މާސްޓާޝެފް

ރާއްޖޭގައި މާސްޓާޝެފް މޯލްޑިވްސް ލޯންޗް ކޮށްފި

Jan 18, 2020
1

ދުނިޔޭގައި ކެއްކުމުގެ އެންމެ ބޮޑު ފްރެންޗައިސް ޝޯ "މާސްޓާޝެފް" ރާއްޖޭގައި ބާއްވަން އެ ޝޯ މިރޭ ލޯންޗް ކޮށްފި އެވެ.

ޕީއެސްއެމުން ކުރިއަށް ގެންދަން ނިންމާފައިވާ މި ޝޯއަކީ ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ފްރެންޗައިސް ޝޯ އެވެ. ޓީވީއެމްގައި "މާސްޓާ ޝެފް މޯލްޑިވްސް" ގެ ނަމުގައި މިރޭ މާސްޓާ ޝެފް ލޯންޗުކޮށް ދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދެވެ.

އަލީ ހާލިދު މިރޭ ވިދާޅުވީ މިއީ ކެއްކުމުގެ ދާއިރާގައި ޒުވާނުން ކުރިއަށް ގޮސް ބައިނަލްއަޤްވާމީ ފަންތީގައި ވާދަކޮށް ދުނިޔެއަށް މި ފަންނުގައި ދިވެހީންގެ ހުނަރާއި ގާބިލްކަން ސާބިތު ކޮށްދިނުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އަދި "މާސްޓަޝެފް" ފްރެންޗައިޒްގެ މައި ކުންފުނި އެންޑެމޯލް ޝައިންއިން އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޑައިރެކްޓަރު ރަސްމީ ބަޖްޕާއީ ވިދާޅުވީ "މާސްޓަޝެފް" އަކީ ކެއްކުމުގެ ދާއިރާއިން ކުރިއަށްދާން ޝައުވެރިވާ ދިވެހިންނާއި ފަތުރުވެރިކަމާއި ކެއިންބުއިމުގެ ޚިދުމަތްތަކާއި ގުޅުންހުރި ސިނާއަތްތަކަށް ހުޅުވޭ ދޮރެއް ކަމަށެވެ.

މިރޭ ވަނީ "މާސްޓަޝެފް މޯލްޑިވްސް" ގެ ފުރަތަމަ ސީޒަންގެ ސްޕޮންސަރުންނާއެކު ސޮއިކޮށްފަ އެވެ. ޓައިޓްލް ސްޕޮންސަރއަކަށް ހަމަޖައްސާފައިވަނީ ދިރާގެވެ. އިތުރަށް އެސްޓީއޯ އާއި ވިލާ ކޮލެޖް އަދި ބެންކް އޮފް މޯލްޑިވްސްއާއެކުވެސް މިރޭ ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއި ކުރި އެވެ.

ޕީއެސްއެމްއިން ބުނީ ސްޕޮންސަރުންނަށް މާސްޓަ ޝެފް ޝޯ ތެރެއިންނާއި ބޭރުން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. މާސްޓަޝެފް މޯލްޑިވްސްގެ ފުރަތަމަ ސީޒަން ޓީވީން ދައްކާނީ އަންނަ ސެޕްޓެންބަރުމަހުގެ ތެރޭގަ އެވެ. ނަމަވެސް. އޭގެ ކުރިން އޮޑިޝަން ކުރިޔަށް ގެންގޮސް ޖަޖުން އިޢުލާނު ކުރާނެ އެވެ.