ލައިފްސްޓައިލް

ޕީރިއަޑް ވުމުން ބަނޑުގަ ރިއްސާނަމަ ބޭސް ނޫން ހައްލެއް!

ޕީރިއަޑް ވުމުން ބަނޑުގައި ރިހުމަކީ ވަރަށް ގިނަ އަންހެނުން އުފުލާ ވޭނެކެވެ. ބައެއް މީހުންނަށް ދެ ތިން ދުވަސް ވަންދެން އެއްގޮތަކަށް ވެސް އެނދުން ވެސް ނުތެދުވެވޭ ވަރަށް ބަނޑުގައި ރިއްސާތީ އުޅެން ޖެހެ އެވެ. މިފަދަ ގިނަ މީހުން ތަދު ކަނޑުވަން ގަވާއިދުން ތަދުކަނޑުވާ ކޮންމެވެސް ކަހަލަ ބޭހެއް ކައެވެ. ނަމަވެސް ތަދުކަނޑުވާ ބޭސް ނުކައި ގޭގައި ތައްޔާރުކުރާ ބައެއް ކަހަލަ ރިމެޑީޒް ތަކުން ވެސް މި މައްސަލަ ހައްލު ކުރެވިދާނެ އެވެ.

ޕީރިއަޑް ވުމުން ބަނޑުގައި ރިއްސިޔަސް ތަދުކަނޑުވާ ބޭސް ކެއުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށް އިންޑިއާގެ ގުރުގްރާމްގެ ވެލް ވިމެން ކްލިނިކްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ނޫޕޫރް ގުޕްތާ ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ބޭސް ކާން ވާނީ އެއްގޮތަކަށް ވެސް ކެތް ނުކުރެވިއްޖެނަމަ އެކަންޏެވެ. ކިރިޔާ ވެސް ކެތް ކުރެވޭނަމަ ތަދު ކެނޑެންދެން ކެތްތެރިކަމާއެކު މަޑުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ތަދުކަނޑުވާ ބޭހުގެ ބަދަލުގައި ގޭގައި ތައްޔާރުކޮށްލާ ރިމެޑީޒްތަކުން ހައްލު ހޯދަން މަސައްކަތް ކުރެވިދާނެ އެވެ.
އެގޮތުން އިނގުރު ސަޔަކީ ވެސް ވަރަށް ރަނގަޅު ފަރުވާއެކެވެ. ނަމަވެސް މި ސަޔަށް ހަކުރު އަދި ކިރު އަޅައިގެން ނުވާނެ އެވެ. އިނގުރުކޮޅެއް ފެންފޮދެއްގައި ކައްކާލައިގެން ހޫނުކޮށް ހުއްޓާ އެތިއެތިފޮދުން ބޮއި ހުސްކުރާށެވެ. ވަރަށް އަވަހަށް ބަނޑަށް ލުއި ވާނެ އެވެ.

ބަނޑުގައި ރިއްސާ ހިސާބު މަސާޖު ކުރުމަކީ ވެސް ތަދު ކުޑަވާ ކަމެކެވެ. ކޮރެއާގައި 2005 ގައި ކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުން ބަނޑު މަސާޖު ކުރުމުން ލޭ ހިނގުން ބަރާބަރުވެ ބަނޑުގައި ރިހުން ކުޑަވެ އެވެ. އަދި ބަނޑާ ގުޅިފައިވާ ބައިތަކުގައި ހަރުވެފައި ހުރި ތަންތަނަށް ދޫވެ ބަނޑަށް އަރާމު ލިބޭނެ އެވެ.

އަނެއް ކަމަކީ ބަނޑުގައި ރިއްސިޔަސް އޮށޯވެ ނޯވެ ވީހާވެސް ގިނައިން ހެލިފެލިވެ އުޅުމެވެ. ޔުނިވަސިޓީ އޮފް ކެލިފޯނިއާ އިން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ޕީރިއަޑް ދުވަސްވަރު ކަސްރަތު ކުރުމަކީ ބަނޑުގައި ރިހުން ކުޑަވާ ކަމެކެވެ. އަދި ބަނޑުގައި ރިއްސަން ފެށުމުން އެއްވެސް ކަމެއް ނުކޮށް އޮށޯވެ އޮންނަ މީހުންނަށް ވުރެ ގަވާއިދުން ކަސްރަތު ކުރާ އަންހެނުންނަށް ބަނޑުގައި ރިއްސާ ބަނޑު އަކުނިވަޔަށް ދެމުމުގެ މައްސަލަ ކުޑަކަން މި ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.

ހޫނުފެން އަޅާފައިވާ ހަމަކުން ބަނޑަށް ހޫނުކޮށްލުމަކީ ވެސް ރިހުން ކުޑަވާނެ ކަމެކެވެ. މިއީ ޒަމާނުއްސުރެ މީހުން ކުރަމުން އަންނަ ކަމެއް ވެސް މެއެވެ. މިކަން ހީޓް ޕެޑަކުން ނުވަތަ ހޫނުފެން ހަމަކުން ވެސް ކުރެވިދާނެ އެވެ. ޔަގީންވާ ކަމަކީ ހޫނުކުރުމުން ބަނޑުގައި ރިހުން ކުޑަވާނެ ކަމެވެ.

މީގެން ކޮންމެ ކަމެއް ކޮށްގެން ނަމަވެސް ތަދުކަނޑުވާ ބޭހާ ނުލާ އުޅެން އާދަކުރުމަކީ ދުރު މުސްތަގްބަލަކަށް ބަލާއިރު ކޮންމެ މީހަކަށް ވެސް އެންމެ ފައިދާހުރި ގޮތް ކަން ގަބޫލުކުރުން މުހިއްމެވެ.