ޑިސެމްބަރު މަހު ފަށަން ތާވަލު ކޮށްފައިވާ ދިވެހި ޕްރިމިއާ ލީގަށް ތައްޔާރު ވުމަށް، ޓީސީ ސްޕޯޓްސް ކުލަބާއި ދަ ގްރާންޑޭ ސްޕޮޓްސް ކުލަބު ޕްރީ ސީޒަންގެ ޓްރޭނިންތައް ފަށައިފި އެވެ.
ލީގްގައި ވާދަ ކުރާނެ އަށް ޓީމުންވެސް މިހާރު ވަނީ ޓްރޭނިން ފަށާފަ އެވެ. އެންމެ ފަހުން ޓްރޭނިން އަށް ނުކުތީ ޓީސީ އާއި ދަ ގްރާންޑޭ އެވެ. މިދިޔަ ސީޒަންގައި ޓީސީއަށް ކުޅުނު މުހިންމު ކުޅުންތެރިން ވަނީ ޓީމު ދޫކޮށްލާފަ އެވެ. ކެޕްޓަން އަހްމަދު ފައްރާހް (ފައްރަ)، އަކުރަމް އަބްދުލް ގަނީ އަދި އިސްމާއީލް އީސާ ވަނީ ޓީސީ ދޫކޮށްލާފަ އެވެ. ފައްރަ ބަދަލުވީ، ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރާ ސުޕަ ޔުނައިޓެޑް ސްޕޮޓްސް ކުލަބު (ސަސްޕަޓީސް) އަށެވެ. އަކުރަމް ބަދަލުވީ އޭނާގެ ބޯއީހުޑް ޓީމު، ވެލެންސިއާ އަށެވެ. އީސަ ބަދަލުވީ ޔުނައިޓެޑް ވިކްޓަރީ އަށެވެ.
ސީޒަންގެ ފަހު ކޮޅު ޓީސީއަށް ބަދަލުވި އަލީ އަޝްފާގް (ދަގަނޑޭ) ވެސް ޓީސީގެ ޓީމުން މިފަހަރު ނުފެންނާނެ އެވެ. އަދި އޭފްސީ ކަޕަށް އެ ޓީމުން ސޮއި ކުރުވި ޕާކިސްތާންގެ ގޯލްކީޕަރު ސާގިބް ހަނީފުވެސް ކުރިއަށް އޮތް ސީޒަންގައި ފެންނާނީ ކުލަބު ގްރީން ސްޓްރީޓުންނެވެ. ޓީސީގެ އެއް މުއައްސިސް އަދި އެފްއޭއެމްގެ މިހާރުގެ ބޯޑު މެންބަރު އަހްމަދު ނަޝީދު (ޑޭވް) ކުރިން ވިދާޅުވެފައި ވަނީ، މި ސީޒަންގައި ޓީސީގެ ޓީމުން ފެންނާނީ އެ ޓީމުގެ ޒުވާން ކީޕަރު އާދަމް އިމްއާން (އިންމި) ކަމަށެވެ. ޓީސީ އާ ސީޒަނާ ކުރިމަތިލާނީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނާއެކު އެވެ.
އާ ސީޒަނާ ދަ ގްރާންޑޭއިން ކުރިމަތިލާއިރު، މިދިޔަ ސީޒަންގައިވެސް އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ވަނީ ޓީމުގައި މަޑުކޯށްފަ އެވެ. ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގްގައި މިދިޔަ ސީޒަންގައި ވާދަ ކުރި ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެހެންނަމަވެސް ސީޒަންގެ ވަކި ހިސާބަކުން ކުލަބުތަކަށް މާލީ ގޮތުން ކުރިމަތިވި ހާލަތު ދަ ގްރާންޑެއަށްވެސް ކުރިމަތިވި އެވެ. އޭގެ ސަބަބުން ސީޒަންގެ ފަހު ކޮޅު އެ ޓީމަށް އަސަރު ކުރި އެވެ.
ކޮވިޑް-19 އިގެ ހާލަތު ކަމަށް ވުމުން، ކުލަބުތަކުގެ ޕްރެކްޓިސް ފެށީ އެޗްޕީއޭއިން އެކަމަށް ހުއްދަ ދިނުމުންނެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވެފައި ވަނީ، ގައުމީ ފެންވަރުގެ ޕްރެކްޓިސް ވަކި ގައިޑްލައިނަކުން ގެންދާނެކަން ހާމަ ކޮށް އެފްއޭއެމުން ތައްޔާރު ކުރި ގައިޑްލައިންއާ ބެހޭގޮތުން އެޗްޕީއޭ އާ މަޝްވަރާ ކުރުމުން އެ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދޭން އެޗްޕީއެޗްޕީއޭއިން ނިންމީ ކަމަށެވެ. އެޗްޕީއޭގެ އޮފިޝަލް ވިދާޅުވެފައި ވަނީ ގައުމީ ފެންވަރުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ އެ އެތޯރިޓީން ދީފައި ވާނެ ކަމަށެވެ. އެހެންނަމަވެސް އާންމުކޮށް ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން އަދިވެސް މަނާކޮށްފައި ވާނެކަން ފާހަގަ ކުރެއްވި އެވެ.
އެޗްޕީއޭ އާއި އެފްއޭއެމުން ކުރި މަޝަވްރާތަކުގައި، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދިނުމަށް ނިންމީ މިމަހު ކުރީ ކޮޅު އެވެ. އެފްއޭއެމުން ވަނީ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ހުއްދަ ހޯދުމަށް އެޗްޕީއޭގެ އިތުރުން ފުލުހުންނާއި ޔޫތު ސްޕޯޓްސް މިނިސްޓްރީއާއެކު ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. ކުލަބުތަކަށް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން އެފްއޭއެމުން ވަނީ މިއަހަރު މިހާތަނަށް ދެ މަރުހަލާއެއްގައި މުއައްސަސާތަކާއެކު މަޝްވާރާ ކޮށްފަ އެވެ.
އެންމެ ފުރަތަމަ މަރުހަލާއަކީ، އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަ ކުރާ ދެ ޓީމަށް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިނުމަށެވެ. އޭރުވެސް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ މާޒިޔާއިންނެވެ. ކުރިން ހަމަޖެހިފައިއޮތީ، މި މަހު އޭއެފްސީ ކަޕް ފެށުމަށެވެ. އެހެންނަމަވެސް އޭއެފްސީ ކަޕް ކުޅޭ ގައުމުތަކުގެ ކޮވިޑް-19 ގެ ހާލަތު ގޯސްކޮށް އޮތުމުން އޭއެފްސީން މިދިޔަ މަހު ވަނީ އެ މުބާރާތް ކެންސަލް ކޮށްފަ އެވެ.