ދުނިޔޭގެ، ކެއްކުމުގެ އެންމެ ބޮޑު ފްރެންޗައިސް ޝޯ "މާސްޓާޝެފް" ރާއްޖޭގައި ބާއްވަން ސްޕޮންސަރުން ހޯދަން ހުޅުވާލައިފި އެވެ.
ޕީއެސްއެމް އިން މީޑިއާ ޕާޓްނަރެއް ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ޝޯއަކީ ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ފްރެންޗައިސް ޝޯ އެވެ. މީގެ ކުރިން ޕީއެސްއެމް އިން ވަނީ ދުނިޔޭގެ އެންމެ މަގުބޫލު ލަވަކިޔުމުގެ މުބާރާތް އައިޑޮލްގެ ތިން ސީޒނެއް "މޯލްޑިވިއަން އައިޑޮލް" ގެ ނަމުގައި ކާމިޔާބު ކަމާއެކު ގެނެސްދީފަ އެވެ.
މާސްޓާ ޝެފް ރާއްޖެއަށް ތައާރަފު ކުރުމާ ގުޅޭގޮތުން ޕީއެސްއެމްގެ އިސް އޮފިޝަލަކު މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މާސްޓާޝެފް ރާއްޖޭގައި ބާއްވަން މިވަގުތު ކުރާ މަސައްކަތަކީ ސްޕޮންސަރުން ހޯދުން ކަމަށެވެ. މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސްޕޮންސަރުންނަށް ހުޅުވާލާފަވާއިރު ގިނަ އަދަދެއްގެ ސްޕޮންސަރުން މިހާރު ވެސް ޝައުގެވެރިކަން ފާޅުކުރަން ފަށާފައިވާ ކަމަށެވެ.
"ސްޕޮންސާސްގެ ރެސްޕޮންސް ވަރަށް ރަނގަޅު، އިންޓްރެސްޓް ފާޅު ކުރައްވާފަ ތިބި ސްޕޮންސަރުންނާ މިހާރު ވެސް ވާހަކަ ދެކެވެމުން ދަނީ." އެ އޮފިޝަލު ވިދާޅުވި އެވެ.
މި ޝޯގެ ސްޕޮންސަރުންނަށް ރާއްޖޭގައި ފުޑް އެންޑް ބެވާރޭޖް ވިޔަފާރި ކުރާ ފަރާތް ތަކަށް ވަނީ ހުޅުވާލާފަ އެވެ. ފުޑް އެންޑް ބެވަރޭޖްގެ އިތުރުން އިޝްތިހާރު ކުރުމުގެ ގާބިލްކަން ހުރި އެހެން ހުރިހާ ވިޔަފާރިތަކަށް ވެސް ފުރުސަތު ހުޅުވާލާފައި ވެއެވެ.
ޕީއެސްއެމްގެ އެ އޮފިޝަލު ވިދާޅުވީ، މާސްޓާޝެފް ރާއްޖެއަށް ގެނައުމުގެ މައިގަނޑު ބޭނުމަކީ ޒުވާނުން ބާރުވެރިކުރުން ކަމަށާއި މުޖުތަމައި ކެއްކުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށް މީހުންނަށް ގަބޫލު ކުރެވިފައި އޮންނަ ވިސްނުން ނައްތާލައި އެ ދާއިރާއަށް ޒުވާނުން ނެރެ ދިނުން ކަމަށެވެ
"އާންމުކޮށް ފިރިހެން ކުއްޖަކު ޝެފެއްގެ ވަޒީފާ އަދާކުރާނަމަ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވޭ. ފިރިހެން ޝެފަކަށް ވީތީ ރެސްޕެކްޓެއް ނުކުރޭ ގިނަ ފަހަރަށް. އަޅުގަނޑުމެން ބޭނުންވަނީ މި ޝޯ އާއެކު އެފަދަ ވިސްނުންތައް މުޖުތަމައުން ފޮހެވިގެން ދާން." އޭނާ ވިދާޅުވިއެވެ.
ޕީއެސްއެމްގެ އޮފިޝަލު ވިދާޅުވީ މި ޝޯގައި ސިއްހަތަށް ގެއްލުންދޭ ޖަންކް ފުޑާއި އެނާޖީ ޑްރިންކް ފަދަ ތަކެތިން ދުރުހެލިވުމަށް ބާރު އަޅާނެ ކަމަށެވެ.
ގާތްގަނޑަކަށް ހަ މަސްދުވަހުގެ ރީސާޗް މުއްދަތަކާއެކު ޝޯ ޓީވީއިން ދައްކަނީ މި އަންނަ އަހަރުގެ ފުރަތަމަ ކްއާޓާގަ އެވެ.