އިލެކްޝަންސް ކޮމިޝަން

އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އީސީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ، އެ ކޮމިޝަންގެ މެންބަރެއްގެ މެންބަރު ކަމުގެ މުއްދަތު އަންނަ މާޗު މަހުގެ 23 ވަނަ ދުވަހު ހަމަވާތީ އެވެ. ކޮމިޝަންގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.

އީސީގެ މެންބަރުންގެ ތެރެއިން އެ ދުވަހަށް މެންބަރު ކަމުގެ ދައުރުގެ މުއްދަތު ހަމަވަނީ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި އަހްމަދު އަކުރަމްގެ ދައުރުގެ މުއްދަތެވެ. އެ ކޮމިޝަންގެ މެންބަރު ކަމަށް އަކުރަމް އައްޔަން ކުރެއްވީ 2015 ވަނަ އަހަރުގަ އެވެ. އަކްރަމް އަކީ މިދިޔަ ދުވަސްތަކުގައި ކޮޮމިޝަންގައި އެންމެ ހަރަކާތްތެރި އެއް މެންބަރެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ. އެ ކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯންޑް ކުރެވެން ހުންނާނެ އެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބެލެހެއްޓުމަށް އުފައްދާފައިވާ އިލެކްޝަންސް ކޮމިޝަންގައި ތިބެނީ ފަސް މެންބަރުންނެވެ. އަކުރަމުންގެ އިތުރުން މިހާރު ކޮމިޝަންގައި ތިއްބަވަނީ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި، މެންބަރު ފުއާދު ތައުފީގާއި، މެންބަރު އިސްމާއީލް ހަބީބް، އަދި މެންބަރު އަލީ ނަޝާތު އެވެ.