ވިޔަފާރި

މާސްޓަޝެފް މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު

Jan 19, 2020
1

ކެއްކުމުގެ އެންމެ ބޮޑު ފްރެންޗައިސް ޝޯ ކަމަށްވާ "މާސްޓާޝެފް" ގެ ރާއްޖޭގެ ޝޯގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މާސްޓަޝެފް މޯލްޑިވްސް ރާއްޖޭގައި ލޯންޗް ކުރަން ރޭ ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޝޯގެ އެންމެ ބޮޑު ސްޕޮންސާ ކަމަށްވާ ޓައިޓަލް ސްޕޮންސާ ނެގި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެ ކުންފުނިން މި ޝޯގެ ސްޕޮންސަރުކަން ނެގީ އެ ކުންފުންޏަކީ ނޭޝަނަލް އިންޓްރެސްޓެއްގައި މަސައްކަތް ކުރާ ކުންފުންޏަކަށްވާތީ ކަމަށެވެ.

"ދިރާގުން ބަލަނީ އަޅުގަނޑުމެން އެސޯސިއޭޓްވާ ކަމަކުން ރައްޔިތުންނަށް ލިބެނީ ކޮން ކަމެއް ތޯ؟ ބަލާއިރު، މި އިނީޝިއޭޓްގެ ސަބަބުން ވަރަށް ގިނަ ޒުވާނުން ތަކަކަށް ކެއްކުމުގެ ހުނަރު ދަސްވެގެން ދޭ. މީގެ ސަބަބުން އެ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހި ވެގެން ދާނެ، ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީ އިން،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝެފުންނަކީ އިންޑަސްޓްރީގައި އެންމެ މުސާރަ ބޮޑު މީހުން ކަމަށާ، މީގެ ސަބަބުން ދިވެހިންނަށް ފުރުސަތުތަކެއް ފަހި ވެގެން ދާނެ ކަމަށެވެ.

"މުނިފޫހި ފިލުވަން އަޅުގަނޑުމެން މޯލްޑިވިއަން އައިޑަލްގެ ވެސް ޓައިޓަލް ސްޕޮންސަރު ނެގީ. މި ޕްރޮގްރާމަކީ ވެސް ވަރަށް ގިނަ ބަޔަކަށް މީގެ ކޮމްޕެޓިޓިވް އެލެމަންޓާއި މުނިފޫހި ފިލުވުމުގެ ބައި ހިމެނޭ ކަމެއް،" އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުގެ އިތުރުން މި ޝޯ އަށް އިތުރުން ތިން ސްޕޮންސަރުން ވެސް ވަނީ ރޭ ވަނީ ހަމަޖައްސާފަ އެވެ. މިޝޯ ގެ ސްޕޮންސަރުންގެ ގޮތުގައި ދެން ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ވިލާ ކޮލެޖު އަދި އެސްޓީއޯ އެވެ.

ޕީއެސްއެމް އިން ބުނީ ސްޕޮންސަރުންނަށް މާސްޓަ ޝެފް ޝޯ ތެރެއިންނާއި ބޭރުން ގިނަ ފުރުސަތު ތަކެއް ލިބިގެން ދާނެ ކަމަށެވެ. މާސްޓަޝެފް މޯލްޑިވްސްގެ ފުރަތަމަ ސީޒަން ޓީވީން ދައްކާނީ އަންނަ ސެޕްޓެންބަރު މަހުގ އެވެ. ނަމަވެސް، އޭގެ ކުރިން އޮޑިޝަން ކުރިޔަށް ގެންގޮސް ޖަޖުން އިއުލާނު ކުރާނެ އެވެ.

މާސްޓަޝެފް ޝޯއަކީ ކެއްކުމުގެ ދާއިރާގައި ދުނިޔޭގައި ބާއްވާ އެންމެ މަގުބޫލު އެއް ޝޯ އެވެ. މި ޝޯ ދުނިޔޭގެ 62 ގައުމެއްގައި ކުރި އަށް ގެންގޮސްފައިވެ އެވެ. ރާއްޖެ ހިމެނެނީ މި ޝީ ފަށާ 63 ވަނަ ގައުމެވެ. މިޝޯގެ ތެރެ އިން އެ ގައުމެއްގެ ކެއުންތައް ދުނިޔެ އަށް ހުޅުވިގެންދެ އެވެ.