހަރެން ގައިގަ ކަލޭގެ މުޑުދާރު އަތުން ބީހިގެން ވެސް ނުވާނެ." ބާރުބާރަށް އަހަރެން ހަޅޭއްލަވާ ގަތީމެވެ.

އެއަޑަށް ގޭގެ އެންމެ އެތަނަށް ޖަމާވަމުން ދިޔައެވެ.

މޫނުމައްޗަށް ސުވާލުތައް ޖަމާކުރަމުންނެވެ. ވެގެން އުޅޭ ގޮތަށް ނޭނގޭތީއެވެ.

"އަހަރެން ކީއްތަ ކުރީ؟ އަހަރެން މި އިނީ ހަބީބުގެ ދަރިއަކަށް.؟"

"ހޯހޯ. ތިކަން އަހަރެންގެ ބޮލުގައި އަޅުވަން ނޫޅޭ. ތީ އަހަރެންގެ ކަމެއް ނޫން. ކަލޭ ގަތް ގަނޑު ދުށީ އަހަރެންގެ މި ދެ ލޮލުންނޭ." ރުޅި އައިސްގެން އަހަރެން ޒުނޭގެ އިސްތަށިގަނޑުގައި ހިފީމެވެ.

އޭރު ދޮންބެއާއި ތިއްތިބޭ ވެސް އެތަނަށް ނިކުތެވެ. މަންޒަރު ބަލަން ދުރުގައި މުހުސިނު ވެސް ހުއްޓެވެ. އޭނާ ހުރީ ފާޑަކަށް ހެވިފައެވެ. މުހުސިނުގެ ކައިރީގައި މަންމަ ވެސް ހުއްޓެވެ.

"އަހަންނަށް ކޮން ކުށެއް ކުރެވިގެންތަ؟" ޒުނޭ ރޯން ފެށިއެވެ.
އޭނާގެ އިސްތަށިގަނޑަށް ބާރުކޮށްލުމުންނެވެ.

"އަހައިބަލަ އެހެރަ ޖައްބާރު ގާތު އަހައިބަލަ. ކޮންމެ ރެޔަކު ނިދަން އަރަނީ ކޮން ގަހަތަކަށްތޯ އަހައިބަލަ. ކަލޭއަށް އެކަން ނޭނގިތަ ހުރިހާ ކަމަކަށް އާނ ހޫން ކިޔައިގެން އޮންނަނީ." އަހަރެން ތުރުތުރު އަޅާން ފެށިއެވެ.

މަންމަ އައިސް އަހަރެންގެ ގައިގައި ހިފެހެއްޓިއެވެ. އަނެއް ފަރާތުން ދޮންބެ ވެސް ހިފެހެއްޓިއެވެ.

"ދަރިފުޅާ އެއްވެސް މީހަކަށް އަނިޔާ ކުރާނެ ކަމެއް ނެތް. ގޯހެއް ހެދިއްޔާ ގޯސް ހެދި މީހުންނަށް އަދަބުދޭނީ ފަނޑިޔާރުގެއިން. ގޯސް ހެދި ބަޔަކު ނެރެ މިތަން ސާފުކުރޭ." މަންމަ ރޯން ފެށިއެވެ.

އަހަންނަށް ހަމަ ބިމަށް އާދެވުނީ މަންމަގެ އަޑު ޖެހުމުންނެވެ. އަހަންނަށް ބަލައިލެވުނީ ދޮންބެގެ މޫނަށެވެ. ދޮންބެ ވެސް މަންމަގެ ވާހަކައަށް ތާއިދުކޮށް ބޯ ޖަހައިލިއެވެ.

"ކަލޭ ކަލޭ ތި އިނީ.. ތި އިނީ ވަރިކޮށްފަ. މަ ކުރިމަތިން ނުކުމެގެން ދާން އުޅޭ." އަހަންނަށް ބަލައިލެވުނީ މުހުސިނާ ދިމާއަށެވެ. "އެހެރީ ކަލޭއަށް އޭނާ ދީފަ ގޮވައިގެން މި ރަށުން ރައްކާވޭ."

އެ ދުވަހަށް ފަހު އަހަންނަށް ޒުނޭ ގެއްލުނެވެ. އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. އަހަރެން ވެސް އޭނާ މަތިން ހަނދާން ކުރާން ބޭނުން ނުވީއެވެ. މަންމަ ބުނަނީ މުހުސިނު އޭނާ ގޮވައިގެން މާލެ ދިޔަ ކަމަށެވެ. އަހަންނަށް އެނގޭހާ ވެސް ކަމަކީ އޭނާ ބަނޑުބޮޑުވި ކަމެވެ.

އަހަރެން ވެސް އިތުރު ކައިވެންޏެއް ނުކޮށް ދުވަސްތައް ގުނަމުން ދިޔައީމެވެ. އުޅެން ޖެހުނު ގޮތުން އެކަހަލަ ކަމަކަށް ފިކުރު ހިންގޭވަރެއް ނުވިއެވެ. ފަނަރަ ވަރަކަށް އަހަރުވީއިރު ހުރިހާ ކަމެއް ބަދަލުވިއެވެ. އާއިލާއަށް ފޫނުބެއްދޭ ވަރުގެ ރޯޅިއެއް ކުރިމަތިވީއެވެ. ދޮންބެއާއި ތިއްތިބޭ ބައްތެލީގައި ތިއްބާ ރޯވެގެން އެމީހުން އަނދައި ދިޔައީއެވެ. އެ ހިތާމައިގައި މަންމައާއި ބައްޕަ ވެސް ނިމި ދިޔައީއެވެ. އެހައި ހިސާބުން އަހަންނަށް އެކަނިވެރިކަން އިހުސާސްކުރެވެން ފެށުނެވެ. އަތްމަތި ދަތިވާން ފެށިއެވެ. އެންމެ ފަހުން ވެލިގަލަށް ދާން މާލެ ބަދަލުވީއެވެ.

އެއް ދުވަހަކު މަޖީދީމަގުން މުހުސިނާ ދިމާވިއެވެ. އަހަރެން ފެނުމުން އޭނާ ފަސްދިނެވެ. އަހަރެން އޭނާގެ ކުރިމައްޗަށް ހުއްޓުނީމެވެ.

"އަހަރެން ދޯ ރުޅި އަންނަންވީ!" އަހަރެން އިސްވެ ވާހަކަދެއްކީމެވެ.

"އަހަންނަކަށް ތިއެއް ނޭނގެ." މުހުސިނު ރުންކުރު ރާގެއްގައި ޖަވާބު ދިނެވެ.

"މާނައަކީ ކަލޭ އަދި ވެސް މަ ދެކެ ރުޅި އައިސްފައޭ ދޯ." އަހަރެން މުހުސިނުގެ މޫނަށް ބަލައިލީމެވެ.

"ކަލޭތަ އަދިވެސް ރުޅި އަންނަންވީ؟" މުހުސިނު އަހަންނާ ދިމާ ބަލައި ވެސް ނުލައެވެ. އޭނާ ބަލަން ހުރީ މައްޗަށެވެ.
"އަހަންނަކަށް ނޭނގެ ކަލޭ ދެކެ ލޯބިވާންވީ ސަބަބެއް!" އަހަރެން ވެސް ރުޅި އަންނަ ގޮތް ވިއެވެ.

"އަހަންނަކަށް ނޭނގެ އަހަރެން ލައްވާ އެ ސަކަރާތް ޖަހުވަންވީ ސަބަބެއް ވެސް!" މުހުސިނު އަހަރެން މޫނަށް ބަލައިލިއެވެ. ހިތްހަމަ ނުޖެހިގެންނެވެ.

"ސަކަރާތް؟ އަހަރުމެން؟" ހައިރާން ކަމާއެކު އަހަންނަށް ބަލައިލެވުނެވެ.

އެންމެ ފަހުން މުހުސިން އަހަންނަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ކަން ހިނގައިދިޔަ ގޮތް އަހަންނަށް ބުނެދިނެވެ. ޒުނޭގެ ކުށެއް ނެތްކަން އަހަންނަށް ވިސްނުނެވެ. ހުރިހާ ގޯހެއް ހެއްދުވީ މަންމަކަން އެނގުނެވެ. މުހުސިނަށް ފައިސާދީގެން ޒުނޭ ގާތަށް އޭނާ ވައްދާ އެ ހުރިހާ ކަމެއް ކުރުވީ މަންމަކަމަށް އޭނާ ކިޔައިދިނެވެ. މާބަނޑު މީހުން ކާން ޖެހޭ ބޭހެއް ކަމަށް ބުނެ ކޮންމެ ރެޔަކު ނިދުމުގެ ކުރީން ޒުނޭއަށް ބޭސްދީގެން އެހުރިހާ ކަމެއް ކުރުވީ ސީދާ އަހަރެންގެ މަންމަކަމަށް އޭނާ ކިޔައިދިނެވެ. އަހަންނަށް މަންމަ ދެކެ ރުޅި އާދެވުނެވެ. މަންމައެއްގެ ޒިންމާއިން ބޭރަށް ދިޔަކަމަށް ވިސްނުނެވެ. އެކަމަކު މިހާރު މާ ލަސްވެއްޖެއެވެ. ވަގުތު ފާއިތު ވެއްޖެއެވެ. ދެން އޮތީ ޒުނޭ ހޯދުމެވެ. އޭނާ އުޅޭތަނެއް ބެލުމެވެ. (ނުނިމޭ)