މާލޭ ސްވިމިން ޓްރެކްގައި ވިއުއިން ޕްލެޓްފޯމް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ސްޕޯޓްސް މިނިސްޓަ އަހްމަދު މަހްލޫފް އިއްޔެ ވިދާޅުވީ މަސައްކަތް ނުފެށި އެކި ފަހަރު މަތިން ލަސްވަމުން ދިޔަ ޕްލެޓްފޯމްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ އީއައިއޭގެ މަސައްކަތަށް ކަމަށެވެ.
ރާއްޖޭގައި ފެތުމުގެ މުބާރާތްތައް ބޭއްވޭނެ ޕޫލެއް ނެތުމުން ސްވިމިން އެސޯސިއޭޝަންގެ ރަސްމީ މުބާރާތްތައް ވެސް ކުރިއަށް ދަނީ ސްވިމިން ޓްރެކްގަ އެވެ.
މި މަސައްކަތް ފެށި އިރު އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް ހަދަން ބިން ސާފު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެ ޕޫލް ހަދަނީ ކުޅިވަރު އެކުވެނި ކައިރީގައި ކުރިން ކުނިކޮށްޓަށް ހާއްސަކޮށްފައި އޮތް ބިމުގަ އެވެ. އެ ބިން ސާފު ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ރަޝީދު ކޭޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ އެވެ.
ސްވިމިން ޕޫލް އިމާރާތް ކުރަނީ ދެ ފަންގިފިލާ ހިމޭނެ ގޮތަށެވެ. ޕޫލް ގާއިމު ކުރަނީ އެއް ވަނަ ބުރީގަ އެވެ. ގުރައުންޑް ފުލޯގައި ހިމެނޭނީ ކެފެޓީރިއާ އަކާއި ސްވިމިންގެ އެކްސަސައިޒްތަކަށް ހާއްސަ ޖިމެކެވެ.