ދިވެހި ޕްރެމިއާ ލީގް

ޓީސީ މޮޅުވެ ދެވަނަ މަގާމުގެ ރޭސް ފޯރިގަދަ ވެއްޖެ

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު މައްޗަށް 3-1 ގެ ނަތީޖާ އަކުން ޓީސީ މޮޅުވުމުން ލީގްގެ ދެ ވަނަ މަގާމުގެ ރޭސް ފޯރި ގަދަ ވެއްޖެ އެވެ.

ލީގް ޗެމްޕިއަންކަން، މާޒިޔާއިން ރޭ ކަށަވަރު ކޮށްފައި ވުމުން، މިހާރު އެންމެ ބޮޑަށް ފޯރި ގަދަ ވެފައި ވަނީ ލީގްގެ ރަނަރަފް މަގާމަށެވެ. އެ މަގާމަށް އެންމެ ބޮޑު ވާދަވެރި ކަމެއް އޮތީ ޓީސީ އާއި އީގަލްސްގެ ފަރާތުންނެވެ. މިއަދު ހަވީރު ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބާ ދެކޮޅަށް އީގަލްސް މޮޅުވުމުން، އީގަލްސްއާ އެންމެ ކައިރިން ވާދަ ކުރާ ޓީސީވެސް މެޗުގައި ވަނީ ބޮޑު ހިތްވަރެއްލައި ގްރާންޑޭ ބަލި ކޮށްފަ އެވެ.

ފުރަތަމަ ލަނޑު ގްރާންޑޭއިން ކާމިޔާބު ކުރީ މެޗުގައި އުފެއްދި ފުރަތަމަ ހަމަލާގައި އިރާގްގެ ފޯވަޑް އުބައިދާ ހަދޫމް އަހްމަދު އެވެ. ޓީސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 12 ވަނަ މިނެޓްގައި އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކުރި ލަނޑުންނެވެ.

މެޗުގެ ދެ ވަނަ ހާފް ފެނުނީ ވަކިން ފޯރިގަދަ ކޮށެވެ. ދެ ޓީމުންވެސް ހަމަހަމަ ވެފައި އޮތުމުން ލަނޑެއް ޖެހުމަށް ދެ ޓީމުން މަސައްކަތް ކުރި އެވެ. މެޗުގައި ދަ ގްރާންޑޭގެ ކްރިސްޓިއަން ޑޯޖީ އާއި ޓީސީގެ އަޝްފާގް އާ ދެމެދު ކުރިމަތިލުމެއް ހިނގި އެވެ. އެހެންނަމަވެސް އެއްވެސް ކުޅުންތެރިޔަކަށް ރެފްރީ ކާޑު ދައްކާފައެއް ނުވެ އެވެ. އޭގެ ފަހުން ގްރާންޑޭގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު، އަޝްފާގް އަށް ފައުލު ކުރުމުންވެސް ރެފްރީ ނިންމީ ޕެނަލްޓީ އެއް ދޭން ޖެހޭ ވަރުގެ ކަމެއް ނުހިނގާ ކަމަށެވެ. ޓީސީގެ ބެންޗުން ވަނީ ޕެނަލްޓީއެއް ކަމަށް އެޕީލްވެސް ކޮށްފަ އެވެ.

ޓީސީއަށް ލީޑް ނަގައިދިން ލަނޑު އިޝާން އިބްރާހިމް (ސައްޓް) ކާމިޔާބު ކުރީ 78 ވަނަ މިނެޓްގައި އިސްމާއީލް އީސާ ދިން ބޯޅައިން ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ސައްޓް ބޮޅުން ފޮނުވާލުމުން ގްރާންޑޭގެ ކީޕަރު މުހައްމަދު ފައިސަލްއަށް ބޯޅައިގެ މިސްރާބް އޮޅި ފުރަތަމަ ހަރަކާތް ކުރެވުނީ އެހެން ފަޅި އަކަށެވެ.

ޓީސީގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް މެލެކޮމް ކެސިއުމް ސްޓްވާޓް އެވެ. އޭނާ އަކީ މާޒިޔާގެ ފޯވަޑް ކޯނޭލިއަސް ސްޓްވާޓްގެ ކޮއްކޮ އެވެ. މެލްކޮމް ލަނޑު ކާމިޔާބު ކުރީ އިސްމާއީލް އީސާ ފޮނުވާލި ބޯޅަ ގްރާންޑޭގެ ގޯލް ލައިން މަތިން އެ ޓީމުގެ ކުޅުންތެރިން ދިފާއު ކުރަން އުޅުމުގެ ތެރޭގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ދަ ގްރާންޑޭގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) ބުނީ މެޗުން ބަލިވީ ޓީމެއްގެ ގޮތުގައި މުޅި މެޗުގައި ހިފަހައްޓަން ޖެހޭ ކޮންސަންޓްރޭޝަން ކުޅުންތެރިންގެ ކިބައިން ގެއްލިގެން ދިއުމުން ކަމަށެވެ. ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ ޓީސީގެ މެޗުގެ ނަތީޖާ އަނބުރާލެވޭނެ ހިތްވަރު ހުރިކަން ކުޅުންތެރިން ކުޅެމުންދިޔަ ގޮތުން ޔަގީންވި ކަމަށެވެ.