އަހްމަދު ރިޒްވާން (ރިޒޭ) ހެދި ހެޓްރިކާއެކު، ދިވެހި ޕްރިމިއާ ލީގްގެ ތިން ވަނަ ބުރުގައި ކުލަބު އީގަލްސް އިން ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ މައްޗަށް 7-0 ގެ ނަތީޖާ އަކުން ބޮޑު މޮޅެއް ހޯދައިފި އެވެ.
މި މޮޅަކީ ދެ ވަނަ މަގާމުގައި ހަމަޖެހިލުމަށް އީގަލްސްއަށް މުހިންމު މޮޅެކެވެ. ފުރަތަމަ ހާފުގައި އީގަލްސްގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ރިޒޭ އެވެ. އޭގެ އިތުރަށްވެސް ލަނޑު ޖަހާނެ ތިން ފުރުސަތެއް ފުރަތަމަ ހާފުގައި އޭނާ އަށް ލިބިގެން ދިޔަ އެވެ.
ފުރަތަމަ ލަނޑު ރިޒޭ ކާމިޔާބު ކުރީ މެޗުގެ 12 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 25 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފުގައި އީގަލްސްގެ ހަސަން ރާއީފް އަހްމަދު (ހަންނަ) އާއި ޖަޕާންގެ މިޑްފީލްޑާ ޓޮށިކީ އޮކަމޯޓާއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނަގުޅު ފުރުސަތުތަކެއް ލިބިފަ އެވެ.
ރިޒޭ ހެޓްރިކް ހެދީ، ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓްގަ އެވެ. އަދި މެޗު 57 ވަނަ މިނެޓްގައި އޭނާ ވަނީ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަނިޔާގެ ސަބަބުން ފޯވަޑް އަލީ ފާސިރު (ސެންޓޭ) އަށް ފުރުސަތު ނުދިން މެޗުގައި އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އޭގެތެރެއިން ގަލޮޅު ދަނޑަށް މުޅިން އަލަށް ނުކުތް 16 އަހަރުގެ ޒައިން ޒަފަރު ފާހަގަ ކޮށްލަން ޖެހެ އެވެ.
ރިޒޭ ނިސްބަތްވާ ކ. ދިއްފުއްޓަށް ނިސްބަތްވާ ޒައިން ވަނީ އޭނާގެ ފުރަތަމަ މެޗުގައި ދެ ލަނޑު ޖާހާފަ އެވެ. އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅައިންނެވެ. އެއީ މެޗުގެ 66 ވަނަ މިނެޓްގަ އެވެ. އީގަލްސްގެ ހަ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ 72 ވަނަ މިނެޓްގަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ވަނީ ޒައިން އަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ޒައިން އަކީ ކުރިމަގު އޮތް ކުޅުންތެރިޔެއް ކަމަށާއި މަޑުމަޑުން ފުރުސަތު ދެމުންދާ ވަރަކަށް އޭނާގެ ފަރާތުން އިތުރު ކުރިއެރުން ފެންނާނެ ކަމަށެވެ. އީގަލްސްގެ ހަތް ވަނަ ލަނޑު ކާމިޔާބު ކުރީ ޓޮށީ އެވެ.
މެޗުގެ ފަހު ކޮޅުގައި، ފޯކައިދޫއިން ކުރިއަށް ޖެހިލައި ހަމަލާތައް ވަރުގަދަ ކުރި އެވެ. އެ ޓީމުގެ އެންހަލް ކަރެސްކޯ މުނޯޒް އަށް އީގަލްސްގެ ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން ލިބުނު ބޯޅަ ވެއްޓިގެން ފައި ކުރިއަށް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑީއާ އިންޗިއެއްހައި މަތިން ބޭރަށެވެ. އޭގެ ފަހުން އެ ޓީމުގެ މުހައްމަދު ނަޝީދު ހުސްކޮށް އަރައި ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑި އަށެވެ.