ފަތާ ޓްރެކު

ސްވިމިން ޓްރެކް އަންނަ މަހު ހުޅުވަނީ

މާލޭގެ އިރުދެކުނުގައި އޮންނަ ސްވިމިން ޓްރެކް ތަރައްގީ ކުރުމަށް ހިންގާ މަސައްކަތް ނިންމާ އަންނަ މަހުގެ ކުރީކޮޅު އެތަން ހުޅުވަން ނިންމައިފި އެވެ.

އެ ނިންމުން ހާމަކޮށްފައިވަނީ މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގެ ފަތާ ޓްރެކް އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު އޮތީ އަތްވާއި ވާރެއިން ހިޔާވެވޭނެ ގޮތަކަށް ނޫން ކަމަށެވެ. އަދި އެ ތަނުގައި އެކަށީގެންވާ ޗޭންޖިން ރޫމެއް ނެތްއިރު އެއީ ފަތަން ދާ މީހުންނަށާއި ފެތުމުގެ މުބާރާތްތަކަށް ފަރިތަކުރާ އެތުލީޓުންނަށްވެސް އެކަށީގެންވާ ގޮތަކަށް އޮތް ތަނެއް ނޫން ކަމަށެވެ.

އެތަން ތަރައްގީ ކުރުމަށް ސަރުކާރުން ފެށި މަސައްކަތް ނިމުމާ ހަމައަށް ގޮސްފައިވާއިރު އަންނަ މަހުގެ ކުރީކޮޅު އެތަން ހުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.

"މިހާރު އެތަން ތަރައްގީކުރުމަށް ކުރިއަށްދާ މަޝްރޫއު އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ކުރީކޮޅު ނިމުމަކަށް އަންނާނެ. އޭރުން އެތަނުގައި ހުންނާނީ ހިޔާވެވޭނެ ގޮތަށް ހެދިފައި. އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިން ރޫމްތަކާއި ފާޚާނާ އާއި ފެންވަރާނެ ތަންތަން އެތަނުގައި ހުންނާނެ. އޭރުން އެތަން ބޭނުން ކުރުމުގައި މިހާރު ދިމާވާ، ވަރަށް ގިނަ މައްސަލަތައް ހައްލުވެ އެތުލީޓުންނަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.