ވިޔަފާރި

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ މައުލޫމާތުގެ ޑޭޓާބޭސް ވަރުގަދަ ކުރަނީ

Aug 30, 2015

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތު އެއްކުރަން ބޭނުންކުރާ ޑޭޓާބޭސް އިތުރަށް ފުރިހަމަ ކޮށް، ވަރުގަދަ ކުރުމަށް ނޭޝަނަލް ސެންޓަ ފޯދި އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއެކު ޓޫރިޒަމް މިނިސްޓްރީން ސޮއިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން މިހާރު ބޭނުން ކުރަމުން ގެންދާ ޓޫރިޒަމް އިންފޮމޭޝަން މެނޭޖުމަންޓް ސިސްޓަމް (ޓިމްސް) އަށް އިތުރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މަސައްކަތް ކުރަނީ 2011 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަނަލް ޑިވްލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީސީ) އާ ގުޅިގެން އެކުލަވާލާފައިވާ "ސްޓްރެޓެޖިކް ޑިވްލޮޕްމެންޓް ޕްލޭން ފޯދަ ޓޫރިޒަމް އިންޑަސްޓްރީޒް 2011-2015 ގެ" އިރުޝާދާ އެއްގޮތަށް ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށްގެން ހިއުމަން ރިސޯސް މެނޭޖުމަންޓް ސިސްޓަމެއް އެކުލަވާލަން ޓިމްސް އަށް މޮޑިއުލް އެއް އިތުރު ކުރުން ކަމަށެވެ.

"އެއް އަހަރު ދުވަހުގެ މުއްދަތައް ހެދޭ މި ޑޭޓާބޭހުގެ މަގުސަދަކީ ޓޫރިޒަމް ދާއިރާގައި ހަރަކާތެރިވާ މުވައްޒަފުންގެ ތެދު މައުލޫމާތު އަވަސް ގޮތެއްގައި ހޯދުމެވެ،" ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޑޭޓާބޭހުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ރަށް/ ގައުމު ޖިންސުގެ އިތުރުން މަގާމާއި އެހެނިހެން މައުލޫމާތު ވެސްހިމެނޭނެ ކަމަށެވެ.

"މި ޑޭޓާބޭހުގެ އަލީގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މައުލޫމާތާއި މުވައްޒަފުން އިތުރަށް ތަމްރީން ކުރުމަށް ބޭނުންވާ ދާއިރާ ދެނެގަނެ އެކަމަށް ހައްލެއް ލިބިގެންދާނެ އެވެ،" ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.