ހަބަރު

މިދިޔަ އަހަރު 384 މައްސަލައަކަށް ދައުލަތަށް ވަކާލާތު ކޮށްދިނިން: އޭޖީ

މިދިޔަ އަހަރުގެ ތެރޭގައި 384 މައްސަލައަކަށް ޝަރުއީ ކޯޓުތަކުގައި ދައުލަތަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަކާލާތު ކޮށްދީފައިވާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

ދެހާސްނަވާރަވަނަ އަހަރުގެ އޭޖީ އޮފީހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އެ އަހަރު އެ އޮފީހަށް ލިބިފައި ވަނީ 388 މައްސަލައެކެވެ. އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު، 49.74 ޕަސެންޓް މަދު އަދެދެކެވެ. 2018 ވަނަ އަހަރު އޭޖީ އޮފީހަށް 764 މައްސަލަ ލިބިފައިވެ އެވެ.

މި ނިމުނު އަހަރު އެޖީ އޮފީހަށް ހުށަހެޅި 388 މައްސަލައިގެ ތެރެއިން ކޯޓަށް ހުށަހެޅިފައި ނުވަނީ ހަތަރު މައްސަލައެއް ކަމަށް އޭޖީ އޮފީހުން އާންމު ކުރި ތަފާސްހިސާބުތަކުގައިވެ އެވެ. އަދި 384 މައްސަލައެއް ކޯޓަށް ހުށަހެޅީ އެ މައްސަލަތަކުގައި ބޭއްވި 1924 އަޑުއެހުމެއްގައި އޭޖީގެ ވަކީލުން ދައުލަތަށް ވަކާލާތު ކޮށްދީފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެ އެވެ.

މިދިޔަ އަހަރު އޭޖީ އޮފީހުން ވަކާލާތު ކޮށްދިން މައްސަލަތަކުގެ ތެރޭގައި ދައުލަތަށް ރައްދުވާ 226 މައްސަލަ އަދި ދައުލަތުން ދައުވާ ކުރި 158 މައްސަލަ ހިމެނެ އެވެ. އެ ގޮތުން ދައުލަތަށް ރައްދުވާ 148 މައްސަލަ ނިމިފައިވާއިރު ހިނގަމުންދާ 78 މައްސަލައެއް ވެއެވެ. އަދި ދައުލަތަށް ދައުވާ ކުރާ 121 މައްސަލަ ނިމިފައިވާއިރު ހިނގަމުންދާ 37 މައްސަލައެއް ވެ އެވެ.

ދައުލަތަށް ރައްދުވާ މައްސަލަތަކުގެ ތެރޭގައި ވަޒީފާއާ ބެހޭ 60 މައްސަލައަކާއި އިސްތިއުނާފު ރައްދުވާ 37 މައްސަލައަކާއި ފައިސާއާ ބެހޭ 30 މައްސަލައަކާއި އެއްބަސްވުމާ ބެހޭ 17 މައްސަލައަކާއި ބިމާ ބެހޭ 17 މައްސަލައެއް ވެ އެވެ. ދައުލަތުން ދައުވާ ކުރި މައްސަލަތަކުގެ ތެރޭގައި އިސްތިއުނާފު ކޮށްފައިވާ 40 މައްސަލައަކާއި ފައިސާ ބެހޭ 30 މައްސަލައެއް އަދި ބިމާ ބެހޭ 26 މައްސަލައެއް ހިމެނެ އެވެ.

މިދިޔަ އަހަރު ސަރުކާރުގެ އިދާރާތަކުގެ ތެރެއިން، އެޖީ އޮފީޙުން އެންމެ ގިނަ އަދަދަކަށް ވަކާލާތު ކުރަން ޖެހިފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ރައްދުވާ ގޮތަށް ކޮށްފައިވާ ދައުވާތަކަށެވެ. އެ ގޮތުން ފުލުހުންގެ މުއައްސަސާއަށް ރައްދުވާ 43 މައްސަލައެއްގައި އޭޖީ އޮފީހުން ވަކާލާތު ކޮށްދީފައިވެ އެވެ.

މިދިޔަ އަހަރު ދައުވަލތުން ދައުވާ ކުރުމަށް ޓަކައި އެންމެ ގިނަ އަދަދަކަށް އޭޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ދައުލަތުގެ އިދާރާއަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ. އެ އިދާރާއިން 44 މައްސަލައެއް ފޮނުވިއިރު، ފަހުން 13 މައްސަލައެއް އަނބުރާ ފޮނުވާލާފައިވެ އެވެ. އަދި އެއް މައްސަލަ ކޯޓަށް ހުށަހެޅިފައެއް ނުވެ އެވެ.

އެންމެ ގިނަ އަދަދަށް ދައުވާ ރައްދުވި އިދާރާތައް

  • ޕޮލިސް ސާވިސް 43
  • ހައުސިން މިނިސްޓްރީ 26
  • ޑިފެންސް މިނިސްޓްރީ 19
  • ޓޫރިޒަމް މިނިސްޓްރީ 15

އެންމެ ގިނައިން މައްސަލަ ފޮނުވި އިދާރާތައް

  • ކަސްޓަމްސް ސާވިސް 44
  • ހައުސިން މިނިސްޓްރީ 33
  • ޖެންޑާ މިނިސްޓްރީ 21
  • އެންވަޔަރަމެންޓް މިނިސްޓްރީ 17