ހަބަރު

ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް މުހައްމަދު ޒާހިރު އިސްތިއުފާ ދެއްވައިފި އެވެ.

ޓްރައިބިއުނަލުގެ ރައީސް ކަމަށް، ޒާހިރު އައްޔަން ކުރެއްވީ ސެޕްޓެންބަރު 4، 2019 ގައެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

ދާދި ފަހުން މަޖިލީހުގައި ބޭއްވި ކޮމެޓީ ބައްދަލްވުމެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންނަށް ކާރުކޮޅު ހަމަޖެހިފައިނުވާތީ ޒާހިރު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެކަމާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެެެހެން މެންބަރުން ވަނީ ޒާހިރުގެ އެ ވާހަކަތަކުން ތަނާޒުލްވާ ކަމަށް ވިދާޅުވެ ބަޔާނެއް ވެސް ނެރުއްވާފަ އެވެ.

ޒާހިރުގެ ކުރިން އެތަނުގެ ރައީސަކަށް ހުންނެވީ ގދ. ފަރެސްމާތޮޑާ، އަހްމަދު ޝިފާއު އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް ޝިފާއު ހަމަޖެއްސެވީ މެއި 14، 2018 އިގަ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ އޯގަސްޓްމަހުގެ 27 ވަނަ ދުވަހުއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ޖެހޭ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާ އިދާރާ އެވެ.