އިސްތަށިގަނޑުގައި ނުރަ ޖަހަން ފެށުމަކީ އުމުރުން ދުވަސްވާ ކަމުގެ ފުރަތަމަ އަލާމާތްތަކުގެ ތެރެއިން އަލާމާތެކެވެ. އުމުރުން ދުވަސްވާ ވަރަކަށް އިންސާނާގެ ހަށިގަނޑަށް ވަރަށް ގިނަ ބަދަލުތައް އާދެ އެވެ. ނުރަވުމަކީ މީގެން އެއް ބަދަލެވެ.
ނަމަވެސް އުމުރުން ދުވަސް ނުވަނީސް ނުރަވުމަކީ ވެސް މައްސަލަ އެކެވެ. ދޮން މީހުންގެ ތެރެއިން ބައެއް މީހުން އުމުރުން އެންމެ 20 ވަރަކަށް އަހަރުވާއިރު ނުރަވެ އެވެ. އޭޝިއާ ނަސްލުގެ މީހުންގެ ތެރޭގައި 25 ވަރަކަށް އަހަރުވާއިރު ނުރަވާން ފަށާ މީހުން ވެސް ތިބެ އެވެ. އެންމެ ލަހުން ނުރަވާ ކަމަށް ބެލެވެނީ އެފްރިކާ ނަސްލުގެ ކަޅު މީހުންނެވެ. މި މީހުންގެ ތެރެއިން އެންމެ އަވަހަށް ނުރަ ޖަހާ މީހުންނަށް ވެސް މި މައްސަލަ ދިމާވަނީ 30 ވަރަކަށް އަހަރު ފުރޭ ފަހުންނެވެ.
އުމުރުން ދުވަސް ނުވަނީސް ނުރަ ޖަހަން ފެށުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެ އެވެ. މީގެ ތެރޭގައި ވިޓަމިން ބީ12 މަދުވުމުން، ދަގަނޑުގެ ބައި ވަރަށް ބޮޑަށް މަދުވުން، ޕްރޮޓީން މަދުވުމާއި ކޮޕާ މަދުވުން ހިމެނެ އެވެ.
ނުރަ ޖަހަން ފަށައިފިނަމަ އެކަން ހުއްޓުވަން ނުވަތަ ނުރަތައް އަލުން ކަޅު އިސްތައްޓަށް ބަދަލު ކުރަން ބޭނުންވާ ހަށިގަނޑަށް ފައިދާ ހުރި ވަރަށް ގިނަ ކާނާ ހުރެ އެވެ. އަދި އިސްތަށިގަނޑުގައި އުނގުޅިދާނެ ވަރަށް ފައިދާ ހުރި ގިނަ ގުނަ ބާވަތްތައް ވެސް ހުރެ އެވެ.
އާމްލާ އާއި މެތީ ސީޑްސް
މިއީ އިސްތަށީގަނޑަށް ވަރަށް ފައިދާ ހުރި ދެ ބާވަތެވެ. އާމްލާގައި ގިނަ އަދަދަކަށް ވިޓަމިންސް އެކުލެވިގެންވާއިރު މެތީ ސީޑްސްގައި ނިއުޓްރިއަންޓްސް ވަރަށް ގިނަ އެވެ. މި ދޭތި އެއްކޮށް ބޭނުންކުރުމުން އަޖައިބެއް ކަހަލަ އަސަރުތަކެއް އިސްތަށިގަނޑަށް ކުރާނެ އެވެ. އާމްލާ އާއި މެތީ ސީޑްސް އެއްކޮށް ފުނޑައި ޕޭސްޓަށް ހެދުމަށްފަހު އިސްތަށިގަނޑުގައި މާސްކެއް ގޮތަށް އަޅާށެވެ. ވަރަށް އަވަހަށް ތަފާތު ފެންނާނެ އެވެ.
ހީނާ ފަތާއި ކޮފީ މިކްސް
ތެއްޔެއްގައި ފެންފޮދެއް ކައްކާލުމަށްފަހު އެއަށް ކޮފީކޮޅެއް އަޅާށެވެ. ކައްކާލަން އިރުކޮޅަކު ބަހައްޓާފައި ރަނގަޅަށް ކެކިލީމަ ބާލާފަ ހިހޫވަންދެން ބަހައްޓާށެވެ. ދެން ފުނޑާފައި ހުރި ހީނާފަތް ނުވަތަ ހީނާފަތް ޕައުޑަރު އަޅައިގެން ޕޭސްޓްގަނޑެއް ތައްޔާރުކުރާށެވެ. ގަޑިއެއްހާއިރު ބަހައްޓާފައި ތެޔޮ ސަމުސަލެއް އެއަށް އެއްކުރާށެވެ. ކޮންމެ ވައްތަރެއްގެ ތެލެއް ވެސް ރަނގަޅުވާނެ އެވެ. ރަނގަޅަށް މިކްސް ކުރުމަށްފަހު އިސްތަށިގަނޑާއި ބޮލުގައި ހާކާށެވެ. ގަޑިއެއްހާއިރު ބަހައްޓާފައި ދޮވެލާށެވެ.
އާމަންޑް އޮއިލް އާއި ލުނބޯ ހުތް
އާމަންޑް އޮއިލް އާއި ލުނބޯ ހުތް: ބޯތައްޓަކަށް އާމަންޑް އޮއިލް އާއި ލުނބޯ ހުތް އަޅާށެވެ. 2:3ގެ ރޭޝިއޯ އަށެވެ. ރަނގަޅަށް އެއްކޮށްފައި އިސްތަށީގަނޑާއި ބޮލުގެ ހަންގަނޑުގައި ހާކާށެވެ. ތިރީހަކަށް މިނިޓް ބަހައްޓާފައި ޝޭމްޕޫން ދޮންނާށެވެ.
ހިކަނދިފަތާއި ކާށިތެޔޮ
ތެއްޔަކަށް ހިކަނދިފަތް އަޅާފައި ކައްކާލާށެވެ. ދެން ކާށިތެޔޮކޮޅެއް އަޅާފައި އިރުކޮޅެއް ވަންދެން ކައްކާލަން ބަހައްޓާށެވެ. ރަނގަޅަށް ކެކުނީމާ ބާލާފައި ހިހޫވުމުން އިސްތަށިގަނޑާއި ބޮލުގައި ރަނގަޅަށް އުނގުޅާށެވެ. ނިދާ ގަޑީގައި އުނގުޅާފައި ހެނދުނު ހޭލައިގެން އިސްތަށިގަނޑު ދޮވުނީމަ ރަނގަޅުވާނެ އެވެ. މިއީ ގޭގައި ފަސޭހައިން ތައްޔާރު ކުރެވިދާނެ އެއްޗިއްސެވެ. އަދި މި ރިމެޑީޒް ތަކުގެ ތެރެއިން ކޮންމެވެސް އެކައްޗަކުން ހަމަ ގައިމުވެސް ފައިދާ ކުރާނެ އެވެ.