ހަބަރު

ޕީއެސް ލަސްވުމުން ޝާހިދުގެ އުދާސްތައް ބޭރު ކޮށްލައްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސްޕީޑް ލަސްވެ، މިނިސްޓްރީގެ މަސައްކަތްތަކަށް އޭގެ އަސަރު ފޯރާ ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީއަށް އާ ޕާމަނަންޓް ސެކްރެޓަރީއަކު ހަމަޖައްސަން މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޝާހިދު ވަނީ ސީއެސްސީއަށް އޮތް ހިތްހަމަނުޖެހުމާއި އުދާސްތައް ބޭރު ކޮށްލައްވާފަ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަންގެ މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޝާހިދު ވިދާޅުވީ، ސީއެސްސީން ކޮށްދޭންޖެހޭ ކަންކަން ފުރިހަމަ ނުވެ ލަސްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އެ މިނިސްޓްރީގެ ޕީއެސްއަކު ނެތި ތިން މަހާއި 12 ދުވަސް ވެފައިވާ ކަމަށެވެ.

"ޕާމަނަންޓް ސެކެޓްރީއެއްގެ މަގާމު ހުސްވުމަށް ފަހު 3 މަހާއި 12 ދުވަސް އަލުން ޕާމަނަންޓް ސެކްރެެޓްރީއަކު އައްޔަން ކުރުމަށް... 104 ދުވަސް މިކަމުގައި ވޭތުވެއްޖެ. އަޅުގަނޑަށް ޕާމަންޓް ސެކްރެެޓަރީއަކު އައްޔަން ވެެއްޖެކަން އެންގިތާ ބަރާބަރު 42 ދުވަސް ފަހުން ކޮމިޝަނުން މިނިސްޓްރީގެ މަސައްކަތަށް ޕާމަނަންޓް ސެކްރެޓަރީއަކު ތިޔަ ފޮނުވައި ދެއްވީ. އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކަން ވެގެންވާނެ ގޮތެއް ނޫން." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ސީއެސްސީ ވާންޖެހޭނީ ނަމޫނާއަކަށް ކަމަށާއި އަދި އެއީ ސިވިލް ސާވިސް މުވައްޒަފުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. ނަމަވެސް ފެނިގެން މިދަނީ ކަންކަން ލަސްވެ، ކަންކަން ދިގުލައި، ގަބޫލު ކުރަން ދަތި މިންވަރަށް ކަންކަމުގެ ވަގުތު ފާއިތު ވެގެންދާތަން ކަަމަށެވެ.

"އެހެން ނެހެއްދެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި ހަމަ އެއާއެކު ދަންނަވާލަން މިނިސްޓްރީން މަގާމުތަކަކަށް އިއުލާން ކޮށްގެން އުޅޭތާ 28 ދުވަސް. އެކަމުގައި ސިވިލްސާވިސް ކޮމިޝަނާއި، މިނިސްޓްރިއާއިމެދު ވާހަކަ ދެކެވި، މިނިސްޓްރީގެ މުވައްޒަފުންނަަށް ބޭނުންވާ މަގާމުގެ ކުރި އެރުމާއި، ކަންކަން ހަމަޖެއްސުމަށް އިއުލާން ކުރެވި، އެއިއުލާން ބާތިލް ކުރެވި ދިޔަތާ މިވަނީ 28 ދުވަސް. މިއީ ގަބޫލު ކުރެވޭނެ ކަންކަމެއް ނޫން،"