ދިވެހި ޕްރެމިއާ ލީގް

ޓީސީ ބަލިކޮށް ދަ ގުރާންޑޭ ތަފާތު ދައްކައިފި

ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ދަ ގްުރާންޑޭ ސްޕޯޓްސް ކުލަބުން ލީގް މޮޅަކުން ފަށައިފި އެވެ.

ފުރަތަމަ ޑިވިޝަންގައި އެ ޓީމުގެ ދެ ވަނަ ސީޒަނަށް ނުކުތް އިރު ދަ ގުރާންޑޭގެ ޓީމަށް ވަނީ ބަދަލުތަކެއް އައިސް ފަ އެވެ. ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލް، އެންމެ ފަހު ވަގުތު ވެލެންސިއާ އަށް ދޫކޮށްލުމަށް ގުރާންޑޭއިން އެއްބަސްވި އެވެ. އަހްމަދު އިމާޒު (އާއްކޮ) ވެސް ބަދަލުވީ ވެލެންސިއާ އަށެވެ. ޑިފެންޑަރު މުޙައްމަދު ރަޝީދު (ހޮކޭ) ބަދަލުވީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށެވެ. އަހްމަދު ނިޒާމް (ނިޒާންބެ) ބަދަލުވީ ޔުނައިޓެޑް ވިކްޓަރީ އަށެވެ.

ފައިސަލްގެ ބަދަލުގައި މި ސީޒަންގައި އެ ޓީމުގެ އެއް ވަނަ ކީޕަރަކީ، ދެ ވަނަ ޑިވިޝަންގައި އެ ޓީމު ވާދަ ކުރިއިރު މޮޅު ކުޅުމެއް ދެއްކި އިޔާން އަބްދުލް އަލީމް އެވެ. ލީގްގެ ފުރަތަމަ މެޗުގައި، ކްލީން ޝީޓަކާއެކު ނިންމާ ލެވުމަކީ އޭނާއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.

މެޗުގައި ގުރާންޑޭގެ ފުރަތަމަ ލަނޑު 36 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކެޕްޓަން ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިބްރާހިމް ނޫރައްދީން ވަނީ ގުރާންޑޭގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގުރާންޑޭގެ އުޒުބްކިސްތާންގެ ފޯވަޑް އޮޓަބެކް ހައިދަރޯވް ވަނީ މެޗުގެ 83 ވަނަ މިނެޓްގައި އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.