ދިވެހި ޕްރިމިއާ ލީގްގައި ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު ގްރީންސްޓްރީޓްސް، ކުޅުނު ފަހު މެޗު ޓީސީން 5-1 ން ކާމިޔާބު ކޮށްފި އެވެ.
ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބު ބައްދަލު ކުރި އެ ދެ ޓީމުގެ ފަހު މެޗު ގްރާންޑޭއިން ކާމިޔާބު ކުރީ 3-1 ންނެނެ. އިއްޔަގެ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ލީގްގެ އެއްވެސް މަގާމަކަށް ބަދަލެއް އަންނާކަށް ނެތެވެ.
އިއްޔަ ހަވީރު، ގްރީން ސްޓްރީޓާ ދެކޮޅަށް ޓީސީ ކުޅުނު މެޗުގައި، ގްރީން ދޫކޮށް، ދެ ވަނަ ފަހަރަށް ޓީސީ އާ ގުޅުނު އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ދެ ލަނޑު ޖަހާފަ އެވެ. ލީގްގެ މަގާމުތައް ކަށަވަރު ވެފައި ވުމުން މެޗުގައި ފެންނަން ޖެހުނު ހަގީގީ ވާދަވެރި ކަމެއް ފެނިގެން ނުދިޔަ އެވެ.
ޓީސީގެ ފުރަތަމަ ލަނޑު އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބު ކުރީ މެޗުގެ 17 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އަޝްފާގް އެވެ. ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ މެލްކޮމް ސްޓްވާޓް އެވެ. މެޗުގެ 78 ވަނަ މިނެޓްގައި އިސްމާއީލް އީސާ (މެސީ) ވަނީ ޓީސީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ގްރީންގެ ލަނޑު 86 ވަނަ މިނެޓްގައި މުހައްމަދު އާރިފް (ބަކާ) ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. ޓީސީގެ ފަސް ވަނަ ލަނޑު އަޝްފާޣް ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ.
ފޯކައިދޫ ކޮޅަށް، ދަ ގްރާންޑޭގެ ތިން ލަނޑުވެސް ކާމިޔާބު ކުރީ، އިރާގްގެ ފޯވަޑް އުބައިދާ ހަދޫމް އަހްމަދެވެ. ފޯކައިދޫގެ ލަނޑު ކާމިޔާބު ކުރީ ހަސަން ފުވާދު (ޖެކް) އެވެ. ލީގްގެ އެންމެ ފަހު މެޗުގައި، އަންނަ މަހު ދެ ވަނަ ދުވަހު ނުކުންނާނީ ޗެމްޕިއަން މާޒިޔާ އާއި ރަނަރަފް ކުލަބު އީގަލްސް އެވެ.