ސިއްހަތު

މާ ގިނައިރު އިށީނދެ އިނުމުން ސިއްހަތަށް ނުރައްކާ

ދުވާލުގެ ގިނަ ވަގުތު އިށީދެގެން އިންނަން ހެއްޔެވެ؟ އަވަހަކަށް މި އާދަ ހުއްޓާލާށެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިއީ ހީވެސް ނުކުރާ ވަރުގެ ބޮޑު ނުރައްކަލެއް ސިއްހަތަށް ކޮށްފާނެ ކަމެކެވެ. އެނަލްސް އޮފް އިންޓާނަލް މެޑިސިންގައިވާ ރިޕޯޓެއްގައިވާ ގޮތުން މާ ގިނައިރު އިށީނދެގެން އިނުމުން ހިތުގެ މައްސަލަތަކާއި ހަކުރު ބަލި އަދި ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއް ޖެހިދާނެ އެވެ.

އެވްރެޖްކޮށް ކޮންމެ މީހަކުވެސް ދުވާލެއްގެ ދެ ބައިކުޅަ ހޭދަ ކުރަނީ ތަނެއްގައި އިށީނދެ އިނދެ އެވެ. މިގޮތަށް ގިނައިން ތިބެނީ ޓީވީ ބެލުމަށް ނުވަތަ ކޮމްޕިއުޓަރު ކައިރީގައި މަސައްކަތެއް ކުރާށެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ ކަސްރަތުކޮށް ހެލިފެލިވެ އުޅޭ ކަންތައްތަކުގައި އުޅުނު ނަމަވެސް މިހާ ގިނައިރު އެއްތަނެއްގައި އިށީނދެ އިނުމަކީ ސިއްހަތަށް ގެއްލުން ވާނެ ކަމެއް ކަމަށެވެ. އަދި އިށީނދެގެން ގިނައިރު ތިބޭ މީހުންގެ ތެރެއިން ކަސްރަތު ނުކުރާ މީހުންނަށް އަދި މާ ނުރައްކާ ކަމަށް ވެސް ކަމާ ބެހޭ ތަޖުރިބާކާރުން ބުނެ އެވެ.

ނަމަވެސް އިށީނދެގެން ގިނަ ވަގުތު އިނުމުން ލިބޭ ގެއްލުން ކުޑަ ކުރެވެނީ ނުވަތަ އެއްގޮތަކަށް ވެސް ގެއްލުން ނުވާނީ ކިހާއިރަކު ކަސްރަތުކޮށް ހެލިފެލިވެ އުޅެގެން ކަމެއް އަދި ހޯދިފައެއް ނުވެ އެވެ. ހަމަ ގައިމުވެސް ދުވާލަކު ބައިގަޑިއެއްހާއިރު ކަސްރަތު ކޮށްފައި އަނެއް 23 ގަޑިއިރާ ބައި ހެލިފެލިވެ ނޫޅުމަކީ އެއްގޮތަކަށް ވެސް ފައިދާ ކުރާނެ ކަމެއް ނޫންކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މިކަމަށް އޮތް އެންމެ ރަނގަޅު ހައްލެއް ކަމަށް ވަނީ އެމީހާ އިށީނދެގެން އިންނަ ވަގުތު ގުނުމެވެ. އިށީނދެ އިންނަނީ ކިހާ އިރަކު ކަން ގުނާނަމަ އެ އާދަ ބަދަލު ކުރަން މަސައްކަތް ކުރަން ފަސޭހަ ވާނެ އެވެ. އަނެއް ކަމަކީ އިށީނދެގެން އިނދެ ކުރަން ޖެހޭ ކަންތައްތައް ކުރުން މަދުކޮށް ތަންކޮޅެއް ހެލިފެލިވެ އުޅެމުން ކުރެވޭ ކަންތައްތައް ގިނައިން ކުރުމެވެ.

މިސާލަކަށް އޮފީހުގައި ނުވަތަ މަސައްކަތް ކުރާ ތަނުގައި މާ ގިނަ ވަގުތު މޭޒު ކައިރީގައި ނީނދެ އިރުއިރުކޮޅުން ތެދުވެ ހިނގާލާ ހެދުން ރަނގަޅުވާނެ އެވެ. މިސާލަކަށް 30 ވަރަކަށް މިނިޓް ކޮމްޕިއުޓަރު ކައިރީގައި މަސައްކަތެއް ކުރަން އިނދެފައި ދެ ތިން މިނިޓްގެ ބްރޭކެއް ނަގައި ކުޑަކޮށް ހިނގާލާފައި އަލުން އައިސް އަނެއްކާވެސް މަސައްކަތް ފަށާށެވެ.

ކޮންމެ ބައި ގަޑިއަކުން ތިން މިނިޓްގެ ބްރޭކެއް ނަގާނަމަ އިށީނދެ އިނުމުން ލިބޭ ސިއްހީ ގެއްލުން ކުޑަވާނެ އެވެ. ޓީވީ ބަލަން އިންނައިރު ވެސް އިޝްތިހާރު އަންނަ ގަޑީގައި ތެދުވެ ކަސްރަތެއް ކޮށްލާ ހެދިދާނެ އެވެ.